ނޮވެމްބަރު 3، 1988ގެ ހަނގުރާމާއިގައި ޝަހީދުވެފައިވާ ސިފައިންގެ އާއިލާގެ ކޮންމެ މީހަކަށް މަހަކު 9،000 ރުފިޔާ ދިނުމަށް ސަރުކާރުން ނިންމައިފިއެވެ.

ނޮވެމްބަރު ތިނެއްގެ ހަނގުރާމައާ ގުޅުވައި އިނާޔަތްތައް ދިނުމާ ގުޅޭ ގޮތުން ޑިފެންސް މިނިސްޓްރީން އާއްމުކުރި އުސޫލެއްގައިވާ ގޮތުން، އެ އުސޫލުގެ މަގުސަދަކީ ނޮވެމްބަރު 3، 1988ގެ ހަނގުރާމާއިގައި ޝަހީދުވެފައިވާ ސިފައިންގެ އާއިލާތަކަށާއި، އެ ހަނގުރާމައިގައި ދައްކުވައިދިން އާދަޔާޚިލާފު ހިތްވަރު ފާހަގަކޮށް، ސިފައިންގެއިން ޝަރަފުގެ ނިޝާން ދީފައިވާ ފަރާތްތަކުގެ ޚިދުމަތުގެ އަގުވަޒަންކޮށް، އެ ފަރާތްތަކަށް މާލީ އިނާޔަތެއް ދިނުމެވެ.
އެ އިނާޔަތް ހައްގުވާ ފަރާތްތަކުގެ ގޮތުގައި ކަނޑައަޅާފައި ވަނީ:
- ނޮވެމްބަރު 3، 1988ގެ ހަނގުރާމައިގައި ޝަހީދުވި ސިފައިންގެ އާއިލާތައް.
- ނޮވެމްބަރު 3، 1988ގެ ހަނގުރާމައިގައި ދައްކުވައިިދިން އާދަޔާ ޚިލާފު ހިތްވަރު ފާހަގަކޮށް، ޝަރަފުގެ ނިޝާން ދެވިފައިވާ ފަރާތްތައް.
އެ ހަނގުރާމައިގައި އަށް ސިފައިން ޝަހީދުވިއިރު، އުސޫލުގައިވާ ގޮތުން ނަމަ ހަނގުރާމައިގައި ޝަހީދުވި ސިފައިންގެ ޚިދުމަތް ފާހަގަކޮށް، އިނާޔަތް ދެވޭނީ އެ ޝަހީދުންގެ އާއިލާތަކަށެވެ. ޝަހީދުވި މީހާގެ އާއިލާކަމުގައި ބަލާނީ، މައިންބަފައިންނާއި، އުފަންދަރީންނާއި، ހުވަފަތްވި އަނބިމީހާ ކަމަށް އުސޫލުގައި ވަނީ ބަޔާންކޮށްފައެވެ.
އަދި ހަނގުރާމައިގައި ޝަހީދުވި ސިފައިންގެ މީހާގެ އާއިލާގެ މެންބަރުންގެ ތެރެއިން ދުނިޔޭގައި ތިބި ކޮންމެ މީހަކަށް، އެ މީހަކު ދުނިޔޭގައި ހުރިހައި ދުވަހަކު މަހަކު 9،000 ރުފިޔާ ދިނުމަށް އުސޫލުގައި ވަނީ ކަނޑައަޅައިފައެވެ. އަދި ހަނގުރާމައިގައި އަމިއްލަ ހަށިގަނޑާށާއި ފުރާނައަށް ބެލުމެއްނެތި ދައްކުވައިދިން ޖެހިލުންކުޑަ އަދި ހިތްވަރުގަދަ އަމަލުގެ ސަބަބުން ހުރަވީ ރަން މެޑަލް ދީފައިވާ ފަރާތްތައް ދުނިޔޭގައި ހުރިހައި ދުވަހަކު މަހުން މަހަށްދޭ ފައިސާގެ އިނާޔަތުގެ ގޮތުގައި 8،000 ރުފިޔާ ދިނުމަށް ވަނީ ކަނޑައަޅައިފައެވެ.
މީގެ އިތުރުން އެ ހަނގުރާމައިގައި ހިތްވަރުގަދަކަމުގެ ކުލަ ދެވިފައިވާ ކޮންމެ ފަރާތްތައް ދުނިޔޭގައި ހުރިހައި ދުވަހަކު މަހުން މަހަށްދޭ ފައިސާގެ އިނާޔަތުގެ ގޮތުގައި 6،000 ރުފިޔާ ދިނުމަށް ވަނީ ކަނޑައަޅައިފައެވެ.
އުސޫލުގައި ބުނެފައިވާ ގޮތުގައި ޝަރަފުގެ ނިޝާން ދީފައިވާ ފަރާތެއް މަރުވެއްޖެނަމަ، އިނާޔަތްދިނުން ހުއްޓުމަކަށް އަންނާނެއެވެ. އެހެންކަމުން އެއިން ފަރާތެއް މަރުވެއްޖެނަމަ އެކަން އެއް މަސްދުވަސްތެރޭ ޑިފެންސް މިނިސްޓްރީއަށް އާއިލާގެ ފަރާތުން އަންގަން ޖެހޭނެ ކަމަށް ވަނީ ބަޔާންކޮށްފައެވެ.
