ރާއްޖެއަކީ އަބަދުވެސް ގިނަ ބަޔަކަށް އަގުބޮޑު ރިސޯޓުތަކަށް މަގުބޫލުވެފައިވާ ތަނެކެވެ. ހަމަޖެހިލައިގެން މީރު އެއްޗެހި ކާލައިގެން ވޯޓާވިލާތަކުގައި އުޅެލާފައި އެނބުރި ދިޔުމަކީ ގިނަ ބަޔަކު ދެކޭ ހުވަފެނެކެވެ. ނަމަވެސް މަޝްހޫރު ޔޫޓިއުބަރަކަށް ރާއްޖެ ފެނުނީ ވަރުގަދަ ޗެލެންޖެއްގެ ގޮތުގައެވެ. ރިސޯޓެއްގެ ބަދަލުގައި އޭނާ ހުރުމަށް ހޯދާފައިވަނީ ފަޅުރަށެކެވެ.
ޔޫޓިއުބްގެ މަޝްހޫރު ކޮންޓެންޓް ކްރިއޭޓަރެއް ކަމަށްވާ ޖޯ ފޭޒާ މި އަހަރުގެ ކުރީކޮޅު، އޭނާގެ ގޭގައި ފިލްމެއް ބަލަން އޮއްވައި ޚިޔާލެއް ލިބުނެވެ. މަޝްހޫރު އެކްޓަރު ޓޮމް ހޭންކްސް ލީޑު ރޯލުން ފެންނަ 2000 ވަނަ އަހަރުގެ ފިލްމު "ކާސްޓް އަވޭ"ގައި އޭނާ ފަޅު ރަށަކަށް ލައްގައިގެން ސަލާމަތްވާން އުޅޭގޮތް ދައްކައެވެ.

ފޭޒާ ފަސް ދުވަހު މަޑުކުރުމަށް ހަމަޖެހިފައިވާ މަންޒިލަށް ދަތުރު ކުރަނީ
އެ މަންޒަރު ފެނި ފޭޒާ ބުނަނީ އޭނާއަށްވެސް އެކަންތައް ކުރެވޭނެ ކަމަށެވެ. އެއާއެކު އޭނާގެ ކޮއްކޮ އޭނާއަށް ގޮންޖެހިއެވެ. އޭނާ ބުނަނީ ފޭޒާއަކަށް އެކަމެއް ނުވާނެ ކަމަށެވެ. އެއާއެކު ހަފުތާއެއް ފަހުން ފެންނަނީ ފްލައިޓެއް ނަގައިގެން އޭނާ ރާއްޖެ އަންނަ މަންޒަރެވެ.
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް އައިސް، އިތުރު ފްލައިޓެއް ނަގައިގެން އަތޮޅުތެރޭ ރަށަކަށް އޭނާ ދެއެވެ. އެހާ ހިސާބުން އޭނާ ފަޅު ރަށަކަށް ދަތުރުކުރެއެވެ. ގޯލަކީ އެކަނި ފަސް ދުވަސް އެ ރަށުގައި ހޭދަކުރުމެވެ. އެއްވެސް އެހީއަކާއި އެއްވެސް ވަސީލަތަކާ ނުލައި މިރަށުގައި ފަސް ދުވަހު ރައްކާތެރިކަމާއެކު ހުރުމަކީ އޭނާގެ ގޯލެވެ.

ފޭޒާ މަޑުކުރާ ރަށް
މައުލޫމާތު ލިބޭގޮތުގައި އޭނާ މި ޗެލެންޖު ފުރިހަމަ ކުރުމަށް ގޮސްފައިވަނީ ގދ. އަތޮޅު ބައުޅަގައްލަ އަށެވެ. ނަމަވެސް އޭނާ ރަށުގެ މައުލޫމާތެއް ހާމަކޮށްފައެއް ނުވެއެވެ.
އޭނާ ރަށަށް ގޮސްފައިވަނީ އެއްވެސް އެއްޗެއް ހިފައިގެންނެއް ނޫނެވެ. ނުރައްކަލުގެ ހާލަތެއް ދިމާވެއްޖެ ނަމަ ބޭނުން ކުރުމަށް ހަމައެކަނި ސެޓްލައިޓް ފޯނެއް ގެންދިޔައެވެ.
އެގޮތުން ކާބޯތަކެއްޗާއި އަލިފާން ރޯކުރާނެ ގޮތެއްގެ އިތުރުން ބޯހިޔާވަހިކުރާނެ އެއްޗެއްވެސް އޭނާ ގެންގޮސްފައެއް ނުވެއެވެ. އޭނާ މަސައްކަތް ކުރާނީ އެ ހުރިހާ އެއްޗެއް އަމިއްލައަށް ހޯދުމަށެވެ.

