ކޮރަޕްޝަންގެ ތުހުމަތުކޮށް މޯލްޑިވްސް އިމިގްރޭޝަންގެ ކޮންޓްރޯލަރުކަމުން ރޭ ވަކިކުރި މުޙައްމަދު ޝަމްއާން ވަހީދުގެ ގެއިން ފެނުނު ބައިމިލިއަނެއްހައި ނަގުދު ފައިސާއަކީ އޭނާގެ އަމުރަށް ޑިޓެންޝަނުން މިނިވަންކުރި ބިދޭސީއެއްގެ އަތުގައި ހުރި ފައިސާކަމަށް ފުލުހުން މިރޭ ތުހުމަތުކޮށްފިއެވެ.
މޯލްޑިވްސް އިމިގްރޭޝަންގެ މުވައްޒަފުންތަކެއް، މަގާމުގެ ނުފޫޒު ނަހަމަ ގޮތުގައި ބޭނުންކޮށް ބިދޭސީން އަތުން ނާޖާއިޒް މަންފާ ހޯދާ މައްސަލައެއް ފުލުހުން ތަހުގީގުކުރަމުން އަންނަކަމަށް ހާމަކުރީ ރޭގައެވެ.
އެ މައްސަލައިގައި ޝަމްއާންގެ މައްޗަށް ބޮޑު ތުހުމަތެއް ކުރެއެވެ. އޭނާގެ ގެ ވެސް މި މައްސަަލައިގެ ތުހުމަތުގައި ބަލަައިފާސްކުރިއިރު، ގިނަ އަދަދެއްގެ ނަގުދު ފައިސާ އެ ގެއިން ފެނުނުކަމަށް ފުލުހުން ވަނީ ބުނެފައެވެ.
މި މައްސަލައިގެ އިތުރު ތަފްސީލު ހާމަކޮށް ފުލުހުން މިރޭ ނެރުނު ބަޔާނެއްގައިވަނީ ތަހުގީގުން މިހާތަނަށް ބެލިބެލުމުން ހާމަވި ކަންކަން ހިއްސާކޮށްފައެވެ. އެ ކަންކަމުގެ ތެރޭގައި ހިމެނެނީ:
- ގަވައިދާ ޚިލާފަށް އުޅޭ ބިދޭސީން ޑިޓެއިންކުރަން އާންމުކޮށް ހަރަކާތްތެރިވާ ޓާސްކް ފޯސް އަދި ރިސްކު މެނޭޖްމަންޓު ސެކްޝަން ނޫން، އެެހެެން ސެކްޝަންތަކެއްގައި އުޅޭ މުވައްޒަފުންތަކެއް، މަގާމުގެ ނުފޫޒު ނަހަމަ ގޮތުގައި ބޭނުންކޮށް ބިދޭސީ މަސައްކަތްތެރިން އުޅޭ ގެއެއް ބަލައި ފާސްކުރިކަން.
- ބަލައިފާސްކުރި ގެއިން ޑިޓެންޝަނަށް ގެންދިޔަ ބިދޭސީން އަތުގައި ގިނަ އަދަދެއްގެ ނަގުދު ފައިސާ ހުރިކަން
- އެ މީހުން ޑިޓެންޝަނަށް ގެންދިޔަތާ އެއް ދުވަސްފަހުން ޝަމްއާންގެ އަމުރަށް 530،000 ރުފިޔާއާއެކު ޑިޓެންޝަނުގައި ހުރި ބިދޭސީއަކު ދަންވަރުގެ ވަގުތެއްގައި މިނިވަންކުރި ކަން
- އެ ގެ ބަލައި ފާސްކުރަން އަމަލީގޮތުން އުޅުނު އިމިގްރޭޝަން މުވައްޒަފުން، މިނިވަންކުރި ބިދޭސީމީހާއާ މަގުމަތިން ބައްދަލުކޮށް، ބިދޭސީ އަތުގައި ހުރި ފައިސާތައް ހޯދިކަން
- އެ ފައިސާތައް ހިފައިގެން ޝަމްއާން ދިރިއުޅޭ އިމާރަތަށް ވަތްކަން
އެއާއެކު ފުލުހުން ބުނީ މި މައްސަލައާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން ފަސް މީހަކު ހުއްޓުވައި ބަލައި ފާސްކޮށް އެ މީހުންގެ އަތުގައި ހުރި އިލެކްޓްރޯނިކް ސާމާނުތައް ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ ކަމަށެވެ.
އަދި ޝަމްއާން ދިރިއުޅޭ ގެ ބަލައިފާސްކޮށް ގިނަ އަދަދެއްގެ ފައިސާއާއި އިލެކްޓްރޯނިކް ސާމާނުތަކެއް ފުލުހުންގެ ބެލުމުގެ ދަށަށް ގެނައިކަމަށް ވެސް ފުލުހުން ބުންޏެވެ.
އަދި މި މައްސަލައިގައި ތުހުމަތުކުރެވޭ ތިން މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.
ނަމަވެސް ޝަމްއާންގެ ގެއިން ފެނުނީ ކިހާ ފައިސާއެއްކަމާއި، ހައްޔަރުކުރި ތިން މީހުންގެ ވަނަވަރު ފުލުހުން އާންމެއް ނުކުރެއެވެ.
މިގްރޭޝަން ކޮންޓްރޯލަރުކަމަށް ޝަމްއާން އައްޔަންކުރެއްވީ ރައީސް ޑރ. މުޙައްމަދު މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގަތުމަށްފަހު 19 ނޮވެމްބަރު 2023ގައެވެ.
އޭގެ ކުރިން ޝަމްއާން އިމިގްރޭޝަންގައި ދިގު މުއްދަތަކަށް ޚިދުމަތް ކުރެއްވި ނަމަވެސް، މިދިޔަ އެމްޑީޕީގެ ސަރުކާރުގެ ތެރޭ ޝަމްއާން ހުންނެވީ މައްސަލައެއްގައި ވަޒީފާއިން ވަކިކޮށްފައެވެ. އެ މައްސަލައިގައި ޝަމްއާން ވަޒީފާއާ ބެހޭ ޓްރައިބިއުނަލަށް ވެސް މައްސަލަ ހުށަހަޅައިފައިވެއެވެ.