އަހަރަކަށްވުރެ ގިނަ ދުވަހު މުޒާހަރާކުރި އިންޑިއާ ދަނޑުވެރިން ހައްޔަރުކޮށްފި

ދަނޑުވެރިކަމުން އުފައްދާ ތަކެއްޗަށް އެކަށީގެންވާ އަގެއް ހޯދައިދިނުމަށް ގޮވާލައި ޔޫނިއަން ސަރުކާރާ ދެކޮޅަށް ދަނޑުވެރިން މުޒާހަރާ ކުރަނީ. ފޮޓޯ/އޭއެފްޕީ

ދަނޑުވެރިކަމުން އުފައްދާ ތަކެއްޗަށް އެކަށީގެންވާ އަގެއް ހޯދައި ދިނުމަށް ގޮވާލައި އިންޑިއާގެ އުތުރުގެ ސްޓޭޓެއް ކަމަށްވާ ޕަންޖާބުގައި އަހަރަކަށްވުރެ ގިނަ ދުވަހު މުޒާހަރާކުރި އެތައް ސަތޭކަ ދަނޑުވެރިންނެއް ފުލުހުން ނުކުމެ ހައްޔަރުކޮށްފިއެވެ.

ފުލުހުން ވަނީ ބުލްޑޯޒަރުތައް ބޭނުންކޮށްގެން އެ މީހުންގެ ވަގުތީ ކޭމްޕްތައް ވެސް ހަލާކުކޮށްލާފައެވެ.

މިދިޔަ އަހަރު ފެބްރުއަރީ މަހުން ފެށިގެން ދަނޑުވެރިން އަންނަނީ ބޯޑަރު ސަރަހައްދުގައި ކޭމްޕް ޖަހައިގެން މުޒާހަރާ ކުރަމުންނެވެ.

ފުލުހުންގެ އިސް އޮފިސަރެއް ކަމަށްވާ، ނަނަކް ސިންގް ވިދާޅުވި ގޮތުގައި ދަނޑުވެރިން ހައްޔަރުކުރާނެކަން އެ މީހުންނަށް ކުރިން ވާނީ އަންގާފައެވެ.

އިންޑިއާގެ ނޫސްތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި ހައްޔަރުކުރި އެތައް ސަތޭކަ ބައެއްގެ ތެރޭގައި ދަނޑުވެރިންގެ ލީޑަރުން ކަމަށްވާ ސަރްވާން ސިންގް ޕަންދަރު އާއި ޖަގްޖިތު ސިންގް ދައްލެވާލް ހިމެނެއެވެ. ޖަގްޖިތް ސިންގް އަންނަނީ އެތައް މަހެއް ވަންދެން ބަނޑުހައިހޫނު ކަމުގެ ހަޅުތާލު ކުރަމުން ކަމަށްވެސް ނޫސްތަކުން ބުނެއެވެ.

"އެއްފަރާތުން ސަރުކާރުން ދަނޑުވެރިންގެ ޖަމިއްޔާތަކާ އެކު މަޝްވަރާ ކުރަމުންދާއިރު. އަނެއްކޮޅުން އެމީހުން ހައްޔަރު ކުރަމުން މިދަނީ." ދަނޑުވެރިންގެ ޖަމާއަތް، ބާތިޔާ ކިސާން ޔޫނިއަންގެ ތަރުޖަމާނު ރާކޭޝް ޓިކައިތު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވިއެވެ.

އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީގެ ސަރުކާރަށް ދަނޑުވެރިކަމުގެ ބައެއް ގާނޫނުތައް އުވާލަން މަޖުބޫރުވީ 2021 ވަނަ އަހަރު ދިއްލީ ސަރަހައްދުގައި އެތައް މަސްތަކެއް ވަންދެން ކޭމްޕް ޖަހައިގެން މުޒާހަރާ ކުރުމުންނެވެ.

ނަމަވެސް އޭރު ސަރުކާރުން ވީ ބައެއް ވައުދުތައް ނުފުއްދާ ކަމަށް ބުނެ ދަނޑުވެރިން އަނެއްކާވެސް މުޒާހަރާތައް ފެށީ މިދިޔަ އަހަރު ފެބްރުއަރީ މަހުއެވެ.

ދަނޑުވެރިންގެ މުޒާހަރާ އަކީ 2014 ވަނަ އަހަރު ވެރިކަމަށް ވަޑައިގެންނެވި މޯދީގެ ހިންދޫ ނޭޝަނަލިސްޓް ސަރުކާރަށް ވެސް ކުރިމަތިވި ބޮޑު ގޮންޖެހުމެކެވެ. އިންޑިއާގެ 1.3 ބިލިއަންގެ އާބާދީގެ 70 އިންސައްތަ މީހުންގެ ދިރިއުޅުމުގެ އެކި ކަންކަން ހަމަޖައްސަނީ ދަނޑުވެރިކަމުން ލިބޭ އާމްދަނީންނެވެ.

comment ކޮމެންޓް