ރެއިޑު އޮޕަރޭޝަނެއް ހިންގައި، ނުގަވައިދުން އުޅުނު ފަސް ބިދޭސީއެއް އިމިގްރޭޝަންގެ ބެލުމުގެ ދަށަށް

ރޭ ހިންގި އޮޕަރޭޝަންގައި ބިދޭސީންތަކެއް އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންދަނީ --- ފޮޓޯ/ އިމިގްރޭޝަން

ރެއިޑު އޮޕަރޭޝަނެއް ހިންގައި، ގަވައިދާ ޚިލާފަށް އުޅުނު ފަސް ބިދޭސީއެއް ރޭ އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނެސްފިއެވެ.

އިމިގްރޭޝަނުން ކުރި ޕޯސްޓެއްގައި ވަނީ، ގަވައިދާ ޚިލާފަށް އުޅޭ ބިދޭސީން ބަލައި، ފާސްކުރުމަށް ކުރިއަށް ގެންދާ ރެއިޑު އޮޕަރޭޝަންތަކުގައި ރޭ މާލޭ ހިނާމާ ޕާކިން ސަރަހައްދުގައި އޮޕަރޭޝަނެއް ހިންގި ކަމަށެވެ.

އެ އޮޕަރޭޝަންގައި އެ ސަރަހައްދުގައި އުޅުނު ބިދޭސީން ބަލައި ފާސްކޮށް، ގަވައިދާ ޚިލާފަށް އުޅޭ ފަސް ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނައި ކަމަށް ބުނެފައިވެއެވެ.

މި އޮޕަރޭޝަން ހިންގިއިރު، މިކަން އެންމެ ފުރަތަމަ ފެށި އިމިގްރޭޝަން ކޮންޓްރޯލަރު ކޮރަޕްޝަނުގެ މައްސަލައެއްގައި ވަނީ މަގާމުން ވަކިކޮށް ހައްޔަރުކޮށްފައެވެ.

ރޭ ހިންގި އޮޕަރޭޝަންގައި ބިދޭސީންތަކެއް އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންދަނީ --- ފޮޓޯ/ އިމިގްރޭޝަން

އެންމެ ފަހުގެ ބޯހިމެނުމުގެ އަދަދުތަކަށް ބަލާއިރު، ދިވެހީންގެ އާބާދީއަކީ 382،751 މީހުންނެވެ. ބާކީ 132،371 މީހުންނަކީ ބިދޭސީންނެވެ. އެގޮތުން، ރާއްޖޭގައި އުޅޭ ބިދޭސީންގެ އަދަދު ހުރީ ކޮންމެ ތިން ދިވެއްސަކަށް ބިދޭސީއެއްގެ މަގުންނެވެ.

ދެހާސް ތޭވީސް ވަނަ އަހަރު ވެރިކަމަށް އައި މި ސަރުކާރުގެ އަމާޒަކީ، ގަވައިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ދައުރުގެ ފުރަތަމަ ތިން އަހަރު ތެރޭގައި ހައްލުކުރުމެވެ. އެހެންވެ، ރާއްޖޭގައި އުޅޭ ހުރިހާ ބިދޭސީންގެ މައުލޫމާތު އެއްކުރުމުގެ މަސައްކަތް ވެސް ސަރުކާރުން އަންނަނީ ކުރަމުންނެވެ.

ގަވައިދާ ޚިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީންގެ މައްސަލައަށް ހައްލެއް ގެނައުމަށްޓަކައި ރައީސުލްޖުމްޙޫރިއްޔާގެ ޚާއްސަ އިރުޝާދުގެ ދަށުން މިދިޔަ އަހަރުގެ މެއި މަހުގެ ދެވަނަ ދުވަހު ހޯމް މިނިސްޓްރީން އޮޕަރޭޝަން ކުރަނގި ފެށިއެވެ.

މިފަހުން، މިނިސްޓްރީން ބުނީ، އެ އޮޕަރޭޝަންގެ ދަށުން ފާއިތުވި 10 މަސް ދުވަސްތެރޭ، އޮޕަރޭޝަން ކުރަނގިގެ ދަށުން 100،000 އަށްވުރެ ގިނަ ބިދޭސީންގެ ބަޔޯ-މެޓްރިކް ޑޭޓާ އެއްކޮށްފައިވާ ކަމަށެވެ.

comment ކޮމެންޓް