ހއ. އިހަވަންދޫ ތަޢާވުން މިސްކިތަށް މެދުނުކެނޑި މި ރޯދަ މަހު ތަރާވީސް ނަމާދަށް އައިސް، ތަރާވީސް ނަމާދު ނިމެންދެން ނަމާދުގައި ދެމިތިބޭ ކުދިންނަށް ހިތްވަރުދިނުމުގެ ގޮތުން، އެ މިސްކިތުގެ އިމާމު ހުސައިން ރަޝީދު އައިސްކްރީމް ބަހަން ފަށައިފިއެވެ.
ހުސައިން ރަޝީދަކީ އެ ރަށުގެ ކުދިން ނަމާދުކުރުމަށް ބާރު އެޅުމުގެ ގޮތުން ކުދިންނަށް ހިތްވަރުދިނުމަށް އަބަދުވެސް މަސައްކަތް ކުރާ ބޭފުޅެކެވެ.
އެގޮތުން އޭނާ ވަނީ މިދިޔަ އަހަރު ތަޢާވުން މިސްކިތަށް މެދުނުކެނޑި 40 ދުވަސް ވަންދެން ފަތިސް ނަމާދަށް ދިޔަ ކުދިންނަށް ހިތްވަރުދިނުމުގެ ގޮތުން، ބައިސްކަލު ހަދިޔާކުރުމުގެ ޕްރޮގްރާމެއް ވެސް ކުރިއަށް ގެންގޮސްފައެވެ.
'ސަން'އާ ވާހަކަދައްކަމުން ހުސައިން ރަޝީދު ބުނީ، އެފަދަ ހަރަކާތެއް ހިންގުމުގެ އެންމެ ބޮޑު އެއް ބޭނުމަކީ ކުދިންގެ ހިތްތަކުގައި ދީނީ ކަންކަމަށް ލޯބި ޖެއްސުން ކަމަށެވެ. އެގޮތުން މި ރޯދަ މަހުގެ 15ވަނަ ދުވަހުން ފެށިގެން އައިސްކްރީމް ބެހުމުގެ ޕްރޮގްރާމެއް ކުރިއަށްގެންދާ ކަމަށް އޭނާ ބުންޏެވެ. އެގޮތުން ކޮންމެ ރެއަކު ތަރާވީސް ނަމާދު ނިމޭ ގަޑީގައި، އެ ނަމާދު ކޮށްގެން ފައިބާ ކުދިންނަށް އައިސްކްރީމް ބަހާ ކަމަށް އޭނާ ބުންޏެވެ.

ނަމާދަށް ކުދިން ގެންނަން ބައިސްކަލު ބެހި މުދިމު މިފަހަރު ބަހަނީ އައިސްކްރީމް: ބޭނުމަކީ ކުދިންގެ ހިތްތަކުގައި ދީނީ ކަންކަމަށް ލޯބި ޖެއްސުން -- ފޮޓޯ/ ހުސައިން ރަޝީދު
"ކުދިންނަށް ހިތްވަރު ދިނުމުގެ ގޮތުން ކުރާ ކަމެއް. އެކަމަކު ހަމަ ނަމާދުން ފައިބާ ބޮޑެތި މީހުން ވެސް ކައިރިއަށް އައީމަ އެ ދެން ބަހަން. ނަމާދުން ފައިބާ އަންހެނުން ވެސް އަންނާނެ. މީގެ ބޭނުމަކީ ނަމާދުކުރަން، ނަމާދުގައި ދެމިތިބުމަށް ހިތްވަރުދިނުން،" ހުސައިން ރަޝީދު ބުންޏެވެ.
އެ ޕްރޮގްރާމް ކުރިއަށް ގެންދިޔުމަށް އޭނާ ވަނީ އައިސްކްރީމް މެޝިނެއް ވެސް ގެނެސްފައެވެ. އެގޮތުން ކޮންމެ ރެއެއްގެ ވެސް ތަރާވީސް ނަމާދުގެ ވަގުތަށް އޭނާ މިސްކިތް ކައިރިއަށް އެ މެޝިނު ގެންދެއެވެ.
ހުސައިން ރަޝީދު ބުނި ގޮތުގައި މި ރަމަޟާން މަސް ނިމެންދެން މިސްކިތުގައި އައިސްކްރީމް ބަހާނެއެވެ.
އިމާމުގެ އުންމީދަކީ ވީހާވެސް ގިނަ ކުދިން މިސްކިތަށް އައިސް ތަރާވީސް ނަމާދު އެއްކޮށް ފުރިހަމަކުރުމެވެ.
"މިއީ އެއްގޮތަކަށް ވެސް ދެއްކުމަށް ކުރާ ކަމެއް ނޫން. ކުރީ ފަހަރު ބައިސްކަލު ހަދިޔާކުރުމުގެ ޕްރޮގްރާމަށް ވެސް ވަރަށް ތަރުހީބު ލިބުނު. އަނެއްކާ އައިސްކްރީމް ބަހަން ފެށީމަ ވެސް އެއް ރެއިން އަނެއް ރެއިން އަންނަ ކުދިން ގިނަ،" އުފާވެރިކަމާއެކު އިމާމު ބުންޏެވެ.
މީގެކުރިން ޖެހިޖެހިގެން 40 ދުވަހު ޖަމާއަތުގައި ފަތިސް ނަމާދު ކުރުމުގެ ޕްރޮގްރާމެއް ފެށުމަށް ހުޅުވާލުމުން 64 ދަރިވަރުން އެ ޕްރޮގްރާމްގައި ބައިވެރިވިއެވެ. ޕްރޮގްރާމް ނިމުނުއިރު، މެދުނުކެނޑި ނަމާދުގެ ޖަމާއަތުގައި ބައިވެރިވި 38 ދަރިވަރުންނަށް ހިތްވަރުދިނުމުގެ ގޮތުން އޭނާ ވަނީ ބައިސްކަލު ހަދިޔާކޮށްފައެވެ.