ބޯފެނަކީ އިންސާނާގެ ދިރިހުރުމާ ގުޅިފައި އޮތް އެއްޗެކެވެ. އަދި ކިޔެއް ހުރިހާ އެއްޗެއްގެ ދިރުން ﷲ ލެއްވީ ފެނުގެ ވާސިޠާއިންނެވެ. އެކަލާނގެ ވަޙީކުރެއްވިއެވެ. ﴿وَجَعَلْنَا مِنَ الْمَاءِ كُلَّ شَيْءٍ حَيٍّ أَفَلَا يُؤْمِنُونَ﴾ ‎(الأنبياء: ٣٠)‏ މާނައީ: "އަދި ތިމަންރަސްކަލާނގެ ދިރޭ ކޮންމެ އެއްޗެއް ފެނުން ހެއްދެވީމެވެ." އެހެންކަމުން ފެނަކީ ދިރިހުރި ކޮންމެ އެއްޗަކަށް ތާ އަބަދު ބޭނުންވާނެ އެއްޗެކެވެ. މި ފަސްލަފާގެ ތެރޭގައި އިންސާނާ ވެސް ހިމެނެއެވެ. އޭނާ ވެސް ދިރިހުރުމަށް ޓަކައި ހަށިގަނޑަށް ބޭނުންވާ ވަރަށް ފެން އެތެރެކުރަން ޖެހެއެވެ. ހުރިހާ ކަމެއްގައި ވެސް ރަނގަޅު ގޮތް އިޚްތިޔާރު ކުރެއްވި އިސްލާމްދީނުގައި ފެންބުއިމަށް ވެސް ރަނގަޅު އަދަބުތަކަކާއި އަޚުލާޤުތަކެއް ވަނީ ކަނޑައަޅުއްވައިފައެވެ.

ދީނަށް އުޅުމަކީ ނަމާދުކުރުމާއި ޒަކާތްދިނުމާއި ޙައްޖު ނުވަތަ ޢުމްރާވުން އެކަނި ކަމުގައި ދެކޭ ބަޔަކު ވެސް މި ޒަމާނުގައި އުޅެއެވެ. އަދި އެ ވިސްނުމާއި ފިކުރު މީހުންތެރޭ ފެތުރެމުން ވެސް އެބަ ދެއެވެ. މިއީ ގޯސް ވިސްނުމެކެވެ. އިސްލާމްދީނަކީ ހުރިހާ ދާއިރާއަކުން އިންސާނާ ތަރައްޤީކުރާ ދީނެކެވެ. ހުރިހާ ރޮނގެއްގައި މީހާ ތަހުޒީބުކޮށް ތަރުތީބުކުރާ ދީނެކެވެ. އެ ގޮތުން ފެން ބުއިމުގައި ވެސް ތަރުތީބަކާއި ތަރުބިއްޔަތެއް ކަނޑައަޅުއްވައިފައި ވެއެވެ. އޭގެތެރެއިން 7 ކަމަކަށް މި ލިޔުމުގައި ބަލައިލާނަމެވެ.

1- ފެން ކަންވާރުގައި ތުންނުޖެހުން.

އެންމެން ބޭނުންކުރަން ފެން އަޅާފައި ހުންނަ ކަންވާރުގައި ތުންޖެހުމަކީ ނަބިއްޔާ صَلَّى اللهُ عَلَيْهِ وَسَلَّم މަނާކުރެއްވި ކަމެކެވެ. «‏نَهَى أَنْ يُشْرَبَ مِنْ فِي السِّقَاءِ»‏.‏ (رواه البخاري: 5628) މާނައީ:- "ބޯފެން އަޅާފައި ހުންނަ ކަންވާރުގެ ތުނބުން (އެބަހީ ތުނބުގައި އަނގަޖަހައިގެން) ބުއިން އެކަލޭގެފާނު ނަހީކުރެއްވިއެވެ." السِّقَاءِގެ މާނައަކީ: ފެން އަޅާފައި ހުންނަ އެއްޗެތިގެ ތެރެއިން ތުނބެއް ނުވަތަ ފެން އޮއްސާނެ ވަކިތަނެއް ހުންނަ ތަކެއްޗެވެ. މިފަދަ ތަކެތީގެ ތުނބުގައި އަނގަޖެހުމަށް އެ ވަނީ ނަހީކުރައްވައިފައެވެ. އެހެންކަމުން އެ މީހަކަށް ބޯން ބޭނުންވާ ވަރަށް ތައްޓަކަށް ނުވަތަ އެހެން އެއްޗަކަށް ފެން އަޅައިގެން ބުއިމަކީ ސުންނަތް ގޮތެވެ. (*ނޯޓް: މި ޒަމާނުގައި ބޭނުންކުރާ ޕެޓު ފުޅި މި ޙުކުމުގެ ތެރެއަށް ނުވަންނާނެއެވެ. އެއީ އެފުޅިއަކީ އެކަކު އެކަނި ބުއިމަށް ބޭނުންކުރާ ފުޅިއަކަށް ވީތީއެވެ. އެފުޅިން ވެސް އެހެން މީހުންނަށް ދީގެން ބޯނަމަ ފުޅީގައި ތުންޖެހުން ނަހީވެގެން ވެއެވެ.)

