ޣައްޒާގައި އިސްރާއީލު ހިންގި ގަތުލުއާންމު ތަކަކީ ހަމާސްްއަށް ދިން މެސެޖެއް ކަމަށް އެމެރިކާ ސިފަކޮށްފި

އިސްރާއީލު ހިންގާ ގަތުލުއާންމު ތަކުގައި ޝަހީދުކޮށްލާފައިވާ ޣައްޒާގެ އާންމުން

ޣައްޒާ (20 މާޗް 2025) : އިސްރާއީލުން ޣައްޒާގައި ހިންގަމުން ގެންދިޔަ ގަތުލުއާންމުތައް ގާތްގަނޑަކަށް ދެމަސްވަންދެން މެދުކަނޑާލާފައި އޮތުމަށްފަހު އިއްޔެ ގަތުލުއާންމުތައް އަލުން ފެށުމުގެ ގޮތުން ޣައްޒާގެ އާންމުންނަށް ދިން ހަމަލާތަކުގައި ޝަހީދުކޮށްލި އާންމުންގެ އަދަދު 412 އަށް އަރާފައިވާއިރު މިއީ ހަމާސް ޖަމާއަތަށް ދެވުނު ވަރުގަދަ މެސެޖެއްކަމަށް އެމެރިކާ ސިފަކޮށްފިއެވެ.

އިސްރާއީލުން ޣައްޒާގެ އާންމުންނާ ދެކޮޅަށް ހިންގި ގަތުލުއާންމުތައް ދިފާއު ކުރައްވައި އެމެރިކާގެ ޚާރިޖީ ވަޒީރު މާކޯ ރޮބިއޯ ވިދާޅުވީ އެމެރިކާ ޔަމަނަށް ދިން ހަމަލާތަކުންނާއި އިސްރާއީލުން ޣައްޒާއަށް ދިން ހަމަލާތަކުން ހަމާސް ޖަމާއަތަށް ފިލާވަޅެއް ލިބިގެންދާނެ ކަމަށް އުންމީދު ކުރައްވާކަމުގައެވެ.

އިސްރާއީލުން އިއްޔެ ޣައްޒާގައި ހިންގި ގަތުލުއާންމަށް ސީދާ ގޮތެއްގައި ތާއީދު ކޮށްފައިވަނީ ޔަހޫދީ ޓެރަރިޒަމް ސްޕޮންސާ ކުރާ މައިގަނޑު ދެ ގައުމު ކަމަށްވާ އެމެރިކާއާއި އިނގިރޭސިވިލާތުންނެވެ.

އެމެރިކާއަކީ ޒަމާނުއްސުރެ ވެސް އިސްރާއީލުން ހިންގާ ޔަހޫދީ ޓެރަރިޒަމްގެ މައި ސްޕޮންސަރެވެ. އަދި ޔަހޫދީން ހިންގާ ޓެރަރިސްޓް ހަރަކާތްތަކުގެ މައި މަދަދުގާރުވެސް މެއެވެ. އިސްރާއީލުން ހިންގި ގަތުލުއާންމުތަކާ ގުޅިގެން އިނގިރޭސިވިލާތުން ބުނެފައިވަނީ އަމިއްލަ ނަފްސު ދިފާއު ކުރުމުގެ ހައްގު އިސްރާއީލަށް ލިބިގެންވާކަމުގައެވެ. ނަމަވެސް ޣައްޒާގެ އާންމުން މަރުވުމަކީ ވިސްނާލަން ޖެހޭ މައްސަލައެއް ކަމުގައެވެ. ދުނިޔޭގެ އެތައް ގައުމަކުން މި ގަތުލުއާންމުތައް ކުށްވެރިކޮށްވަނީ ބަޔާންތައް ނެރެފައެވެ.

ނޯވޭ، އޮސްޓްރޭލިއާ އަދި ސްޕޭންފަދަ ގައުމުތަކުން ބުނެފައިވަނީ ހަމާސް އަސްކަރީ ގޮތުން ބަލިކުރުމުގެ ނަމުގައި އިސްރާއީލުން ބޮންއަޅައި ޣައްޒާގެ އާންމުން ޑަޒަން ޑަޒަނަށް މަރަމުން ގެންދިޔުމަކީ ގަބޫލު ކުރެވޭނެ ކަމެއް ނޫންކަމުގައެވެ.

