ތެލަސީމިއާ ސެންޓަރުގެ ވެރިންގެ އިސްތިއުފާއަށް ގޮވާލައި މުޒާހަރާކޮށްފި

ތެލަސީމިއާ ސެންޓަރުގައި މުޒާހަރާ ކުރަނީ ----

މޯލްޑިވްސް ބްލަޑް ސާވިސް (އެމްބީއެސް)ގެ ވެރިންގެ އިސްތިއުފާއަށް ގޮވާލައި، ތެލަސީމިއާ ސެންޓަރުގައި އެ ބައްޔަށް ފަރުވާ ހޯދާ މީހުންނާއި އާއިލާތައް މުޒާހަރާކޮށްފިއެވެ.

ތެލަސީމިއާ ސެންޓަރުގައި މުޒާހަރާ ކުރާ ބައިވެރިން އަންނަނީ، އެމްބީއެސްގެ ޕަބްލިކް ހެލްތު ކޯޑިނެޓާ ފައިސަލް އިބްރާހީމާއި ހެލްތު މިނިސްޓްރީގެ ސްޓޭޓް އައިމިނަތު ޝިރުނާގެ އިސްތިއުފާއަށް ގޮވާލަމުންނެވެ.

އެމްބީއެސްގެ އެތެރޭގައި ވެސް ބައެއް މީހުން ޕޯސްޓަރުތައް ހިފައިގެން މުޒާހަރާ ކުރަމުން އަންނައިރު، އިތުރު މީހުން އަންނަނީ ސެންޓަރުގެ ބޭރުގައި ވެސް ޝުއޫރު ފާޅުކުރަމުންނެވެ. މިހާރު ފުލުހުން ވަނީ މުޒާހަރާ ރޫޅާލައި، އެ ތަނުން އެމީހުން ފޮނުވާލާފައެވެ.

ތެލަސީމިއާ ޕޭޝަންޓުންނާއި، އެ މީހުންގެ އާއިލާތަކުން މުޒާހަރާ ކުރަން ފަށައިފައި ވަނީ ތެލަސީމިއާ ސެންޓަރުގައި ބޭނުންކުރާ ފިލްޓަރުތައް ހަލާކުވެ، ލޭ ޕެކެޓުތަކުން އިސްރާފުވާ މިންވަރު އިތުރުވާތީއެވެ.

ރަށްރަށުގައި ވެސް އެ މައްސަލަ އަންނަނީ މެދުވެރިވަމުންނެވެ.

އެ މައްސަލައިގައި، ލޭ އަޅާ ކުދިން އަންނަނީ ސޯޝަލް މީޑިއާގައި ވެސް ކަންބޮޑުވުން ފާޅުކުރަމުންނެވެ.

އެގޮތުން، މީހަކު ކޮށްފައިވާ ޕޯސްޓެއްގައި ވަނީ، އައު ފިލްޓަރުތައް ބޭނުންވާ ކަމަށާއި ނަރުހުންނަށް ވެސް ރޯދަ މަހު އަވަސް އަވަހަށް ފިލްޓަރު ބަދަލުކުރަން ފަސޭހަ ނުވާނެ ކަމަށް ބުނެފައެވެ.

މި މައްސަަލައިގައި ހެލްތު މިނިސްޓްރީންނާއި، އެމްބީއެސްއިން އަދި ރަސްމީ ބަހެއް ނުބުނެއެވެ.

comment ކޮމެންޓް