ފާއިތުވި 10 މަސް ދުވަސްތެރޭ، އޮޕަރޭޝަން ކުރަނގިގެ ދަށުން 100،000 އަށްވުރެ ގިނަ ބިދޭސީންގެ ބަޔޯ-މެޓްރިކް ޑޭޓާ އެއްކޮށްފައިވާ ކަމަށް ހޯމް މިނިސްޓްރީން މިއަދު ބުނެފިއެވެ.
ހޯމް މިނިސްޓްރީން މިއަދު ނެރުނު ބަޔާނުގައި ބުނީ ގަވައިދާ ޚިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީންގެ މައްސަލައަށް ހައްލެއް ގެނައުމަށްޓަކައި ރައީސުލްޖުމްޙޫރިއްޔާގެ ޚާއްސަ އިރުޝާދުގެ ދަށުން މިދިޔަ އަހަރުގެ މެއި މަހުގެ ދެވަނަ ދުވަހު ފެށި އޮޕަރޭޝަން ކުރަނގިއަށް ވަރަށް ބޮޑު ކުރިއެރުންތަކެއް މިހާތަނަށް ލިބިފައިވާ ކަމަށެވެ.
އެގޮތުން ފާއިތުވި 10 މަސް ތެރޭ އެއްކުރި ބިދޭސީންގެ މައުލޫމާތު 100،000 އަށްވުރެ މައްޗަށް އަރާފައިވާ ކަމަށް އެ މިނިސްޓްރީން ބުންޏެވެ. އޭގެ ތެރޭގައި މާލެ ސަރަހައްދުން 65،000އަށް ވުރެ ގިނަ ބިދޭސީންގެ މައުލޫމާތު އެއްކޮށްފައިވާ ކަމަށް މިނިސްޓްރީން ބުންޏެވެ.
ހޯމް މިނިސްޓްރީން ބުނީ މިދިޔަ ސަރުކާރުގެ ފަސް އަަހަރު ނިމުނުއިރު އެއްކޮށްފައިވަނީ ގާތްގަނޑަކަށް 40،000 ބިދޭސީންގެ މައުލޫމާތު ކަމަށެވެ. އަދި ބިދޭސީންގެ މައްސަލަ އެހާ ބޮޑަށް ބޮއްސުންލައިގެން ގޮސްފައި ވަނީ މީގެ ކުރީގެ ސަރުކާރުތަކުން އަމަލީ މަސައްކަތަށް މާބޮޑު ސަމާލުކަމެއް ދީފައި ނެތުމުން ކަަމަށް އެ މިނިސްޓްރީން ވަނީ ބުނެފައެވެ.

ނުގަވައިދުން އުޅޭ ބިދޭސީންގެ މައްސަލަ ހައްލު ކުރަން ފިންގާ ޕްރިންޓާއި ފޮޓޯ ނެގުމުގެ މަސައްކަތް ކުރަނީ: 10 މަސްތެރޭ އެއްލައްކައަށް ވުރެ ގިނަ ބިދޭސީންގެ މައުލޫމާތު އެއްކޮށްފި -- ސަން ފޮޓޯ/ މޫސާ ނަދީމް
އެ މިނިސްޓްރީން ބުނީ އޮޕަރޭޝަން ކުރަނގިގެ މަސައްކަތް ނިމުމާއެކު ބޭރުމީހުން ގެނައުމުގައި މިހާރު އޮތް ދަތިކަން ހައްލުވާނެ ކަމަށެވެ.
އެހެންކަމުން މިއަދާ ހަމައަށް މައުލޫމާތު ނުދީ ތިބި ބިދޭސީން އަންނަ މަހުގެ 30ގެ ނިޔަލަށް ފޮރިން ލޭބާ ޑިޕާޓްމަންޓާ އެ މައުލޫމާތު ހިއްސާކުރުމަށް އެ މިނިސްޓްރީން ވަނީ އެދިފައެވެ. އަދި އެ ތާރީޚަށް ފަހު، ރާއްޖޭގައި ގަވައިދާ ޚިލާފަށް އުޅޭ ބިދޭސީން ޑީޕޯޓްކުރުމުގެ މަސައްކަތް ފަށާނެ ކަމަށް މިނިސްޓްރީން ބުންޏެވެ.
ރާއްޖޭގައި އެންމެ ފަހުން ހެދި ބޯހިމެނުމުން ދައްކާ ގޮތުގައި، ގައުމުގެ އާބާދީ ފަސް ލައްކައަށް އަރާއިރު އޭގެ ތެރޭގައި 132,371 ބިދޭސީން ހިމެނެއެވެ.
ފާހަގަކޮށްލެވޭ ގޮތުގައި އޮޕަރޭޝަން ކުރަނގިގެ ދަށުން ގްރޭޓާ މާލެ ސަރައްޙައްދުގައި ވަޒީފާ އަދާކުރާ ބިދޭސީންގެ މައުލޫމާތު އަޕްޑޭޓްކުރުމަށް, ރޯދަމަހަށް ޚާއްސަކޮށް ކަލާފާނު ސްކޫލާއި ހުޅުމާލެ ރެހެންދި ސްކޫލްގައި ހޯމް މިނިސްޓްރީން ޑެސްކުތަކެއް ވެސް ބަހައްޓަފައިވެއެވެ. އަދި ނެޝަނަލް ސެންޓާ ފޯ އިންފޮމޭޝަން ޓެކްނޮލޮޖީ (އެންސީއައިޓީ)ގައި ޖޮއިންޓް އޮޕަރޭޝަން ސެންޓަރަކާއި، ނޯތު ހާބަރުގައި އިތުރު ޑެސްކެއް ވެސް ވަނީ ގާއިމުކޮށްފައެވެ.
އޮޕަރޭޝަން ކުރަނގިގެ ތެރެއިން، ބިދޭސީން ވަޒީފާ އަދާކުރަނީ ރާއްޖޭގެ ގާނޫނުތަކާއި ގަވާއިދުތަކާ އެއްގޮތަށްތޯ ޔަގީން ކުރެއެވެ. މި އޮޕަރޭޝަންގެ ފުރަތަމަ މަރުހަލާގެ ބޭނުމަކީ ރާއްޖޭގައި ތިބި ހުރިހާ ބިދޭސީންނަކީ ވެސް ގަވާއިދުގެ ތެރޭގައި މަސައްކަތް ކުރާ ބަޔަކަށް ހެދުމެވެ.