ފޭޒާ ފަޅު ރަށުގައި --
ވީޑިއޯއިން އެންމެ ފުރަތަމަ ފެންނަނީ އޭނާ ފެން ހޯދުމަށް މަސައްކަތް ކުރާ ތަނެވެ. އެއީ ރާއްޖޭގެ ފަޅު ރަށެއް ކަމަށް ވުމުން ބޯން އެއްޗެއް ހޯދުމަކީ އުނދަގޫ ކަމަކަށް ނުވާނެއެވެ. އޭނާގެ އަމާޒު ހުރީ ރުކުން ކުރުނބާ އަޅާށެވެ. ނަމަވެސް ދުވަހަކުވެސް ރުކަކަށް އަރާފައި ނުވާތީ ފޭޒާއަށް މިކަން ވީ ވަރަށް އުނދަގޫ ކަމަކަށެވެ. އެންމެފަހުން އޭނާ ކުރުނބާ ފެން ހޯދީ ދަނޑިއަކުން ކުރުނބާ އަޅައިގެންނެވެ.
އެހާ ހިސާބުން ދެތިން ދުވަސް ވަންދެއް ކުރުނބާއާއެކު ކެއުމަށް ކާށި ބޭނުން ކުރާނެ ކަމަށް ބުނެއެވެ. ދެން އޭނާ މަސައްކަތް ކުރީ ރޭގަނޑު ވުމުގެ ކުރިން ހިޔާކޮށްލާނެ ތަނެއް ހެދުމަށެވެ. މި މަސައްކަތް ނިންމާލިއިރު ރޭގަނޑުވިއެވެ. ނަމަވެސް ފުރަތަމަ ރޭގައި އޭނާއަށް ރަނގަޅަށް ނިދޭ ގޮތެއް ނުވިއެވެ. މައިގަނޑު ސަބަބަކަށްވީ ކަކުންޏާއި މަދިރިއެވެ.

ފޭޒާ ފަޅު ރަށުގައި --
ޖެހިގެން އައި ދުވަހު އޭނާ މަސައްކަތް ކުރަނީ އަލިފާން ރޯކުރާށެވެ. މިއީ ވަރަށް އުނދަގޫ ކަމަކަށް ވިއެވެ. އެއީ އަލިފާން ރޯކުރުމަށް ބޭނުންވާ އެއްވެސް އެއްޗެއް އޭނާ ގެންގޮސްފައި ނުވާތީއެވެ. ނަމަވެސް އެތައް އިރެއް ފަހުން އޭނާ އަމިއްލައަށް އަލިފާން ރޯކުރިއެވެ.
ކޮންމެއަކަސް ޖޯ ރާއްޖޭގެ ފަޅު ރަށެއްގައި ފަސް ދުވަސް ކާމިޔާބު ކަމާއެކު ހޭދަކޮށްލީ އެކަންޏެވެ. މި ވީޑިއޯއަކީ ފަޅު ރަށަކަށް ލައްގައިފިނަމަ ސަލާމަތްވާން މަސައްކަތް ކުރެވިދާނެ ގޮތްތައް ދައްކައިދޭ ވީޑިއޯއެކެވެ. އަދި މިފަދަ ހާލަތެއްގައި ކަންތައް ކުރާނެ ގޮތްތައް ވެސް ވީޑިއޯއިން މިސާލަކަށް ބެލިދާނެއެވެ.