ރެޕް މިއުޒިކްގެ ތާރީހުގައި ވެސް އެންމެ ފާހަގަކޮށްލެވޭ ތަރީންގެ ތެރޭގައި ހިމެނޭ އެކަކު ކަމަށްވާ މާޝަލް މެތާސް ނުވަތަ ސްޓޭޖް ނަމުން ނަމަ އެމިނެމްގެ ލަވަތަކެއް ވަގަށް ނަގައި އެ ވިއްކަން އުޅުނު މީހަކާ ދެކޮޅަށް ދައުވާކޮށްފިއެވެ.
އެމިނެމް މިއުޒިކްގެ ވޯލްޓުގައި ހިމެނޭ މީގެ ކުރީން ރިލީޒްކޮށްފައި ނުވާ 25 އަށް ވުރެ ގިނަ ލަވަތައް ވަނީ ވަގަށް ނަގާފައި ކަމަށް އެމެރިކާގެ ފެޑެރަލް ކޯޓެއްގެ ޕްރޮސެކިއުޓަރެއް ހާމަކޮށްފައިވެއެވެ.
އެމިނެމް އާއި އޭނާގެ ރެކޯޑް ލޭބަލް އިންޓަސްކޯޕްގެ އެއްވެސް ހުއްދައެއް ނެތި މި ލަވަތައް ކުޅެ އޮންލައިން ފޯރަމްތަކުގައި މީހަކު ވަނީ ވިއްކާފައެވެ. މި މިއުޒިކް ވިއްކާފައިވަނީ އުމުރުން 46 އަހަރުގެ އެމެރިކާގެ މިޝިގަން އަށް ނިސްބަތްވާ މީހެއް ކަމަށްވާ ޖޮސެފް ސްޓްރޭންޖެވެ. ސްޓްރޭންޖަކީ 2021 ވަނަ އަހަރުވަންދެއް އެމިނެމްގެ ސްޓޫޑިއޯގައި މަސައްކަތް ކުރި މިއުޒިކް އެންޖިނިއަރެކެވެ. އޭނާއަށް އެމިނެމްގެ މިއުޒިކް އެހާ ފަސޭހައިން ލިބިފައިވަނީ މި ސަބަބާ ހުރެއެވެ.
އޭނާގެ މައްޗަށް ދައުވާ ކުރަނީ ކޮޕީރައިޓާ ގުޅޭ ދެ މައްސައެކެވެ. އަދި މި ދެ ދައުވާ އޭނާގެ މައްޗަށް ސާބިތުވެއްޖެނަމަ އޭނާއަށް 15 އަހަރާ ހަމައަށް ޖަލު ހުކުމެއް އަންނާނެ ކަމަށް ކޯޓުން ވަނީ އަންގާފައެވެ.
ދާދިފަހުން މި ފައިލްތައް ވިއްކިކަން އެނގުނު ނަމަވެސް އެ ލަވަތައް ލީކް ކޮށްފައިވަނީ މީގެ ދެ އަހަރު ކުރީންނެވެ. މައުލޫމާތު ލިބޭ ގޮތުގައި މި ލަވަތައް އެންމެ ފުރަތަމަ ވަގަށް ނަގާފައިވަނީ 2019 ވަނަ އަހަރާއި 2020 ވަނަ އަހަރާ ދެމެދުގައެވެ. މި ލަވަތައް ވަގަށް ނަގާފައިވަނީ އިންޓަސްކޯޕުގައި މަސައްކަތް ކުރަމުން ދިޔަ ދުވަސްވަރު ހާޑް ޑިސްކަކަށް އަޅައިގެން ކަމަށް މައުލޫމާތު ލިބެއެވެ.