ޖޫން 1، 2019: ބަރަކާތްތެރި ރޯދަމަހުގެ ހަތާވީސް ވިލޭރޭގައި މާލޭގެ ބައެއް މިސްކިތްތަކުގައި ކުރެވުނު ދަމުނަމާދު -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ރަމަޟާންމަހުގެ ފެށުމާ އެކު އުފާކުރި އެންމެންގެ ލޯތަކުން ހިތާމައިގެ އަސަރު ފެންނަން ފަށަނީ އޮނަހިރި ރޭތަކާ ކުރިމަތިވުމުންނެވެ. ބަރަކާތްތެރި މި މައްސަރުގެ ނިމުން ކައިރިވެއްޖެ ކަމުގެ ފުރަތަމަ އިޝާރަތަކީ އޮނަހިރި ރޭތަކެވެ. ރަޙުމަތުގެ މޫސުމާ އަލްވަދާޢުކިޔަން ބޭނުންނުވި ނަމަވެސް އެ ދުވަސްތައް ދުނިޔެއާ އަލްވަދާޢުކިޔާނެއެވެ. މި ނިކަމެތި އިންސާނާއަށް ކުރެވޭނެ ހަމައެކަނި ކަމަކީ ބާކީ އޮތް ރޭތަކާއި ދުވާލުތަކުގައި އަޅުކަމުގައި އިތުރަށް ހީވާގިވުމެވެ.

އޮނަހިރި ރޭތަކަކީ ކޮބާ؟

އޮނަހިރި ރޭތަކަކީ ކޮބައިތޯއެވެ؟ އެއީ ރަމަޟާންމަހުގެ ފަހު ދިހައިގެ ރޭތަކުގެ ތެރެއިން ހިރި ނޫން އަނެއް ޢަދަދުތައް ދިމާވާ ރޭތަކެވެ. އެއީ 21، 23، 25، 27، އަދި 29ވަނަ ދުވަހުގެ ކުރީރެއެވެ. 22، 24، 26، އަދި 28ވަނަ ދުވަހުގެ އިރު އޮއްސުމާ އެކު ފެށޭ ރެއެވެ. މި ރޭތަކުގެ ޢަދަދުގެ މަދުކަމާއެވެ. އެހެނަސް މިއިން ރެއެއްގައި އަޅުކަން ކުރުން މަތީ ސާބިތުކަމާ އެކު ދެމިހުރެއްޖެ މީހާއަށް ހުރި ސަވާބާއި ދަރުމައިގެ މަތިވެރިކަމާއެވެ.

އޮނަހިރި ރޭތައް މުހިންމު ވަނީ ކީއްވެ؟

އޮނަހިރި ރޭތަކަކީ ޚާއްޞަ ޤަދަރަކާއި ޝަރަފެއް ލިބިގެންވާ ރޭތަކެކެވެ. އޭގެ ސަބަބަކީ އެ ރޭތަކުގެ ތެރެއިން ރެއެއް އެއީ ލައިލަތުލްޤަދުރި ކަމުގައި ވުމެވެ. ލައިލަތުލްޤަދްރިއަކީ ތަޤްދީރުގެ ނިޔާ ބިމަށް ނަޤުލުކުރައްވާ ރެއެވެ. ފަތިސް ވަގުތުވަންދެން އެ ރޭގައި އަމާންކަމާއި ސަލާމަތްކަން ލިބިގެންވެއެވެ. އެރޭ ޖިބުރީލުގެފާނު މަލާއިކަތުން ނައިގެން ބިމަށް ފައިބައިވަޑައިގަންނަވަނެތެވެ. އެއީ މާތް ﷲގެ ފަރާތްޕުޅުން ތަޤުދީރުގެ ހުރިހާ އަމުރުފުޅުތަކައިގެން ފައިބާ ވަޑައިގަންނަވާ ގެންނެވުމެކެވެ. މި ކަން އަންގަވާ މާތް ﷲ ވަޙީކުރެއްވިއެވެ.