2- ބިސްމި ކިޔުން

ފެން ބޯން ފެށުމުގެ ކުރިން ބިސްމި ކިޔުމަކީ ވެސް ސުންނަތެކެވެ. ރަސޫލާ صَلَّى اللهُ عَلَيْهِ وَسَلَّم ޙަދީޘްކުރެއްވިއެވެ. «وسموا إذا أنتم شربتم»‏ (رواه الترمذ : 1885) މާނައީ: "(އެއްވެސް) ބުއިމެއް ބޯން ފެށުމުގެ ކުރިން ﷲގެ އިސްމުފުޅުން ފައްޓާށެވެ. (އެބަހީ: بسم الله ކިޔާށެވެ.)" މުސްލިމުންނަށް އިރުޝާދު ދެއްވައިފައި އޮތީ ކޮންމެ ކަމެއް ވެސް ﷲގެ އިސްމުފުޅުން ފެށުމަށެވެ. މި ކަމުގައި ވަކީން ޚާއްޞަކޮށް އިރުޝާދު އައިސްފައި އޮތުމުން ކަމުގެ މުހިންމުކަން ދޭހަވެއެވެ. ގިނަ މީހުން މިކަން ހަނދާނުގައި ހުރޭބާއެވެ؟

3- ކަނައަތުން ހިފައިގެން ފެން ބުއިން

ހުރިހާ ރަނގަޅުކަމެއް ކަނާއަތުން ކުރުމަށް އިރުޝާދުދެއްވި މާތް ނަބިއްޔާ صَلَّى اللهُ عَلَيْهِ وَسَلَّم ވަނީ ކެއުންބުއިމުގައި ވެސް ކަނާއަތް އިސްކުރުމަށް އަންގަވައިފައެވެ. «‏لا يَأْكُلَنَّ أحَدٌ مِنكُم بشِمالِهِ، ولا يَشْرَبَنَّ بها، فإنَّ الشَّيْطانَ يَأْكُلُ بشِمالِهِ، ويَشْرَبُ بها.»‏‏ (رواه مسلم) މާނައީ: "ތިޔަބައިމީހުންކުރެ އެކަކު ވެސް އޭނާގެ ވައަތުން ނުކާށެވެ! އަދި ވައަތުން ނުވެސް ބޯށެވެ! ފަހެ، ހަމަކަށަވަރުން ޝައިޠާނާ ކަނީ ވައަތުންނެވެ. އަދި ބޮނީ ވެސް އެ އަތުންނެވެ." މި ޙަދީޘަށް ޢަމަލުކުރާ މީހާއަށް، ސުންނަތަށް ޢަމަލު ކުރުމުގެ ސަވާބު ލިބޭނެއެވެ. އެ މީހެއްގެ ކަނާއަތް ނެތް މީހާ، ނުވަތަ ބައްޔެއްގެ ސަބަބުން ކަނާއަތް ވަގުތީ ގޮތުން ބޭނުންނުކުރެވޭ މީހާ ވައަތުން ފެން ބުއިމަކީ އިސްތިސްނާ ހާލަތެކެވެ. ވަގުތީ ގޮތުން ކަނާއަތް ބޭނުންނުކުރެވޭ މީހާ ވެސް ވައަތުން ފެން ބުއިމުގައި ކަނާއަތުގެ އެހީ ހޯދުން އެއީ މޮޅުއިތުރު ގޮތެކެވެ.

