ކަނަމަދު: އަނގަޔަށް މީރު ފައިދާތައް އެހާމެ ގިނަ

ކަނަމަދު: ހަށިގަނޑަށް ބޭނުންވާ ގިނަ ވިޓަމިންސް އާއި މިނެރަލްސްގެ މާއްދާތައް އެކުލެވޭ ބާވަތެއް--ފޮޮޓޯ/ފޭސްބުކް

ސީ އާމަންޑު، ޓްރޮޕިކަލް އާމަންޑު, ނުވަތަ އިންޑިއަން އާމަންޑުގެ ނަމުން ބައެއް މީހުން ކިޔާ މަދުގެ މި ބާވަތަށް ދިވެހިން ކިޔާއުޅެނީ ކަނަމަދެވެ.

ބައެއް ޤައުމުތަކުގެ އައްސޭރި ފަށުގައި މިއީ އާއްމުކޮށް ހެދޭ ބާވަތެއްގެ ގަހަކަށްވީ ނަމަވެސް ރާއްޖޭގެ ރަށްރަށުގައި މިއީ ބޯ ޖަންގަލީގައި ވެސް ބިޔަކޮށް ހެދޭ ގަހެކެވެ.

މިދިލި ގަހުގައި އަޅާ މޭވާއިން ލިބޭ ކަނަމަދަކީ ރަހަމީރު އެއްޗެކެވެ. ރާއްޖޭގައި ފަހަކަށް އައިސް ކަނަމަދުން ތައްޔާރުކުރާ ވަރަށް ގިނަ ބާވަތްތައް ހިމެނޭއިރު އެންމެ މަޝްހޫރު އެއް ބާވަތަކީ ކަނަމަދު ބޭނުންކޮށްގެން ތައްޔާރުކުރާ ކަނަމަދު ކޭކެވެ.

ކަނަމަދު ބޭނުންކޮށްގެން ތައްޔާރުކޮށްފައިވާ ކޭކެއް--ފޮޓޯ/ލޮނުމެދު

ބައެއް މީހުން ކަނަމަދު ހުހަށްކާއިރު އަނެއްބައި މީހުން ކަނަމަދު ބޭނުންކޮށްގެން އެކި ވައްތަރުގެ މެޓާ، ޗޮކްލެޓް އަދި ޓޮފީ ފަދަ ބާވަތްތައް ތައްޔާރުކުރެއެވެ.

ކަނަމަދުން ހަށިގަނޑަށް ލިބޭ ފައިދާތަކަށް ބަލާއިރު މިއީ ނިއުޓްރިޝަނަލް ގޯލްޑްމައިންއެކޭ ބުނެވިދާނެ ކަމަށް ޕްލާންޓް ބައޮލޮޖިސްޓެއް ކަމަށްވާ ކިއަސްޓެން ރޭންކެލް މިދިލި ގަހާއި ބެހޭގޮތުން ޝާއިއުކޮށްފައިވާ ލިޔުމެއްގައި ވަނީ ބުނެފައެވެ.

ޕްލާންޓް ބައޮލޮޖިސްޓެއްގެ އިތުރުން އެމެރިކާގައި މާސްޓަ ނިއުޓްރަލިސްޓެއްގެ ގޮތުގައި ވެސް މަސައްކަތް ކުރަމުން އަންނަ ކިއެސްޓަންގެ ލިޔުމުގައި ބަޔާންކޮށްފައިވާ މުހިއްމު ނުކުތާތަކުގެތެރޭ މިއީ މުހިއްމު އެންޓިއޮކްސިޑެންޓްސް ކަމަށްވާ އެންތޮސައިނިން އަދި ކުއަސެޓިންގެ މާއްދާތައް ގިނަ އެއްޗެއްކަން ވަނީ ފާހަގަކޮށްފައެވެ.

ކަނަމަދު ބޭނުންކޮށްގެން ރާއްޖޭގައި އަޅާފައިވާ މެޓާގަނޑެއް--ފޮޓޯ/އެމްވީހޮޓެލްސް

މިއީ ރީތި ފެންސީ ބަސްތައް ނޫން ކަމަށާއި މި މާއްދާތަކުގެ ސަބަބުން ކުދި ކުދި ބަލިތަކުން ހަށިގަނޑުގެ ސެލްތައް ރައްކާތެރިކޮށްދީ ސެލްތައް ހަލާކުވުން ދުރުކޮށްދިނުމަށް އެހީތެރިވެދޭ ކަމަށް މާސްޓަ ނިއުޓްރަލިސްޓް ކިއަސްޓެން ރޭންކެލްގެ ލިޔުމުގައި ވަނީ ބަޔާންކޮށްފައެވެ.

ހަމައެއާއެކު ކަނަމަދަކީ އޭގައި އެކުލެވޭ ވިޓަމިންސް އާއި މިނެރަލްސްގެ މާއްދާތަކުގެ ސަބަބުން ހަށިގަނޑުގެ ކަށިތަކުގެ ދުޅަހެޔޮކަން އިތުރުކޮށްދީ، ހިތުގެ ބަލިތަކުން ރައްކާތެރިކަން ހޯދައިދީ އަދި ބްލަޑް ޝުގަ ކޮންޓްރޯލް ކޮށްދޭ އެއްޗެކެވެ.

ކަނަމަދަކީ ބޮޑު އަގުގައި ލިބެން ހުންނަ ބާވަތެއް ނަމަވެސް ބައެއް ކަހަލަ ކެއުންތައް ތައްޔާރު ކުރަން ދިވެހީން އާއްމުކޮށް މި މަދު ބޭނުންކޮށް އުޅެއެވެ.

comment ކޮމެންޓް