﴿لَيْلَةُ الْقَدْرِ خَيْرٌ مِّنْ أَلْفِ شَهْرٍ‎(٣)‏ تَنَزَّلُ الْمَلَائِكَةُ وَالرُّوحُ فِيهَا بِإِذْنِ رَبِّهِم مِّن كُلِّ أَمْرٍ(٤)‏ سَلَامٌ هِيَ حَتَّىٰ مَطْلَعِ الْفَجْرِ‎(٥)﴾ (سورة القدر) މާނައީ: "(3)ލައިލަތުލްޤަދުރި ވިލޭރޭ، އެއްހާސް މައްސަރަށްވުރެ ހެޔޮކަން ބޮޑެވެ. (4) މަލާއިކަތުންނާއި، ޖިބުރީލުގެފާނު އެބޭކަލުންގެ ވެރިރަސްކަލާނގެ އިޒުނަފުޅާ އެކު، ހުރިހާ އަމުރުފުޅަކައިގެން އެރޭ ފައިބައިވަޑައިގަންނަވާނެތެވެ. (5) އެއީ ފަޖުރުގެ އަލިކަން ފާޅުވެއްޖައުމަށްދާންދެން، އަމާންކަމާއި، ސަލާމަތްކަން ލިބިގެންވާ ރެޔެކެވެ."

އޮނަހިރި ރޭތަކުގައި ސަމާލުވާންވީ ކޮންކަމަކަށް

އޮނަހިރި ރޭތަކުގައި ސަމާލުވާންވީ ލައިލަތުލްޤަދުރީގެ ރެއެއްގައި އަޅުކަން ކުރެވޭތޯ ބެލުމަށެވެ. އެކަން ޙާޞިލުކުރެވޭނީ ކޮންމެ އޮނަހިރި ރެއެއްގައި އަޅުކަމުގައި މުރާލިވެ ހީވާގި ވެގެންނެވެ. ފަހު ދިހައިގެ ރޭތަކުގެ އެންމެ މުހިންމު އެއް ކަމަކީ ރޭއަޅުކަމެވެ. ތަޙައްޖުދު ނަމާދެވެ. ނުވަތަ ޤިޔާމުއްލައިލިއެވެ. ރަމަޞާންމަހުގެ ރޭތަކުގައި ދަރުމައާއި ސަވާބަށް އެދި ރޭއަޅުކަން ކޮށްފި މީހާގެ ފާފަ ފުއްސަވާނެކަމަށް ހަދީޘްފުޅުގައި ވެއެވެ.

عَنْ أَبِي هُرَيْرَةَ أَنَّ رَسُولَ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ قَالَ: "مَنْ قَامَ رَمَضَانَ إِيمَانًا وَاحْتِسَابًا غُفِرَ لَهُ مَا تَقَدَّمَ مِنْ ذَنْبِهِ" [رواه البخاري (37)، ومسلم (759).] މާނައީ: "އަބޫ ހުރައިރަތުގެފާނުގެ ކިބައިން ރިވާވެގެންވިއެވެ. ރަސޫލު ﷲ صَلَّى اللَّهُ عَلَيْهِ وَسَلَّمَ ޙަދީޘްކުރެއްވިއެވެ. "އީމާންކަމާ އެކު ސަވާބާއި ދަރުމަ އެދިގެން ރަމަޟާންމަހުގައި ރޭއަޅުކަން ކޮށްފިމީހާގެ އިސްވެ ގޮސްފައިވާ ފާފަތައް ފުއްސަވާނެތެވެ."