4- އިށީނދެ އިނދެގެން ފެން ބުއިން

ކޮޅައްހުރެ ފެންބުއިމަކީ ވެސް މަނާކަމެއް ނޫނެވެ. އެހެނަސް އިތުރު މާތް ނަބިއްޔާ صَلَّى اللهُ عَلَيْهِ وَسَلَّم ގިނަ ފަހަރު ފެންފޮދު ހިތްޕެވީ އިށީންނަވާއިންނަވައިގެންނެވެ. ކޮޅަށް ހުންނަވައިގެން ވެސް މަދު ފަހަރެއްގައި ފެންފޮދު ހިތްޕެވިއެވެ. އެކަލޭގެފާނު ކޮޅަށް ހުންނަވައިގެން ފެންފޮދު ހިތްޕެވި މަދު ފަހަރެއްގައި އެކަން އެ ކުރެއްވީ އެއީ ޙަރާމް ކަމެއް ނޫންކަން ބަޔާންކޮށްދެވުމަށެވެ. އަދި ގިނަ ފަހަރު އިށީންނަވާއިންނަވައިގެން ފެންފޮދު ހިތްޕެވީ، އެންމެ ރަނގަޅު ގޮތަކީ އެ ގޮތްކަމުގައި ބަޔާންކޮށްދެއްވުމަށް ކަމަށް މި މައުޟޫގައި ބަހުސްކުރެއްވި ޢިލްމުވެރިން ވިދާޅުވެލައްވައެވެ. އެހެންވީމާ އިށީނދެ އިނދެގެން ފެން ބޮވެން އޮތިއްޔާ ކޮޅައްހުރެ ފެން ނުބުއިމަކީ ރަނގަޅު ގޮތެކެވެ. އަދި އެސުންނަތަށް ޢަމަލުކުރުމުގެ ސަވާބު ވެސް ލިބޭ ހުއްޓެވެ.

5- ތިން ފަހަރުން ބުއިން

އެއްފަހަރާ އެކީއެކަށް ފެންތައް ގޮހޮރަށް ފޮނުވާލާ ގޮތަށް ބުއިމަކީ ހުއްދަ ކަމެއް ނޫނެވެ. އެއީ ނަހީކުރައްވައިފައި އޮތް ކަމެކެވެ. ނަބިއްޔާ صَلَّى اللهُ عَلَيْهِ وَسَلَّم ޙަދީޘްކުރެއްވިއެވެ. «‏لَا تَشْرِبُوا وَاحِداً كَشُربِ البَعِيرِ، وَلَكِن اِشْرِبُوا مَثْنَى وَثُلَاثَ»‏ ‏((رواه الترمذ: 1885) މާނައީ: "ޖަމަލު ބޯހެން އެއްފަހަރާ ތިޔަބައިމީހުން (ބުއިންތައް) ނުބޯށެވެ! ދެ ފަހަރުން ނުވަތަ ތިން ފަހަރުން ބޯށެވެ!" މި އިރުޝާދުމަތީ ދިރިއުޅުމަކީ ކިޔަމަންތެރިންގެ ގޮތެވެ.

ކިތަންވެ ކަރުހިތްކައިފައި ހުއްޓަސް އެކީ އެއްފަހަރާ ބައިވަރު ފެން ގޮހޮރަށް ފޮނުވާކަށް ނުވާނެއެވެ. އެ ކަން ނަހީ ކުރައްވައިފައި އެވަނީ އެ ކަމުގައި އިންސާނުންނަށް ގެއްލުންތަކެއް ވާނެތީކަން ކަށަވަރެވެ.