އެމެރިކާގެ ޚާރިޖީ ވަޒީރު މާކޯ ރުބިއޯ

ޣައްޒާގައި ވެރިކަންކުރާ ހަމާސް ޖަމާއަތް ބުނާގޮތުން އިސްރާއީލުން ޝަހީދުކޮށްލި މީހުންގެ އަދަދަކީ 412 އެވެ. ޒަޚަމްކޮށްލި މީހުންގެ އަދަދު 500 އަށް ވުރެ މައްޗެވެ. ހަމާސްގެ ސަރުކާރުން ނެރުނު ބަޔާނެއް ބުނާގޮތުން އިސްރާއީލުގެ ފައިޓާޖެޓްތަކުން އާންމުންގެ ބޮލަށް ބޮންއަޅައި ގަތުލުއާންމު ހިންގަން ފެށީ ޣައްޒާގެ ރައްޔިތުން އެމީހުން ދިރިއުޅޭ ފޮތި ފޭލިގެތަކުގައި ހާރުކާން ތިއްބައެވެ. އެއީ ޣައްޒާގެ ގަޑިން ދަންވަރު ތިނަކާއި ހަތަރަކާ ދެމެދުގައެވެ.

ހަމަލާތައް އަމާޒުކޮށްފައިވަނީ އާންމުން ދިރިއުޅޭ ފޭލިގެތަކަށެވެ. މިއާއެކު ފޭލިގެތަކުގައި އަލިފާން ރޯވެ ހާރުކާން ތިބި އާންމުން ޝަހީދުވުމުގެ އިތުރުން އެ މީހުންގެ ހަށިތައް ކުދިކުދިވެ ހަށިތަކުގެ ބައިތައް ލޭތަކާއެކު ބުރަބުރައިގެންގޮސް ދުރަށް ވިއްސައިގެން ދިޔައެވެ.

ޣައްޒާގެ ސިއްހަތާބެހޭ ވުޒާރާ ބުނިގޮތުގައި ޒަޚަމްވި މީހުންގެ އަދަދު ގިނަކަމުން ޣައްޒާގެ ހޮސްޕިޓަލްތަކަށް ވަނީ ޒަޚަމްވެފައިވާ މީހުންނަށް ޚިދުމަތް ނުދެވޭވަރަށް ބާރުބޮޑުވެފައެވެ. ޣައްޒާގައި ސަލާމަތުން ހުރި އަދި ފުލްކޮށް މަސައްކަތްކުރާ އެންމެ ހޮސްޕިޓަލެއްވެސް ނެތެވެ.

ޣައްޒާގެ ނަސްލު ނައްތާލުމަށް ޓަކައި ދޮޅު އަހަރުވަންދެން އިސްރާއީލު ހިންގި ގަތުލުއާންމުތަކުގައި ޣައްޒާގެ 28 ހޮސްޕިޓަލަކަށް ހަމަލާދިނެވެ. އޭގެތެރެއިން 20 ހޮސްޕިޓަލް އެއްކޮށް ހަލާކުކޮށްލިއެވެ. އަދި އަނެއް ހޮސްޕިޓަލްތަކުގެ ބޮޑުބައެއް ހަލާކުކޮށްލިއެވެ. ބޭނުމަކީ ޣައްޒާއަކީ މީހުންނަށް ދިރިނޫޅެވޭނެ ތަނަކަށް ހެދުމެވެ.

އަނެއްކޮޅުން ބޭހާއި ސިއްހަތާބެހޭ ތަކެތި ވެއްދުމަށް ފާއިތުވި ދުވަސްތަކުގައި އިސްރާއީލުން ހުރަސްއަޅާފައިވާތީ ގިނަ ބާވަތްތަކުގެ ބޭހާއި ފަރުވާ ދިނުމަށް ބޭނުންކުރާ ތަކެތިވެސް ޣައްޒާގެ ހޮސްޕިޓަލްތަކުގައި ހުރީ ވަރަށް މަދުކޮށެވެ.