އެރޭތަކުގައި ނަބިއްޔާ صَلَّى اللهُ عَلَيْهِ وَسَلَّم ކުރެއްވީ ކޮންކަމެއް
އޮނަހިރިރޭތަކުގެ ބޭނުން އެންމެ އެދެވޭ ގޮތުގައި ހިތްޕެވުމަށް އިތުރު މާތް ނަބިއްޔާ صَلَّى اللهُ عَلَيْهِ وَسَلَّم އެކަލޭގެފާނުގެ އިޒާރުކޮޅު ގަދައަށް އައްސަވައި ލައްވައެވެ. عَنْ عَائِشَةَ رَضِيَ اللَّهُ عَنْهَا قَالَتْ: كَانَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ إِذَا دَخَلَ الْعَشْرُ أَحْيَا اللَّيْلَ وَأَيْقَظَ أَهْلَهُ وَجَدَّ وَشَدَّ الْمِئْزَر رواه البخاري (2024)، ومسلم (1174) މާނައީ: "ރަމަޟާންމަހުގެ ފަހުދިހަޔާ ބައްދަލުވާ ހިނދު ނަބިއްޔާ صَلَّى اللهُ عَلَيْهِ وَسَلَّم ފަހުދިހައިގެ ރޭތައް ދިރުއްވައި އާލާކުރައްވައެވެ. ރޭއަޅުކަމުގައި އިތުރަށް ހީވާގި ވެވަޑައިގަންނަވައެވެ. އަދި އެކަލޭގެފާނުގެ އަހުލުން އަވަހާރަފުޅުން ނަންގަވައި، އަޅުކަމުގައި މަޝްޣޫލު ކުރައްވައެވެ. އަދި އެކަލޭގެފާނުގެ އިޒާރުކޮޅު އުނަގަނޑުގައި ގަދައަށް އައްސަވައިލައްވައެވެ."

މި ޙަދީޘްފުޅާ މެދު ابن باز -رحمه الله- ވިދާޅުވެފައި ވެއެވެ. "ނަބިއްޔާ صَلَّى اللهُ عَلَيْهِ وَسَلَّم ފަހުދިހައިގެ ރޭތަކުގައި، އޭގެ ކުރީ 20 ދުވަހުގެ ރޭރެއަށްވުރެ ބޮޑަށް އަޅުކަމުގެ ކަންކަމައިގެން އުޅުއްވަތެވެ. އެކަލޭގެފާނުގެ ޞަޙާބީންގެ އަމަލުފުޅުތައް ވެސް ބެހެއްޓެވީ ހަމަ އެފަދައިންނެވެ. މި އުންމަތުގެ ސަލަފުއްޞާލިޙުންގެ ކިބައިން ވެސް ފަންނަން އޮތީ އެ ނަމޫނާއެވެ. އެ 10 ދުވަހާއި ރޭތަކުގައި އެކިއެކި އަޅުކަމުގައި މުރާލިކަމާ އެކު މަސައްކަތްޕުޅު ކުރައްވައެވެ."

އޮނިހިރި ރޭރޭ އަޅުގަނޑުމެން

އޮނިހިރި ރޭރޭ އަޅުގަނޑުމެންގެ ނަފުސުތަކާ މެދު ވިސްނައިލަމާތޯއެވެ. މިދަންނަވަނީ އަނެއްކާ ވެސް ބައްދަލުވާއިރު ވާންޖެހޭ ނަފްސުގެ ތައްޔާރީގެ ވާހަކައެވެ. މީގެ ކުރީ އަހަރުތަކުގައި މި ދުވަސްތައް ހޭދަވީ ކިހިނެތްތޯ ބަލައި، މި އަހަރުގެ މި ފުރުޞަތު، ފުރިހަމައަށް ޣަނީމާ ކުރެވޭނެ ގޮތްތައް ހޯދަމާ ހިނގާށެވެ! މަތީގައި ބަޔާންވެގެން އެ ދިޔަ ފަދައިން ރަމަޟާންމަހެއްގެ ފަހުދިހައިގެ ދުވަސްތަކުގައި އަޅުކަމައިގެން ހީވާގިވާން އެދޭ ނަމަ، ކަމަރު ބަންނަންވީ ލަސްނުކޮށް މިހާރެވެ. ފަރުޟު ނަމާދުތަކާ އެކު، ސުންނަތް ނަމާދުތަކަށް ވަގުތު ހުސްކުރާންވީއެވެ. ޤުރްއާން ކިޔެވުމުގައި ހީވާގިވާންވީއެވެ. ﷲ ދެއްވި މުދަލުން ދީލަތިކަމާ އެކު ހޭދަކުރުމަކީ އާދައެއް ކަމުގައި ހަދާންވީއެވެ. ދުނިޔޭގެ އެންމެހައި ކަންކަން މި ދުވަސްކޮޅު މަދުކުރާންވީއެވެ. އަޅުކަމުގެ ފޯރި ތިމާއާއި ތިމާގެ ވަށައިގެންވާ މީހުންގެ ހިތްތަކުގައި އަށަގަންނުވާންވީއެވެ. ރޭތައް އިޙްޔާކޮށް ދިރުވާންވީއެވެ.