އެ އުސޫލުގައި ނުހިމެނޭ ކަމެއް ދިމާވެއްޖެނަމަ، އެކަމުގައި އަމަލުކުރާނެ ގޮތެއް ކަނޑައަޅާނީ ވަޒީރުންގެ މަޖިލީހުގެ މަޝްވަރާއާއެކު ރައީސުލްޖުމްހޫރިއްޔާކަމަށް ވަނީ ބަޔާންކޮށްފައެވެ.
އެ އުސޫލު މިއަދު ގެޒެޓުކުރުމާއެކު އަމަލު ކުރަން ވަނީ ފަށައިފައެވެ.
ނޮވެމްވަރު 3، 1988ގައި ދިން އުދުވާނީ ހަމަލާއަކީ ހ. ހާޖަރާގޭ އަބްދުﷲ ލުތުފީ އާއި ސ. ހިތަދޫ ޕެރިސްހޮލިޑޭ އަހުމަދު ނާސިރު އިސްވެ ހުރެ، ތަމަޅައިންނާއެކު އަރައި، ހަތިޔާރާއެކު ދިން އުދުވާނީ ހަމަލާއެވެ.
އެ ހަމަލާގައި އަށް ސިފައިންގެ އިތުރުން 11 އާންމު ރައްޔިތުން ވެސް ޝަހީދުވިއެވެ.
ރައީސް ޑރ. މުޙައްމަދު މުއިއްޒުވަނީ ޝަހީދުންގެ އާއިލާތަކަށް އިނާޔަތް ދިނުމުގެ އިތުރަށް، 50 ޔުނިޓްގެ ހައުސިން އިމާރާތެއް ވެސް އެ އާއިލާތަކަށް ދެއްވާނެ ކަމަށް ވިދާޅުވެފައެވެ.
comment އަހުމަދު
4 week 6 day ago
ޕޯޗްގީޒުންނާއި ހަގުރާމަކޮށް މި ޤައުމު ސަލާމަތްކުރި ބޭކަލުންގެ ރަށުގެ މީހުންނަށްވެސް މުޅިއުމުރަށް ކޮންމެވެސް ވަރެއްގެ އިނާޔަތެއްވެސް ދެއްވަންވީޫންތޯ..
comment އައްޓަމަސް
4 week 6 day ago
ގައުމުގެ މާލީ ހާލަތަށް ބެލުމެއް ނެތި ހިތުހުރި އަދަދުތަކެއް ހޭދަކުރާނަމަ މިހާރަށް ވުރެ ގިނައިން ފައިސާ ޗާޕުކޮށް ޓީ ބިލް ވިއްްކަންޖެހޭނެ ދޯ. ގައުމު ބަނގުރޫޓުވެ ރައްޔިތުންގެ މާލީ ހާލަތު ގޯހުންގޯހަށް ދާއިރު ހޭދަތަައް މަތިމަތިން އިތުރު ކުރަނީ ކޮން މޮޅު ވިސްނުމެއް ޜޭވުމެއް އޮވެގެންބާ؟
comment ދީދީ
4 week 6 day ago
88 ނޮވެމްބަރު ތިނެއްގައި ގައުމަށްޓަކައި ޝަހީދުވި ބޭކަލުންނަށް ސަރުކާރުންވަނީ މާކުރިން އިއްޒަތްދެއްވާފައި. މިއަދު ގައުމުގެ އިގްތިސާދީ ހާލަތު އެބަޖެހޭ ރައްޔިތުންނަށް ބުނެދޭން، މިއަކީ ރިޔާސީ ވައުދެކޭކިޔާފައި ބައިތުލްމާލުން ބޭކާރު ހޭދަކުރާންވީ ވަގުތެއްނޫން، ރައީސް މުއިއްޒުގެ ކިބައިން ފެންނަނީ ގައުމުގައި ހުރި ބޮޑެތިކަންކަން ހައްލުކުރުމުގެ ބަދަލުގައި ސިޔާސީ ގޮތުން މަޝްހޫރުވާން އުޅޭތަން. މިސާލަކަށް ނޮވެމްބަރު 3 ގައި ޝަހީދުވީ އެއްބޭފުޅެއް، މިއަދުގެ ބީއެމްއެލްގެ ސީއީއޯ ގެ ބައްޕަ. ދެން މިވީ އެސީއީއޯއަށް ވެސް ފައިސާދޭން އަދި ސީއީއޯގެ މަންމަ އަށްވެސް އިނާޔަތްދޭން. ދެން އެމްއެންޑީއެފުން މާސިންގާ ޕެންޝަން ލިބިގެން ރިޓަޔާ ކޮށްފައި ތިބިމީހުންނާއި މިހާރުވެސް މަގާމުގައި ތިބި ބައެއް މީހުންނަށްވެސްވީ ހަމަ މިއިނާޔަތްތަށްދޭން. މިހުރިހާއެންމެންނީވެސް ރާއްޖޭގެ ނިސްބަތުން މެދުފަންތީގެ މުއްސަނދިން. އެހެންކަމުން ސަރުކާރުން ހަމަ ހިތަށް އަރާގޮތަކަށް ރައްޔިތުންގެ ހަޒާނާ ބަހައި ހުސްކުރުމަކީ އިންސާފެއްތޯ؟ މިއަށްވުރެން ރަނގަޅުވާނެ ރަށްރަށުގެ ރައްޔިތުންނަށް ޖެހިފައިވާ ކަރަންޓާއި ބޯފެނާއި ސިއްހީ ހިދުމަތުގެ ފެންވަރު ރަނގަޅު ކުރުމަށް މަސައްކަތް ކުރިއްޔާމު.