ތުރުކީގެ އިދިކޮޅު ލީޑަރު ހައްޔަރު ކުރުމަށްފަހު މުއްދަތެއް ނެތް ގޮތަށް ޖަލަށްލައިފި

އުރުދުޣާން އާއި އަކްރަމް އިމާމް އޮގްލޯ

އިސްތަންބޫލް (23 މާޗް 2025) : ތުރުކީގެ އެންމެ ވަރުގަދަ އިދިކޮޅު ލީޑަރު އަދި ރައީސް ރަޖަބް ތައްޔިބު އުރުދުޣާންގެ ސިޔާސީ އެންމެ ބޮޑު ވާދަވެރިޔާ އަކްރަމް އިމާމް އޮގްލޯ ޖަލަށް ލުމަށް ތުރުކީގެ ކޯޓަކުން އަމުރު ކޮށްފިއެވެ.

އޮގްލޯ ޖަލަށްލާން އަމުރު ކުރީ ޓެރަރިޒަމާއި ކޮރަޕްޝަންގެ ތުހުމަތު ތަކެއް އޭނާގެ މައްޗަށް ކުރުމާއެކު މިދިޔަ ބުދަ ދުވަހު ތުރުކީ ފުލުހުން ކުއްލި ގޮތަކަށް އޭނާ ހައްޔަރު ކުރުމާ ގުޅިގެންނެވެ. ހައްޔަރު ކުރުމަށްފަހު ތުރުކީގެ ޕްރޮސެކިއުޓާ ޖެނެރަލް ވަނީ މިދެންނެވި މައްސަލަތަކުގައި ކޯޓުގައި އޭނާގެ މައްޗަށް ދައުވާ އުފުލާފައެވެ.

ޕްރޮސެކިއުޓާ ޖެނެރަލް އެދިވަޑައިގަތީ އަވަސްގޮތަކަށް އޮގްލޯ ހަތަރު އަހަރުގެ މުއްދަތަށް ޖަލަށް ލުމުގެ އަމުރެއް ނެރެދިނުމަށެވެ. ނަމަވެސް ކޯޓުން ހުކުމް ކުރީ އޮގްލޯގެ މައްޗަށް ހުށަހެޅިފައިވާ ޓެރަރިޒަމާއި ކޮރަޕްޝަންގެ މައްސަލަ ކޯޓުގައި ނިމި ހުކުމް ކުރުމާ ހަމައަށް އޭނާ ޖަލުގައި ބެހެއްޓުމަށެވެ.

އަކްރަމް އޮގްލޯ އަކީ ތުރުކީގެ އެންމެ ބޮޑު ސިޓީކަމަށްވާ އިސްތަންބޫލްގެ މޭޔަރެވެ. އޮގްލޯއަކީ އާންމުންގެ ތާއީދު ވަރަށް ބޮޑު ބޭފުޅެކެވެ. ތުރުކީގެ އިދިކޮޅު ފަރާތްތަކުން ދެކެނީ އޮގްލޯ ހައްޔަރުކުރީ ސިޔާސީ ބޭނުމެއް ފަހަތުގައި އޮވެގެންކަމަށެވެ.

ދެހާސް އަށާވީސް ވަނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިޚާބުގައި ރައީސް ރަޖަބް ތައްޔިބު އުރުދުޣާން އާ ވާދަ ކުރައްވާނެ އިދިކޮޅު ލީޑަރުގެ ގޮތުގައި އާންމުން މިހާތަނަށް ދެކެމުންއައި ލީޑަރަކީ އޮގްލޯއަށެވެ. އޮގްލޯ ހައްޔަރުކޮށްފައިވަނީ ޓެރަރިޒަމާއި ކޮރަޕްޝަން އާގުޅޭ ވަރަށް ބޮޑެތި ތުހުމަތު ތަކެއް ކުރުމަށްފަހު ކުއްލިގޮތަކަށެވެ.

މިކަމާދެކޮޅަށް ތުރުކީގެ އާންމުން އެ ގައުމުގެ ބޮޑެތި ސިޓީތަކުގައި ގެންދަނީ ވަރަށް ފުޅާދާއިރާއެއްގައި ރައީސް ރަޖަބް ތައްޔިބު އުރުދުޣާން އާ ދެކޮޅަށް މުޒާހަރާ ކުރަމުންނެވެ. މުޒާހަރާކުރާ މީހުން ބުނާގޮތުގައި އޮގްލޯ ހައްޔަރުކުރީ 2028 ގައި ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިޚާބުގައި ވާދަކުރުމުގެ ފުރުސަތުން އޭނާ މަހުރޫމް ކުރުމުގެ ރޭވުމުގެ ދަށުންނެވެ.

ރައީސް އުރުދުޣާން އަކީ އޭނާއާ އިދިކޮޅު ސިޔާސީ ފަރާތްތަކުގެ ބާރުކަނޑުވާލުމުގެ ވަރަށް ހީލަތްތެރި އޮޓޮރޮޓޭރިޔަން ސިޔާސަތެއް ގެންގުޅުއްވާ ބޭފުޅެއްކަމަށް އިދިކޮޅު ފަރާތްތަކުން އަބަދުވެސް ތުހުމަތު ކުރާ ބޭފުޅެކެވެ. މީގެ ކުރިންވެސް އިންތިޚާބުތަކުގައި ވާދަކުރުމުން އިދިކޮޅު ލީޑަރުން މަހުރޫމް ކުރުމަށްޓަކައި އެކިއެކި ތުހުމަތުތަކުގައި ތުރުކީގައި ސިޔާސީ ލީޑަރުން ހައްޔަރުކޮށް އެ މީހުންގެ މައްޗަށް ދައުވާކުރުމުގެ ކުޅިގަނޑު އުރުދުޣާން ކުޅުއްވަމުން ގެންގޮސްފައިވެއެވެ.