އޮނަހިރި ރޭތަކަށް ޚާއްޞަ ދުޢާ

ލައިލަތުލްޤަދްރިއަކީ ދުޢާ އިޖާބަކުރެއްވޭނޭ ކަމަށް އެންމެ ބޮޑަށް ބެލެވޭ ރެއެވެ. އެހެންކަމުން އެރޭ ގިނަގިނައިން ދުޢާކުރުން އެދެވިގެންވެއެވެ. ﷲރުއްސުންލެއްވި ޢާއިޝަތުގެފާނުގެ އަރިހުން ރިވާވެގެން ވެއެވެ. ތިމަންކަމަނާއާ ލައިލަތުލްޤަދްރި ބައްދައްލުވެއްޖެ ނަމަ އެރޭ ތިމަންކަމަނާ ވިދާޅުވާންވީ ކޮން ޒިކުރެއްތޯ ސުވާލު ދެންނެވުމުން ރަސޫލާ صَلَّى اللهُ عَلَيْهِ وَسَلَّم ޙަދީޘްކުރެއްވިއެވެ. «قُولِي: اللَّهُمَّ إِنَّكَ عَفُوٌّ تُحِبُّ الْعَفْوَ فَاعْفُ عَنِّي» (ابن ماجه) މާނައީ: "ކަމަނާ މިފަދައިން ވިދާޅުވާށެވެ. ”اللَّهُمَّ إِنَّكَ عَفُوٌّ تُحِبُّ الْعَفْوَ فَاعْفُ عَنِّي“
އޮނަހިރި ރޭތަކުގައި ލައިލަތުލްޤަދްރި ހޯދުމަށް، ފަހުދިހައިގެ ރޭތައް އަޅުކަމުގައި ހޭދަކުރާއިރު ދޫތަކުން ތަކުރާރުކޮށް ކުރަންވީ ދުޢާއަކީ ”اَللَّهُمَّ إِنَّكَ عَفُوٌّ تُحِبُّ الْعَفْوَ، فَاعْفُ عَنِّيْ“ މި ދުޢާއެވެ. މިދުޢާގެ މާނައަކީ: "ޔާ ﷲ އެވެ، އިބައިލާހީ ގިނަގިނައިން ޢަފޫކުރައްވާ، ޢަފޫކުރެއްވުމަށް ލޯބިކުރަށްވާ އިލާހެވެ. މި އަޅާގެ ފާފަތަށް ޢަފޫކުރަށްވާނދޭވެ!" މިއެވެ.

ލައިލަތުލްޤަދްރި އެދިގެން މަސައްކަތްކުރާ ބަޔަކު ކަމުގައި އަޅަމެން ލައްވާނދޭވެ. އުއްމީދާ އެކު މަސައްކަތް ކުރާ އަޅުންނަށް ކާމިޔާބުދެއްވާނެތެވެ.

comment ކޮމެންޓް