ދުނިޔޭގެ މި ވަގުތީ ޙަޔާތަކީ ގުނައިލެވޭ މަދު ދުވަސްކޮޅެއް ކަމުގައި ނޫނީ ނުވެއެވެ. ވަކިން ޚާއްޞަކޮށް މި ޖީލުގެ މީހުންގެ ޢުމުރަކީ ފަސްދޮޅަހަކަށް އަހަރެވެ. މީގެ ކުރީގެ ޖީލުތަކުގެ މީހުންނަށް ދިގު ޢުމުރެއް ލިބިގެންވާކަން ތާރީޚު ހެކިދެއެވެ. އެ ގޮތުން ނޫޙުގެފާނުގެ ޢުމުރާ ބެހޭގޮތުން ކީރިތި ޤުރުއާނުގައި އަންގަވަނީ އެކަލޭގެފާނު 1000 އަހަރަށް ވުރެ 50 އަހަރު މަދުކޮށް ދުނިޔޭގައި އުޅުއްވި ކަމުގައެވެ. އެބަހީ އެކަލޭގެފާނުގެ ޢުމުރުފުޅަކީ 950 އަހަރުފުޅެވެ.
﴿وَلَقَدْ أَرْسَلْنَا نُوحًا إِلَى قَوْمِهِ فَلَبِثَ فِيهِمْ أَلْفَ سَنَةٍ إِلاَّ خَمْسِينَ عَامًا﴾ (العنكبوت: ١٤) މާނައީ: "ހަމަކަށަވަރުން، ތިމަންރަސްކަލާނގެ ނޫޙުގެފާނު، އެކަލޭގެފާނުގެ ޤައުމުގެ މީހުންގެ ގާތަށް ރަސޫލުކަމައިގެން ފޮނުއްވީމެވެ. ފަހެ، އެކަލޭގެފާނު، ފަންސާސް އަހަރު ފިޔަވައި، އެއްހާސް އަހަރު (އެބަހީ: ނުވަސަތޭކަ ފަންސާސް އަހަރު ދީނަށް ގޮވައިލެއްވުމަށް) އެއުރެންގެ ތެރޭގައި ހުންނެވިއެވެ."
ނޫޙުގެފާނުގެ ޤައުމުގެ މީހުން ނުވަތަ ކުރީގެ އިންސާނުން އެހާ ދިގު މުއްދަތެއްގައި ދުނިޔޭގައި އުޅުކަން އެނގެން އޮތުމުން، ހާމަވާ ޙަޤީޤަތަކީ އަޅުގަނޑުމެންގެ މުޅި ޢުމުރަކީ ވެސް މާ ދިގު ވަގުތެއް ނޫން ކަމެވެ. އެ މުއްދަތުގެ ތެރޭގައި ދިމާވާ ކަންކަމަކީ ވެސް ދާދި އަވަހަށް ނިމި ހިނގައިދާނޭ ކަންކަމެވެ. އެ ކަންކަމުގެ ތަކުލީފުގައި ހޭދަވާނީ ވެސް ދާދި މަދު ހިނދު ކޮޅެކެވެ. އެހެންކަމުން ތިބާ ދުނިޔޭގައި އުޅޭއިރު، ދާއިމީ ގޮވައްޗެއްގައި އުޅޭ މީހެއްގެ މިސާލުގައި ނޫޅޭށެވެ! މާދަމާ ވެސް މި ވަގުތީ ޙަޔާތާ އަލްވަދާޢު ކިޔަން ޖެހިދާނެއެވެ.
ފަނާވަނިވި ދުނިޔެ ބިނާ ކުރަންވީ ކިނާރި ފަދައަކުން ނޫނެވެ. ބަނާސަރީކަސަބު އެޅި ބޯވަޅެއް ނެތް ލިބާހަކުން ވެސް ނިވާކުރާ ނަމަ އައުރަ، އިނާމު ލިބޭ ދުވަހު ތިމާ ބާކީ ނުވާނެއެވެ. މި ނޫން އެހެން ހުރިހާ ކަމެއްގައި ވެސް ބަލަންވީ މި މިންގަނޑެވެ. ވަގުތީ ދުނިޔޭގައި ތިމާގެ ކަންކަން ސާދާ ސީދާ ކުރި ވަރަކަށް، ޙަޔާތުގެ މަޤްޞަދާ ނުސީދާވާ މިންވަރު ދައްކުރެވޭނެއެވެ. ތިބާ ދުނިޔޭގައި އުޅެންވީ މާދަމާ ވެސް މި ނޫން ތަނަކަށް ދާން ޖެހިދާނެ މީހަކު ފަދައިންނެވެ. ޢާލަމްތަކަށް ރަޙުމަތެއް ކަމުގައި ފޮނުއްވެވި މާތް ސާޙިބާ މުޙައްމަދު صَلَّى اللهُ عَلَيْهِ وَسَلَّم ވަނީ މި ޙިކުމަތްތެރި ފިލާވަޅު އުންމަތަށް ބަޔާންކޮށްދެއްވައިފައެވެ.
