ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ޝަހީދު އައްޔަނުކުރައްވައިފި

ހައިކޯޓުގެ އިސް ފަނޑިޔާރު ޝަހީދާއި ރައީސް މުއިއްޒު: ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ޝަހީދު އައްޔަނުކުރައްވައިފި -- ފޮޓޯ/ ރައީސް އޮފީސް

ރައީސުލްޖުމްޙޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު، ސުޕްރީމް ކޯޓުގެ ބެންޗަށް، ހައިކޯޓުގެ އިސް ފަނޑިޔާރުގެ މަގާމުގައި ހުންނެވި ހުސައިން ޝަހީދު މިއަދު އައްޔަންކުރައްވައިފިއެވެ.

ޝަހީދު އެ މަގާމަށް އައްޔަންކުރަން ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކުރީ 64 މެންބަރުންގެ އިއްތިފާގުންނެވެ.

އެއާއެކު މިއަދު މެންދުރު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި ޝަހީދަށް މަގާމުގެ ހުވައި ލައިދެއްވީ، ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޢާއިޝާ ޝުޖޫން މުޙައްމަދެވެ. އަދި މަގާމަށް އައްޔަން ކުރެއްވި ކަމުގެ ލިޔުން، ރައީސުލްޖުމްހޫރިއްޔާ ވަނީ ޝަހީދާ ހަވާލުކުރައްވައިފައެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ޝަހީދު އައްޔަނުކުރެއްވުމަށް ބޭއްވި ރަސްމިއްޔާތު -- ފޮޓޯ/ ރައީސް އޮފީސް

ޝަހީދު ވަނީ މިސްރުގެ އަލްއަޒުހަރު ޔުނިވާސިޓީއާއި ކުއްލިޔަތުއް ދިރާސާތިލް އިސްލާމިއްޔާއިން ޝަރީއަތާއި ގާނޫނުގެ ރޮނގުން މަތީ ތައުލީމު ހާސިލު ކުރައްވައިފައެވެ. ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވާސިޓީން މާސްޓާ އޮފް އިސްލާމިކް ޖުޑީޝަލް ސައިންސް އެންޑް ޝަރީއާ ޕޮލިސީ ވެސް އޭނާ ހާސިލުކުރައްވައިފައިވެއެވެ.

މީގެ ކުރިން ޝަހީދު ފުރުއްވާފައިވާ މަގާމުތަކުގެ ތެރޭގައި:

  • އައްޑު އަތޮޅު ފޭދޫ މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓްކަން
  • ނ. ހޮޅުދޫ މެޖިސްޓްރޭޓް ކޯޓުގެ ކޯޓު އިސް މެޖިސްޓްރޭޓްގެ މަގާމު
  • ކްރިމިނަލް ކޯޓުގެ ގާޒީކަން
  • ކްރިމިނަލް ކޯޓުގެ އެސިސްޓެންޓް ލީގަލް އޮފިސަރުގެ މަގާމު

ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ޝަހީދު އައްޔަނުކުރެއްވުމަށް ބޭއްވި ރަސްމިއްޔާތު -- ފޮޓޯ/ ރައީސް އޮފީސް

ޝަހީދު ހައިކޯޓުގެ ފަނޑިޔާރުކަމުގެ ހުވާކުރެއްވީ، 2018 ވަނަ އަހަރުގެ ޖުލައި މަހުގެ 24 ވަނަ ދުވަހެވެ. ހައިކޯޓުގެ އިސް ފަނޑިޔާރުގަކަމުގެ މަގާމަށް ޝަހީދު އައްޔަން ކުރައްވާފައިވަނީ އޮކްޓޫބަރު 30، 2023 ގައެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަން ހުސްވީ މިދިޔަ މަހުގެ 26އިން ފެށިގެން ސަސްޕެންޝަންގައި ހުންނެވި ފަނޑިޔާރު ހުސްނުއްސުއޫދު މިމަހުގެ ހަތަރު ވަނަ ދުވަހު އިސްތިއުފާދެއްވުމުންނެވެ.

ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ން ސުއޫދާއެކު ފަނޑިޔާރުން ޑރ. އަޒްމިރަލްދާ ޒާހިރާއި މަހާޒު އަލީ ޒާހިރު ވެސް ސަސްޕެންޑުކުރިއެވެ. އެއީ، އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ން ތިން ފަނޑިޔާރުންގެ ޖިނާއީ މައްސަލަ ބަލާ ކަމަށް ބުނެއެވެ.

އެ ތިން ފަނޑިޔާރުން ސަސްޕެންޑުކުރީ، މަޖިލީހުގެ މެންބަރުން ޕާޓީ ބަދަލުކުރުމުންނާއި ޕާޓީން ވަކިކުރުމުން ވެސް ގޮނޑި ގެއްލޭ ގޮތަށް ގާނޫނުއަސާސީއަށް ގެނައި އިސްލާހުގެ މައްސަލަ ސުޕްރީމް ކޯޓުން ބަލަމުން އަންނަނިކޮށެވެ.

މީގެ އިތުރުން ތިން ފަނޑިޔާރުން ސަސްޕެންޑުކުރި ދުވަހު މަޖިލީހުން ވަނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު ހަތަކުން ފަހަކަށް މަދުކުރުމަށް ބިލެއް ފާސްކޮށްފައެވެ. އެ ބިލުގައި ގާނޫނުއަސާސީއާ ފުށޫ އަރާ ކަންތައްތަކެއް ހުރި ކަމަށް ބަންޑާރަ ނައިބު އަހުމަދު އުޝާމް ލަފާ ދެއްވުމުން ރައީސް ވަނީ ބިލް އަނބުރާ މަޖިލީހަށް ފޮނުއްވާލައްވައިފައެވެ.

އެ ބިލަށް ގާނޫނީ ދާއިރާގެ އިތުރުން ޕީއެންސީގެ މެންބަރުންތަކެއްގެ ވެސް ފާޑުކިޔުން އަމާޒުވެފައިވާއިރު، އެ ޕާޓީގެ ސުޕަމެޖޯރިޓީ އޮތް މަޖިލީހުން ނިންމީ އަނެއްކާވެސް ބިލް ދިރާސާ ކުރަން ޖުޑިޝަރީ ކޮމިޓީއަށް ފޮނުވުމަށެވެ.

https://sun.mv/203787

އިދިކޮޅުން ވަނީ ސަރުކާރުން އެ ފިޔަވަޅުތައް އަޅަނީ ސުޕްރީމް ކޯޓަށް ނުފޫޒު ފޯރުވަން ކަމަށް ތުހުމަތުކޮށްފައެވެ. އަދި ސުއޫދާއި އަޒްމިރަލްދާ ވެސް ވަނީ ސަރުކާރުން މަސައްކަތް ކުރަނީ ކޯޓަށް ނުފޫޒު ފޯރުވައިގެން ދުސްތޫރީ މައްސަލަ ބެލުން ހުއްޓުވުމަށް ކަމަށް ތުހުމަތު ކުރައްވައިފައެވެ.

އަޒްމިރަލްދާއާއި މަހާޒު އަދިވެސް ތިއްބެވީ ސަސްޕެންޝަންގައެވެ. އެ ބޭފުޅުންނާ ގުޅޭ ސުލޫކީ މައްސަލަތަކެއް ޖޭއެސްސީން އަންނަނީ ބަލަމުންނެވެ.

comment ކޮމެންޓް