ކޮރަޕްޝަންގެ ތުހުމަތުކޮށް މޯލްޑިވްސް އިމިގްރޭޝަންގެ ކޮންޓްރޯލަރުކަމުން ރޭ ވަކިކުރި މުޙައްމަދު ޝަމްއާން ވަހީދު މިރޭ ފުލުހަށް ހާޒިރުވުމާއެކު އޭނާ ހައްޔަރުކޮށްފިއެވެ.
އޭނާ ވަނީ މަޖީދީ މަގުގައި ހުންނަ ފުލުހުންގެ ސާޖަންޓް އާދަމް ހަލީމް ކްރިމިނަލް އިންވެސްޓިގޭޝަން ބިލްޑިންއަށް މިރޭ ހާޒިރުކޮށްފައެވެ.
އިތުބާރުހުރި މަސްދަރަކުން "ސަން"އަށް ޔަގީންކޮށްދިން ގޮތުގައި ޝަމްއާން މިހާރު ހުރީ ފުލުހުންގެ ބަންދުގެ ދަށުގައެވެ. ފުލުހުންގެ މީޑިއާ އޮފިޝަލް ވެސް ވަނީ އެ ކަން ކަށަވަރުކޮށްދީފައެވެ.
ފުލުހުން ބުނީ ޝަމްއާން ހައްޔަރުކުރީ މޯލްޑިވްސް އިމިގްރޭޝަންގެ ބައެއް މުވައްޒަފުން މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ބިދޭސީންގެ އަތުން ނާޖާއިޒް މަންފާ ހޯދަމުން އަންނަކަމުގެ މައްސަލައިގެ ތުހުމަތުގައި ކަމަށެވެ.
ޝަމްއާންގެ މައްޗަށް ކުރެވޭ ކޮރަޕްޝަންގެ ތުހުމަތަށް ބާރުދޭ ކަންތައްތަކެއް ފުލުުހުން މިހާރު އިމިގްރޭޝަންގެ މުވައްޒަފުންތަކެއްގެ މައްޗަށް ހިންގާ ތަހުގީގުގައި ފެނިފައިވާކަން މިރޭ ފުލުހުން ވަނީ ހާމަކޮށްފައެވެ.
ޝަމްއާން ވަހީދުގެ ގެއިން ފެނުނު ބައިމިލިއަނެއްހައި ނަގުދު ފައިސާއަކީ އޭނާގެ އަމުރަށް ޑިޓެންޝަނުން މިނިވަންކުރި ބިދޭސީއެއްގެ އަތުގައި ހުރި ފައިސާކަމަށް ފުލުހުން މިރޭ ތުހުމަތުކޮށްފައިވެއެވެ.
އެ ފައިސާއަކީ އިމިގްރޭޝަނުން ބަންދުކުރި ބިދޭސީއެއްގެ އަތުގައި ހުރި 530،000 ރުފިޔާކަމަށް ތުހުމަތުކުރެވެއެވެ.
އަދި ޝަމްއާން ދިރިއުޅޭ ގެ ބަލައިފާސްކޮށް ގިނަ އަދަދެއްގެ ފައިސާއާއި އިލެކްޓްރޯނިކް ސާމާނުތަކެއް ފުލުހުންގެ ބެލުމުގެ ދަށަށް ގެނައިކަމަށް ވެސް ފުލުހުން ބުންޏެވެ.
އަދި މި މައްސަލައިގައި ތުހުމަތުކުރެވޭ ތިން މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.
ނަމަވެސް ޝަމްއާންގެ ގެއިން ފެނުނީ ކިހާ ފައިސާއެއްކަމާއި، ހައްޔަރުކުރި ތިން މީހުންގެ ވަނަވަރު ފުލުހުން އާންމެއް ނުކުރެއެވެ.
އިމިގްރޭޝަން ކޮންޓްރޯލަރުކަމަށް ޝަމްއާން އައްޔަންކުރެއްވީ ރައީސް ޑރ. މުޙައްމަދު މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގަތުމަށްފަހު 19 ނޮވެމްބަރު 2023ގައެވެ.