ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުމުގެ މައްސަލަތަކުގައި، އެ ކުދިން ތަހުގީގަށް ދީފައި ހުންނަ ވީޑިއޯ އިންޓަވިޔުތަކަކީ ކޯޓުން ބޭރަށް ގެންގޮސްގެން ދިފާއީ ވަކީލުންނަށް އެކްސެސް ދެވޭނެ އެއްޗެއް ނޫން ކަމަށް ސުޕްރީމް ކޯޓުން ކަނޑައަޅައިފިއެވެ.
ކުޑަކުދިންގެ ވީޑިއޯ އިންޓަވިޔުފަދަ އެއްޗެހި، ކޯޓުން ބޭރުގައި ދިރާސާ ނުކުރެވޭނެ ކަމަށް ސުޕްރީމް ކޯޓުން ހުކުމްކުރީ، ކުޑަ ކުއްޖަކަށް ޖިންސީ ގޯނާ ކުރުމުގެ މައްސަލައެއްގައި، ތަހުގީގަށް ކުޑަ ކުދިންތަކެއްގެ ފަރާތުން ނަގާފައިވާ އިންޓަވިޔުތަކެއްގެ ރެކޯޑިން، ކޯޓުން ބޭރުގައި ދިރާސާ ކުރުމަށް ދޫކުރުމަށް ދަށު ކޯޓާއި ހައިކޯޓުން ނިންމާފައިވާ މައްސަލައެއްގެ އިސްތިއުނާފުގައެވެ.
ދައުލަތުން މި މައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅީ، އެންމެ ފުރަތަމަ އެ މައްސަލަ ހައިކޯޓަށް ހުށަހެޅުމުން ހައިކޯޓުން ދައުލަތަށް އެ މައްސަލަ ނާކާމިޔާބުވުމުންނެވެ.
ހައިކޯޓުގައި މި މައްސަލަ ބެއްލެވީ ފަނޑިޔާރު ދީބާނާޒް ފަހުމީއެވެ. ދީބާނާޒް ފަހުމީ މި މައްސަލައިގައި ދެއްވި ރައުޔަށް، މުހައްމަދު ޝަނީޒް އަބްދުﷲ އަދި އަބްދުލް މާނިއު ހުސެއިން ތާއީދުކޮށްފައިވެއެވެ.
ހައިކޯޓުން މި މައްސަލަ ދައުލަތަށް ކާމިޔާބު ނުވުމުން ދައުލަތުން ދެން މި މައްސަލަ ހުށަހެޅީ ސުޕްރީމް ކޯޓަށެވެ. ކުޑަކުދިންގެ މަސްލަތަކަށް ބަލައި އާއްމުކޮށް ހުޅުވައި ނުލައި ކުރިއަށް ގެންދިޔަ މި މައްސަލައިގައި ސުޕްރީމް ކޯޓުންވަނީ ހައިކޯޓުގެ ހުކުމް ބާތިލުކޮށް، ކުޑަކުދިންގެ ވީޑިއޯ ކޯޓުން ބޭރަށް ނުގެންދެވޭނެ ކަމަށް، ތިން ފަނޑިޔާރުންގެ އިއްތިފާގުން ކަނޑައަޅުއްވާފައެވެ.
"ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ގާނޫނުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން، ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކޮށްދީ، އެކަން ކަށަވަރުކޮށް އަޅަންޖެހޭ އެންމެހައި ފިޔަވަޅުތައް އެޅުމުގެ ޒިންމާއަކީ ދައުލަތުގެ ހުރިހާ އިދާރާއެއްގެ ޒިންމާއެކެވެ. މިކަމުގައި ކޯޓުތައް އިސްތިސްނާ ނުވެއެވެ". ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރުންގެ އިއްތިފާގުން ހޯމަ ދުވަހު އިއްވި ހުކުމުގައި ބަޔާންކޮށްފައިވެއެވެ.
ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމުގެ މައްސަލަތަކާއި ކުޑަކުދިން ވިކްޓިމައިޒްވާ މައްސަލަތަކުގައި ކުދިންގެ މަޢުލޫމާތު ޢާންމު ނުކުރުމަކީ ޒަމާނުއްސުރެ ޖިނާއީ ޢަދުލުގެ ނިޒާމުގައި ހިފަހައްޓަމުން އައިސްފައިވާ ހަމައެކެވެ.
އެ ބާވަތުގެ މައްސަލަތަކުގައި ޕީޖީ އޮފީހުން ހިފަހައްޓަމުންދިޔަ ހަމައަކީ އެ ބާވަތުގެ މައްސަލަތަކުގައި ކުއްޖާގެ މަޢޫލޫމާތު ހިމެނޭ އެއްވެސް ލިޔުމެއް ނަކަލުކޮށް ދޫނުކުރުމެވެ. ދިފާއު ބިނާކުރުމުގެ ބޭނުމުގައިވެސް އެ ލިޔުންތައް ބެލޭނީ ކޯޓަށް ޙާޟިރުވެ، ކޯޓުން ކަނޑައަޅާ ޝަރުތުތަކާ އެކުގައި ކަމަށް ޕީޖީން ކުރިންވެސް ބުނެފައިވެއެވެ. ޕީޖީ އޮފީހުން އެ ހަމަ ހިފަހައްޓަމުން އައި މަޤްޞަދަކީ އަނިޔާލިބޭ ކުޑަކުދިންގެ މަޢުލޫމާތު މުޖުތަމަޢަށް ޢާންމުވުމުގެ ކުޑަވެސް ފުރުޞަތެއް ނުދިނުން ކަމަށް އެ އޮފީހުން ބުނެފައިވެއެވެ.