އޮގްލޯ ހައްޔަރުކޮށްފައިވަނީ ސިޔާސީ ބޭނުމެއްގައިކަން ދޭހަވަނީ އޭނާ ހައްޔަރުކުރީ އިދިކޮޅު އެންމެ ބޮޑު ޕާޓީކަމަށްވާ ރިޕަބްލިކަން ޕީޕަލްސް ޕާޓީގެ ޕްރައިމަރީގައި ވާދަކުރަން އޭނާ ނިންމަވާފައި ވަނިކޮށެވެ. އެ ޕްރައިމަރީ ބޭއްވުމުގެ އެއް ދުވަސް ކުރިން އޮގްލޯ ކުއްލި ގޮތަކަށް ހައްޔަރު ކުރުމުން މިޝައްކުތައް ވަނީ އިތުުރުވެގެން ގޮސްފައެވެ.

އޮގްލޯ ވަރަށް ފަސޭހައިން މި ޕްރައިމަރީ ކާމިޔާބު ކުރާނެކަމަށް އިދިކޮޅު ފަރާތްތަކުން ދެކެއެވެ. ޕްރައިމަރީ ކާމިޔާބު ކޮށްފިނަމަ އިދިކޮޅު ޕާޓީތައް ގުޅިފައިވާ ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓަކަށްވާނީ އޮގްލޯއެވެ. މިއީ އުރުދުޣާން އާ ވާދަކޮށްގެން ކާމިޔާބު ލިބޭފަދަ ސިޔާސީ ގޮތުން ވަރުގަދަ ހާލަތެއްކަމަށް އިދިކޮޅު ޕާޓީތަކުން ދެކެއެވެ.

އަކްރަމް އޮގްލޯ ވަނީ އޭނާގެ މައްޗަށް ކޮށްފައިވާ ހުރިހާ ތުހުމަތުތަކަކަށް އިންކާރު ކުރައްވާފައެވެ.

އޮގްލޯ ހައްޔަރު ކުރުމުން ފުރަތަމަ ސަރުކާރާ އިދިކޮޅަށް އާންމުން މުޒާހަރާތައް ފެށީ އިސްތަންބޫލްގައެވެ. އެއަށްފަހު އެތައް ލައްކަބަޔަކު ވަނީ މުޒާހަރާތަކާ ގުޅިފައެވެ. އަދި މުޒާހަރާތައް ވަނީ ތުރުކީގެ 55 ޕްރޮވިންސަކަށް ފެތުރިގެން ގޮސްފައެވެ. ތުރުކީގައި އޮންނަނީ 81 ޕްރޮވިންސެވެ. މުޒާހަރާތައް މިހާރު ވެސް ދަނީ ވަރަށް ހޫނުކޮށެވެ.

ތުރުކީގެ ފުލުހުން ގެންދަނީ ބާރުގެ ބޭނުންކޮށްގެން މުޒާހަރާތަކަށް ހުރަސްއަޅައި މުޒާހަރާތަކުގައި އިސްކޮށް އުޅޭ އެކްޓިވިސްޓުން ހައްޔަރު ކުރަމުންނެވެ. މިހާތަނަށް މުޒާހަރާތަކުން 323 މީހަކު ވަނީ ހައްޔަރު ކޮށްފައެވެ. މިއާއެކު ތުރުކީގެ ފައިސާގެ އަގު ވެއްޓި މުޅި ގައުމުވަނީ ހަލަބޮލިވެފައެވެ.

ދެހާސް ތިން ވަނަ އަހަރުން ފެށިގެން ތުރުކީގައި ވެރިކަން ކުރައްވަމުން ގެންދަވަނީ ރައީސް ރަޖަބް ތައްޔިބު އުރުދުޣާންއެވެ. އެ އަހަރުން ފެށިގެން 2014 އާ ހަމައަށް އުރުދުޣާން ހުންނެވީ ތުރުކީގެ ބާރުގަދަ ބޮޑުވަޒީރު ކަމުގެ މަގާމުގައެވެ. އޭރު ތުރުކީގައި އޮތީ ބަރުލަމާނީ ނިޒާމެކެވެ.

އެއަށްފަހު 2014 ވަނަ އަހަރުން ފެށިގެން އުރުދުޣާން އަދާކުރައްވަމުން ގެންދަވަނީ ތުރުކީގެ ރައީސްކަމުގެ މަގާމެވެ. ރައީސްކަމަށް ވަޑައިގެންނެވީ ބޮޑުވަޒީރުކަމުގައި ހުންނަވައިގެން ތުރުކީގައި އޭރު އޮތް ބަރުލަމާނީ ނިޒާމު ރިޔާސީ ނިޒާމަކަށް ބަދަލު ކުރައްވައިގެންނެވެ. މިކަން ކުރެއްވީ ޕާލަމެންޓްގައި އޭނާގެ ޕާޓީއަށް ލިބިފައިވާ ތަނަވަސް އަޣްލަބިއްޔަތު ގެ ބޭނުންކޮށްގެން ތުރުކީގެ ދަސްތޫރަށް ބޮޑެތި ބަދަލުތަކެއް ގެނެސް ގެންނެވެ.

ގުޅޭ ޓެގު
comment ކޮމެންޓް