މިހާރު ބޭނުންކުރަމުން އަންނަ ޕްރިންޓް ކާޑުގެ ބަދަލުގައި ތެލަސީމިއާ ޑިޖިޓަލް ކާޑު ތައާރަފުކޮށްފިއެވެ.
މޯލްޑިވްސް ބްލަޑް ސާވިސަސް (އެމްބީއެސް)އިން ނެރުނު ބަޔާނެއްގައިވަނީ ތެލަސީމިއާ ޑިޖިޓަލް ކާޑު ތައާރަފުކުރީ ލޭގެ ބަލިތަކަށް ޚާއްސަ ވަށާޖެހޭ ފަރުވާގެ ނިޒާމެއް ގާއިމްކުރުމަށްޓަކައި މަރުހަލާތަކަކަށް ބަހައިލައިގެން ކުރިއަށް ގެންދާ މަސައްކަތްތަކުގެ ތެރެއިން ކަމަށެވެ.
މި ބަދަލާއެކު، މީގެ ކުރިން ދޫކުރަމުން އައި ޕްރިންޓު ކާޑުގެ ބަދަލުގައި ތެލަސީމިއާ ކެރިއަރެއްކަން ނުވަތަ ނޫންކަން އަންގައިދޭ ކާޑުގެ ހަތް ބާވަތެއްގެ ސިފަ ހިމެނޭ ޑިޖިޓަލް ކާޑު ލިބިގެންދާނެ ކަމަށް، ބްލަޑް ސާވިސަސްއިން ނެރުނު ބަޔާނުގައިވެއެވެ.
ބްލަޑް ސާވިސަސްއިން ބުނީ، މި ކާޑުގެ ސައްހަކަން ކަށަވަރުކުރުމަށްޓަކައި ޚާއްސަ ކިއުއާރު ކޯޑެއް ވެސް ހިމެނިފައިވާނެ ކަމަށާއި، އެ ކޯޑު މެދުވެރިކޮށް ތެލަސީމިއާ ކެރިއަރުންނަށް އާއިލާ ރޭވުމުގައި ބޭނުންވާނެ މުހިންމު އިރުޝާދުތަކާއި މައުލޫމާތުތައް ވެސް ފަސޭހަމާއެކު ލިބޭނެ ކަމަށެވެ. މި ވަގުތު ޑިޖިޓަލް ކާޑު ލިބޭނީ ވަޓްސްއެޕާއި އީމެއިލް މެދުވެރިކޮށް ކަމަށް ވެސް އެ އިދާރާއިން މައުލޫމާތުދެއެވެ.
ފާހަގަކުރެވޭ ގޮތުގައި ތެލަސީމިއާގެ ބާވަތްތައް ދެނެގަތުމަށް ތަހުލީލު ހަދާ ޑީއެންއޭ ލެބޯރެޓަރީއެއް މިދިޔަ ފެބްރުވަރީ މަހުގެ އަށްވަނަ ދުވަހު ވަނީ ހުޅުވައިފައެވެ.
އެ ލެބޯރެޓަރީއާ ގުޅޭ ގޮތުން ދަރުމަވަންތަ ހޮސްޕިޓަލުގެ ސީއީއޯ އިބްރާހީމް ޢަބްދުއްރައްޒާޤް ޙަލީމް އެ ދުވަހު ވިދާޅުވީ، އެ ލެބޯރެޓަރީގެ ސަބަބުން އާއިލީ ގޮތުން ވާރުތަކުރާ ލޭގެ މިއުޓޭޝަންތަކުގެ މުހިންމު ބާވަތްތައް ރާއްޖޭގައި ތަހުލީލުކުރެވި ނަތީޖާ ލިބޭނެ ކަމަށާއި، ޖުމްލަ 27 ބާވަތެއްގެ މިއުޓޭޝަންތައް ދެނެގަނެވޭނެ ކަމަށެވެ.
ތެލެސީމިއާ ހުންނަ ކުދިންނާއި މީހުންނަށް ދައުލަތުން މާލީ އެހީތެރިކަން ފޯރުކޮށްދެމުން އަންނައިރު، ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ)ގައި ރަޖިސްޓްރީކޮށްފައިވާ، އެ ބަލި ހުންނަ ކުދިންނާއި މީހުންގެ އަދަދު 546އަށް އަރާ ކަމަށް ތަފާސްހިސާބުން ދައްކައެވެ.