6- ފެންތައްޓަށް ނޭވައިނުލުން

ފެންބޯ ތައްޓަށް ނޭވައިލުމަކީ ގޯސްކަމެކެވެ. އެއީ ފެންބޯ ހިނދުގައި ކަމަށް ވިޔަސް މެއެވެ. ނަބިއްޔާ صَلَّى اللهُ عَلَيْهِ وَسَلَّم އެ ކަން މަނާކުރެއްވިއެވެ. އަބޫ ސަޢީދު އަލްޚުޟްރީ رضى الله عنهގެ އަރިހުން ރިވާވެގެން ވެއެވެ. «أَنَّ النَّبِيَّ صلى الله عليه وسلم نَـهَى عَنِ النَّفخِ فِي الشَّرَابِ، فَقَالَ رَجُلٌ:‏ الْقَذَاةُ أَرَاهَا فِي الْإِنَاءِ‏؟‏ فَقَالَ‏:‏ ‏"‏أَهْرِقْهَا‏"‏ قَالَ‏:‏ إِنِّي لَا أَرْوَى مِن نَفْسٍ وَاحِدٍ‏؟‏ قَالَ‏:‏ ‏"‏فَأبِنِ القَدَحَ إِذاً عَن فِيكَ»(رواه الترمذي) މާނައީ: "ބުއިމެއް އަޅާފައި ހުންނަ ތައްޓަށް ފުމުން ނަބިއްޔާ صَلَّى اللهُ عَلَيْهِ وَسَلَّم ނަހީކުރެއްވިއެވެ. ފަހެ، މީހަކު ދެންނެވިއެވެ. "(ބޯން އުޅޭހިނދު) ކުނޑިކޮޅެއް ޒާތުގެ އެއްޗެއް ތިމަންނާއަށް ފެނެއެވެ. އެއަށް ހަނދާނީ ކިހިނެތްތޯއެވެ؟ (އެބަހީ: އޭނާ ތަށީގައި ހުންނަ ދިޔާ އެއްޗަށް ފުމެނީ، އެ ކުނޑިކޮޅު ދުރަށް ލުމަށެވެ. އެ އެތިކޮޅައިނުލާ ބުއިމަށެވެ.) ފަހެ، އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ. އެ އެތިކޮޅު (ފެނާއެކު) ބޭރަށް އޮއްސައިލަށެވެ." ދެން އެ މީހާ ދެންނެވިއެވެ. "އެއް ކޯވަރުން ތިމަންނާގެ ކަރުހިއްކުން ނުފިލައެވެ." (އޭނާ އެ ބުނަނީ ގިނައިން ފެންބޯހިނދު ދެ ކޯވަރު ދޭތެރޭ ތަށީގެ ތެރެއަށް ނޭވައި ލެވޭ ވާހަކައެވެ.) އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ. "(ތިން ކޯވަރުން ފެން ބޯއިރު) ދެ ކޯވަރު ދޭތެރޭ ފެންބޯ ތަށި ތިބާގެ އަނގަޔާ ދުރަށް ލާށެވެ!" (އެބަހީ: ތަށީގެ ތެރެއަށް ނޭވައި ނުލާށެވެ!)

7- ފެން ބޮއެ ނިމިގެން ޙަމްދުކުރުން

ފެނަކީ އިންސާނާގެ ދިރިހުރުމަށް މުހިންމު އެއްޗެއް ކަމަށް ވާތީ ފެންފޮދެއް ބޮވޭ ކޮންމެ ފަހަރަކު ﷲއަށް ޙަމްދުކުރަން ވާނެއެވެ. އިތުރު އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ. «وَاحْمَدُوا إِذا أَنْتُم رَفَعْتُمْ»‏ ‏((رواه الترم : 1885) މާނައީ: "އަދި އެ ބުއިން ބޮއެ ނިމުމުން އެއިލާހަށް ޙަމްދު ކުރާށެވެ! (އެބަހީ: الحمد الله ކިޔާށެވެ.) ﷲދެއްވާ ރިޒުޤަށް ޙަމްދުކުރުމަކީ އެއިލާގެ ނިޢުމަތް އިތުރުކުރައްވާ ކަމެކެވެ.

ލޮބުވެތި ކިޔުންތެރިންނޭވެ! މި ޒާތުގެ ކުދިކުދި ކަމަށް ބެލެވޭ އެތައް ކަމެއްގައި އިސްލާމްދީން ވަނީ ފައިދާ ހުރި ގޮތްގޮތަށް އެކަންކަން ކުރުމަށް ނަސޭހަތްތެރިވެފައެވެ. މިފަދަ ކަންކަމުގެ ޢިލްމު ހޯދާ ދެނެގަނެ، އެގޮތުގެ މަތިން ޢަމަލުކުރުމަށް ލޯބިކުރަން ވާނެއެވެ. އެއީ ﷲގެ ރުހުން އެކަމުގައި އޮތް ކަންކަމެވެ. އެއީ ޢަދަބީ ސުންނަތްތަކެވެ. ރިވެތި އަޚުލާޤެވެ. ކުޅަދާނަކަން ލިބުނުވަރަކުން ސުންނަތްތައް އަދާކުރުންމަތީ ދެމިތިބޭށެވެ!

comment ކޮމެންޓް