އިސްލާމްދީނަކީ އެ ނޫން އެހެން އެއްވެސް ދީނެއްގައި ދޭދޭ ފަރުދުންގެ ދެމެދު އޯގާތެރިކަމާއި އިޙްތިރާމު ބަޔާންކޮށް ނުދޭވަރަށް، އެ ކަމުގެ އެންމެ އިންތިހާއީ އާޚިރު ނުކުތާއަށް ދާންދެން ކިޔަވައިދީ ތަރުބިއްޔަތުކުރާ ދީނެކެވެ. އިންސާނަކު ހެދިބޮޑުވެ ފުރާ ފުރިހަމަވަމުން އަންނައިރު އޭނާގެ ވަށައިގެންވާ އެންމެންނަށް އިޙްތިރާމުކުރަން ދަސްކޮށްދޭ ދީނެކެވެ.
އެ ގޮތުން ބަލާއިރު މައިންބަފައިންނާއި، ގާތްތިމާގެ މީހުންނާއި، އަވަށްޓެރިންނާއި، ދުރު ރައްޓެހިންނާއި، ޓީޗަރުންނާއި، ބެލެހެއްޓުން ތެރިންނާއި، ވެރިންނާއި، މި ނޫން އެންމެންނަށް އިޙްތިރާމު ކުރަން ދަސްކޮށްދެނީ، ވަކި ކުލައަކަށް ވަކި ޢުމުރަކަށް ވަކި ގިންތިއަކަށް، ވަކި ފަންތިއަކަށް، އަދި ކިއެއް ވަކި ދީނަކަށް ވެސް ބެލުމެއް ނެތި އެންމެންނަށް ހަމަހަމަ ކޮށެވެ.
މި ހުރިހާ މުޢާމަލާތެއްގައި ވެސް މައިންބަފައިންނަށް އޯގާތެރިވެ އަޅާލުމާ އެކު އިޙްތިރާމުކުރުން އެއީ ކޮންމެ ދަރިއެއްގެ މައްޗަށް ވާޖިބު ކުރައްވައިފައިވާ ކަމެކެވެ. މަންމަގެ ނަން މި ކަމުގައި ބައްޕައަށްވުރެ އިސްވެގެން އާދެއެވެ. މި ކަމަށް އޮތް އެންމެ ބޮޑު ހެއްކަކީ ލުޤްމާން ސޫރަތުގެ އަންނަނިވި އާޔަތްތަކެވެ.
﴿وَوَصَّيْنَا الْإِنسَانَ بِوَالِدَيْهِ حَمَلَتْهُ أُمُّهُ وَهْنًا عَلَىٰ وَهْنٍ وَفِصَالُهُ فِي عَامَيْنِ أَنِ اشْكُرْ لِي وَلِوَالِدَيْكَ إِلَيَّ الْمَصِيرُ﴾ (سورة لقمان:١٤) މާނައީ:-"އިންސާނާއަށް، އޭނާގެ މައިންބަފައިންނަށް (ހެޔޮކޮށް ހިތުމަށް) ތިމަންރަސްކަލާނގެ ވަޞިއްޔަތްކުރެއްވީމެވެ. އޭނާގެ މައިމީހާ ބަލި ނިކަމެތިކަމުގެ މައްޗަށް، ބަލި ނިކަމެތިކަމާ އެކު މާބަނޑުގައި އޭނާ އުފުލިއެވެ. އަދި އޭނާ ކިރު ތުނބުން ވީއްލުންވަނީ، ދެއަހަރުގައެވެ. (ތިމަންރަސްކަލާނގެ އަމުރުކުރެއްވީމެވެ.) ތިމަންރަސްކަލާނގެއަށާއި، ތިބާގެ މައިންބަފައިންނަށްޝުކުރުކުރާށެވެ! އެނބުރި ރުޖޫޢަވުން ވަނީ، ހަމަ ތިމަންރަސްކަލާނގެއަށެވެ."