ޣައްޒާގައި މަސައްކަތްކުރާ ޑޮކްޓަރުން މައުލޫމާތު ދޭގޮތުގައި އިސްރާއީލުން އިއްޔެރޭ ޣައްޒާގެ އާންމުންގެ ބޮލަށް ބޮންއަޅައި ހިންގި ގަތުލުއާންމުގައި ދެގަޑީއިރު ތެރޭގައި 500 އަށް ވުރެގިނަމީހުން ޒަޚަމްކޮށްލާފައިވާއިރު މީގެތެރެއިން ތެރޭގައި 400 އަށް ވުރެ ގިނަ މީހުން ގެންދިޔައީ ޣައްޒާގައި އެންމެ ސަލާމަތުން ހުރި ހޮސްޕިޓަލްކަމަށްވާ ނުސައިރާތު ހޮސްޕިޓަލަށެވެ.

ޝަހީދުކޮށްލާފައިވާ އާއިލާގެ މީހުންގެ ހަށިތަކުގެ ކައިރީގައި ޣައްޒާގެ އަންހެނެއް

ޑޮކްޓަރުން ބުނާގޮތުން މި 400 މީހުންގެ ތެރޭގައި ހަށިގަނޑުގެ ބޮޑު ބައެއް އަނދައި ފިހިފައިވާ މީހުންނާއި ބޮލަށާއި މެއަށް ބޮޑެތި އަނިޔާތައް ލިބިފައިވާ މީހުންނާއި އަތްފައި ބުރިވެފައިވާ މީހުން ހިމެނެއެވެ. މިމީހުންނަށް ފަރުވާ ދިނުމަށް ބޭނުންވާ ސާމާނާއި ބޭސް ނެތްއިރު ލޭ ލިބުންވެސްވަނީ އިންތިހާއަށް ދަތިވެފައެވެ.

އިސްރާއީލުގެ ގަތުލުއާންމުގައި 412 މީހުން ޝަހީދުކޮށްލާފައިވާއިރު އެމީހުންގެ ހަށިތައްވެސްވަނީ ޣައްޒާގެ އެކި ސަރަހައްދުތަކުގައި ފުނިޖެހިފައެވެ. މުޅި ޣައްޒާއިން އިވެނީ ރުއިމާއި ތަދާއި ވޭނާއި ކެކުޅުމުގެ އަޑެވެ.

އަލްޖަޒީރާ ބުނާގޮތުން އިސްރާއީލުގެ ގަތުލުއާންމުތަކުގައި ޒަޚަމްވި 500 އަށް ވުރެ ގިނަމީހުން ހޮސްޕިޓަލްތަކަށް ގެންދެވުނީވެސް ވަރަށް ލަހުންނެވެ. އެއީ އިސްރާއީލުގެ ހަމަލާތައް އެމްބިއުލެންސުތަކަށްވެސް އަމާޒުކޮށް ގިނަ އެންބިއުލަންސް ހަލާކުކޮށްލާފައިވާތީއެވެ.

ޣައްޒާގައި ހުރި 36 ހޮސްޕިޓަލްގެ ތެރެއިން 20 ހޮސްޕިޓަލަށް ސީދާ ގޮތެއްގައި ބޮން އަޅައި އަދި ޓޭންކުން ހަމަލާދީ އިސްރާއީލުންވަނީ އެހޮސްޕިޓަލްތައް ހަލާކުކޮށްލާފައެވެ. ބާކީ 16 ހޮސްޕިޓަލްގެ ތެރެއިން 9 ހޮސްޕިޓަލްގެ ބޮޑުގައި އިސްރާއީލުވަނީ ހަލާކުކޮށްލާފައެވެ. މި ހޮސްޕިޓަލް ތަކުން ދެވެނީ ވަރަށް އާދައިގެ ޚިދުމަތްތަކެވެ. ކިރިޔާވެސް އެކަށީގެންވާ ވަރަކަށް މަސައްކަތް ކުރަނީ އެންމެ 7 ހޮސްޕިޓަލްއެވެ.

comment ކޮމެންޓް