عَنْ ابْن عُمَرَ رضي الله عنهما قَالَ: أَخَذَ رَسُولُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّم بِمَنْكِبِي، وَقَالَ: «كُنْ فِي الدُّنْيَا كَأَنَّك غَرِيبٌ أَوْ عَابِرُ سَبِيلٍ» (رَوَاهُ الْبُخَارِيُّ).މާނައީ: "އިބްނު ޢުމަރު رضي الله عنهماގެ ކިބައިން ރިވާވެގެންވެއެވެ. ރަސޫލުﷲ صَلَّى اللهُ عَلَيْهِ وَسَلَّم ތިމަންގެ ކޮނޑުފުޅުގައި ހިއްޕަވައި ތިމަންނާއަށް ޙަދީޘްކުރެއްވިއެވެ. ތިބާ ދުނިގޭގައި ފަޤީރަކު ފަދައިން ވާށެވެ! ނޫން ނަމަ މަގުހުރަސްކޮށްލާ މީހަކު ފަދައިންވާށެވެ!"
އިބްނު ޢުމަރު މި ބަސްފުޅާމެދު ނިކަން ރަނގަޅަށް ސަމާލުވާ ކަމުގައި ވިއެވެ. އެކަލޭގެފާނު ރަސޫލާ صَلَّى اللهُ عَلَيْهِ وَسَلَّمގެ ބަސްފުޅަށް އިޖާބަދީ އެފަދައިން ޢަމަލުކުރައްވަމުން ގެންދެވިއެވެ. އަދި އެހެންމީހުންނަށް މި މާތް މަތިވެރި ބަސްފުޅު ފޯރުކޮށްދެއްވަމުން އަންނަނިވި އިބާރާތް އިތުރަށް ވިދާޅުވެ އުޅުއްވާ ކަމުގައި ވެއެވެ.
وَكَانَ ابْنُ عُمَرَ رضي الله عنهما يَقُولُ: "إذَا أَمْسَيْتَ فَلَا تَنْتَظِرْ الصَّبَاحَ، وَإِذَا أَصْبَحْتَ فَلَا تَنْتَظِرْ الْمَسَاءَ، وَخُذْ مِنْ صِحَّتِك لِمَرَضِك، وَمِنْ حَيَاتِك لِمَوْتِك." (رَوَاهُ الْبُخَارِيُّ.) މާނައީ: "ތިބާ ހަވީރާ ހަމައަށް ފޯރައްޖެ ނަމަ ހެނދުނާ ހަމައަށް ފޯރާނޭ ކަމަށް އިންތިޒާރު ނުކުރާށެވެ. އަދި ހެނދުނާ ހަމައަށް ފޯރައްޖެ ނަމަ ހަވީރާ ހަމައަށް ފޯރާނޭ ކަމަށް އިންތިޒާރު ނުކުރާށެވެ. އަދި ތިބާ ދުޅަހެޔޮކަމުގައި ވާ ޙާލު ބަލިވެދާނެ ކަމަށް ތައްޔާރުވާށެވެ. އަދި ތިބާ ދިރިހުށްޓައި، މަރަށް ތައްޔާރުވާށެވެ.“ (މި ޙަދީޘް ރިވާކުރެއްވީ އިމާމްބުޚާރީއެވެ.)
މިފަދަ ނަސޭހަތުން ޢިބުރަތް ޙާޞިލްކުރާ މީހުންގެ ތެރެއިން އަޅަމެން ލެއްވުން އެދި ތަކުރާރުކޮށް ދުޢާކުރާށެވެ! ދުނިޔެއިން ހޯދަން ވާނީ އެ ދުނިޔޭގެ ޙަޔާތަށް ބޭނުންވާ މިންވަރު އެކަންޏެވެ. އާޚިރަތަށް ރައްކައުކުރެވޭ ޚަޒާނާގެ ގޮތުގައި ކުރެވޭ ހެޔޮ ޢަމަލަށް ގިނަ ވަގުތު ހޯދާނީ ބުއްދިވެރިންނެވެ. މާދަމާ ވެސް މި ދުނިޔެ ދޫކޮށް ދިޔުމުން، ޢަމަލުގެ ވަގުތު ނިމުނީއެވެ. ދެން އޮންނާނީ އެ ޢަމަލުތަށް ޙިސާބު ކުރުމެވެ. ކާމިޔާބުވާނީ ހެޔޮކަންކަމުގައި ކުރިއަރައިދާ މީހާއެވެ.