﴿وَإِن جَاهَدَاكَ عَلَىٰ أَن تُشْرِكَ بِي مَا لَيْسَ لَكَ بِهِ عِلْمٌ فَلَا تُطِعْهُمَا ۖ وَصَاحِبْهُمَا فِي الدُّنْيَا مَعْرُوفًا ۖ وَاتَّبِعْ سَبِيلَ مَنْ أَنَابَ إِلَيَّ ۚ ثُمَّ إِلَيَّ مَرْجِعُكُمْ فَأُنَبِّئُكُم بِمَا كُنتُمْ تَعْمَلُونَ ﴾ (سورة لقمان:١5) މާނައީ:-" އަދި ތިމަންރަސްކަލާނގެއާމެދު، ތިބާއަށް އެނގުމެއްނުވާ އެއްޗެއް ޝަރީކުކުރުމަށް، އެ ދެ މީހުން ގަދައަޅައިފިނަމަ، ފަހެ، ތިބާ އެ ދެ މީހުންނަށް ކިޔަމަންނުވާށެވެ! އަދި ދުނިޔޭގައި ހެޔޮގޮތުގައި އެ ދެ މީހުންނާއެކު އުޅޭށެވެ! އަދި ތިމަންރަސްކަލާނގެ ޙަޟްރަތަށް ކިޔަމަންވެ، ރުޖޫޢަވީ މީހުންގެ މަގަށް ތަބާވާށެވެ! ދެން ތިޔަބައިމީހުން އެނބުރި ރުޖޫޢަވުން ވަނީ ތިމަންރަސްކަލާނގެ ޙަޟްރަތަށެވެ. ފަހެ، އޭރުން ތިޔަބައިމީހުން ކޮށްއުޅުނު ޢަމަލުތަކުގެ ޚަބަރު ތިމަންރަސްކަލާނގެ ތިޔަބައިމީހުންނަށް އަންގަވާހުށީމެވެ."
ﷲއާ ޝިރުކުކުރުމަށް ތިބާއަށް މައިންބަފައިން އަމުރުކުރި ނަމަވެސް އެ ދެ މީހުންނާ ޢަދާވާތްތެރި ނުވުމަށް އަންގަވައި ވަޙީކުރައްވަނީ "އަދި ދުނިޔޭގައި ހެޔޮގޮތުގައި އެ ދެ މީހުންނާ އެކު އުޅޭށެވެ!" ޣައިރު މުސްލިމް ޢާއިލާކަށް އުފަން ކުއްޖަކު ޙަޔާތުގެ ދަތުރުގައި، ހިދާޔަތުގެ މަގަށް އެނބުރިދާނެއެވެ. އިސްލާމްދީނަށް ތަބާވުމުގެ ނިޢުމަތް ﷲ އޭނާއަށް ދެއްވައިފާނެތެވެ. އެފަދަ މީހަކަށް އެންމެ އުނދަގޫވާނީ ﷲއާއި ޝިރުކުކުރަން ދެވޭ ދައުވަތެވެ. އެ ކަމަށް ޖާނާއި މާލުން އިންކާރުކޮށް ނުރުހުން ފާޅުކުރުން އެއީ އޭނާއަށް އެންމެ ފަސޭހަކަމަށް ނޫނީ ނުވާނެއެވެ. އަދި އެއީ އޭނާ އެންމެ ހިތްރުހޭ ކަންތައް ކަމުގައި ވެސް ވާނެއެވެ. އެހަނަސް އެ ދަޢުވަތަކީ އޭނާ ބަނޑުއަޅާ ވިހޭ މައިމީހާގެ ފުށުން އަންނަ ގޮވައިލުމަކަށް ވެއްޖެނަމަ، އެއީ އޭނާއަށް އެ ކަމަށް ޖަވާބުދޭން އެންމެ ދަތި ވާނެކަންތަކެވެ.
ކުފުރު ދޫކޮށް އިސްލާމްވެގެން ހުރުމުން، ﷲއަށް ޝިރުކުކުރުން އެއީ އަދި އެއަށްވުރެ އުނދަގޫ ކަމެކެވެ. މަންމަ ނުވަތަ ބައްޕަ ބުނި ކަމުގައި ވިޔަސް އެ ކަމެއް ނުކުރެވޭނެއެވެ. އަދި އެ ކަމަށް އިޖާބަ ނުދީގެން މައިންބަފައިން އޭނާއަށް ގޯނާ ކުރިކަމުގައި ވީނަމަ ވެސް، އެ މީހުންނާ ދޭތެރޭ ދުނިޔޭގެ މުޢާމަލާތު ތަކުގައި ހެޔޮކޮށް ހިތުމަށް ނޫނީ، އިލާހީ އަމުރު ފުރިހަމަވެގެން ނުވެއެވެ.
އެއްދުވަހަކު މީހަކު ނަބިއްޔާ صَلَّىٰ اللهُ عَلَيْهِ وَسَلَّمގެ އަރިހަށް އައިސް ދެންނެވިއެވެ. އަހަރެން އެންމެ ބޮޑަށް ހެޔޮކޮށް ހިތުން ޙައްޤީ ކާކަށް ހެއްޔެވެ؟ އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ. ތިބާގެ މަންމައެވެ. އޭނާ އަނެއްކާ ވެސް ސުވާލުކުރިއެވެ. ދެން ކާކަށް ހެއްޔެވެ؟ އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ. ތިބާގެ މަންމައެވެ. އެ މީހާ އަދިވެސް އިތުރަށް ސުވާލުކުރުމުން ދެން ވެސް ޙަދީޘްކުރެއްވީ، ދެން ވެސް ތިބާގެ މަންމައެވެ. (صحيح مسلم: 2548) ނަބަވީ އެހެން ޙަދީޘެއްގައި ވެއެވެ.
"ހަމަކަށަވަރުން ތިޔަބައިމީހުންގެ މަންމައަށް ހެޔޮކޮށް ހިތުމަށް މާތް الله ތިޔަބައިމީހުންނަށް ތިން ފަހަރު ވަޞިއްޔަތް ކުރައްވަތެވެ." (سنن ابن ماجه: 3661)
މިހާ ބޮޑު އިޙްތިރާމަކާއި ޤަދަރެއް އިސްލާމްދީނުގައި މައިންބަފައިންނަށް ދެއްވާފައި އޮންނައިރު ވެސް، މިއަދުގެ މުސްލިމުންނަށް މި ކަންކަން އެނގިފައި އޮންނަނީ ވަރަށް ކުޑަކޮށެވެ. އެނގޭމިންވަރަށް ދަސްވެސް ނުވަނީއެވެ. ބައްޕަގެ ހައިބަތާއި މަންމަގެ މަޤާމު ބޮޑުވަމުން އަންނަ ކުދިންނަށް ކިޔަވައިދޭނެ ފުރުޞަތުތައް މިއަދު އަންނަނީ ހަނިވަމުންނެވެ.
އިންސާނީ ޙައްޤުތައް ދިނުމުގައި ކުރެވޭ ދިރާސީ އެއްވެސް މަސައްކަތެއްގައި ފޮތްޗެއްގެ ދެ ފުށް ހަމަހަމަވާ ގޮތަށް ޙައްޤުތަށް ތަރުތީބުނުވަނީ ބާއެވެ. ދަރިންގެ ޙައްޤު ހޯދައިދޭއިރު، މައިންބަފައިންގެ ޙައްޤު ގެއްލިގެން އެބަދެއެވެ. މުސްލިމުން މިއަށްވުރެ ތަންކޮޅެއް ހޭލުންތެރި ވަމާ އަންނާށެވެ! އަހަރުމެންގެ ދީން އޭގެ ފުރިހަމަ މާނައިގައި ދަސްކުރަމާ ބަހީއެވެ! ރީތި އާދަތަކުން ދުނިޔެ ޒީނަތްތެރި ކުރި ބަޔަކީ މުސްލިމުންނެވެ.