އޭނާގެ މަސް މުޅަކޮށް ތި ކަނީ ކީއްވެތަ؟

މުސްލިމުން އެކަކު އަނެކެއްގެ އަބުރަށް އަރައިގަތުން އާންމުވެއްޖެއެވެ. އެފަދަ ވާހަކަތައް އަޑުއެހުމާއި ފެތުރުން ވެސް ގިނަވެއްޖެވެ. ސިއްރަކު ނޫނެވެ. ފާޅުގައި ކެރިގެން ތިބެ މޮޅުކަމެއް ކަމުގައި ވެސް ދެކިގެންނެވެ.

އެންމެ ކުރިން އަނެކާގެ މުޅަ މަސް ކައިލެވޭ މީހަކީ އެހެން މީހުންގެ މައްޗަށް މާ ބޮޑު ފަޚުރެއް ހޯދޭ މީހެއް ކަމުގައި ދެކިގެންނެވެ. މި ޙާލަތަށް އަޅުގަނޑުމެން ދިޔައީ ކީއްވެގެންބާއޭ، ހިތަށް އަރައިގެން އެ ކަމާ ވިސްނާލައިފިއްޔާ ބިރުން ފިއްކެނޑޭ ވަރު ވާނެއެވެ.

މީހުންގެ ވާހަކަދެއްކުމުގެ ނުބައިކަން ﷲ ސިފަކުރައްވައިފައި ވަނީ މުސްލިމު އަޚުންގެ މަސް މުޅަކޮށް ކެއުން ކަމުގައެވެ. ވަހީކުރެއްވިއެވެ. ﴿وَلَا يَغْتَب بَّعْضُكُم بَعْضًا أَيُحِبُّ أَحَدُكُمْ أَن يَأْكُلَ لَحْمَ أَخِيهِ مَيْتًا فَكَرِهْتُمُوهُ وَاتَّقُوا اللَّهَ إِنَّ اللَّهَ تَوَّابٌ رَّحِيمٌ﴾ ‎(الحجرات: ١٢) މާނައީ: "އަދި އެއްބަޔަކު އަނެއްބަޔަކަށް ޣީބަނުބުނާށެވެ! ތިޔަބައިމީހުންކުރެ އެކަކުވެސް އޭނާގެ އަޚާގެ މަސް މުޅަކޮށް ކެއުމަށް ލޯބިކުރާނެ ހެއްޔެވެ؟ ފަހެ، ތިޔަބައިމީހުން އެ ކަމަކަށް ނުރުހޭނޫއެވެ. އަދި ތިޔަބައިމީހުން ﷲއަށް ތަޤުވާވެރިވާށެވެ! ހަމަކަށަވަރުން، ﷲއީ، ގިނަގިނައިން ތައުބާ ޤަބޫލުކުރައްވާ ރަޙީމުވަންތަ ރަސްކަލާނގެއެވެ."

ފާޅުގައި މީހުންގެ ވާހަކަދައްކައި ނެތިމޮށުމާއި ޣީބަ ބުނެ އާޑަފުރައްސާރަކުރުން މިއީ މި ފަހަކަށް އައިސް ދިވެހިންގެ ތެރޭ މާ ބާރަކަށް ފެތުރިގެން އައި ހުތުރު އަޚުލާޤެކެވެ. ކުދިބޮޑު އެންމެންގެ މެދުގައި ވެސް މި ކަން އޮތީ އާންމުވެފައެވެ. ސްކޫލުތަކުގައި ދަރިވަރުން ދަރިވަރުންނަށް އާޑަކިޔުމުގެ އިތުރަށް ދަރިވަރުން ޓީޗަރުންނަށް ވެސް ޣީބަ ބުނެ އާޑަކިޔަނީއެވެ. ޢާއިލާތަކު ތެރޭގައި ވެސް ޙާލަކީ މިއީއެވެ. ސިޔާސީ ހަލަބޮލިކަން ރާއްޖޭގައި ފެށުނީއްސުރެ މަގުތައް މަތީގައި ވެސް މި ކަމެއް އެބަ ކުރެއެވެ.

މި ކަންކަމަކީ އިއްޔެއަކުމިއަދަކު އެކަނި ފެންނާން ފެށި ހުތުރު މަންޒަރެއް ނޫނެވެ. ފާއިތުވި ވިއްސަކަށް އަހަރުތެރޭ ފާޅުގައި އާޑަފުރައްސާރަ ގޮވުން ހުއްޓިފައި އޮންނަނީ މަދު ދުވަސްކޮޅަކަށެވެ. ވެރިކަމުގައި ތިބޭ މީހުންގެ މަހަކީ އިދިކޮޅު ސިޔާސީ ލީޑަރުންގެ ރަސްމީ ކޮށްތު ކަމުގައި ނުހަދާ ސިޔާސީ ޕާޓިއެއް ނެތޭ ބުނުމަކީ ދޮގަކަށް ނުވާނެއެވެ. އެންމެ ހިތާމަ ކުރަން ޖެހޭކަމަކީ ރަމަޟާންމަހުގެ ރޭތަކުގައި ވެސް ރަށުތެރޭ ހުތުރު ނަންތައް ގޮވާ ހަޅޭލަމުން ހިނގާ މީހުން ހިނގާ ކަމެވެ.

ރަމަޟާންމަހުގެ ރޯދައިގެ ސަވާބު އުނިވާ ކަމެއް ކަމުގައި ވެސް ޣީބަބުނުމާއި އާޑަފުރައްސާރަކުރުން ހިމެނެއެވެ. ރަސޫލާ صَلَّىٰ اللهُ عَلَيْهِ وَسَلَّمَޙަދީޘްކުރެއްވިއެވެ. «مَن لَمْ يَدَعْ قَوْلَ الزُّورِ والعَمَلَ به، فليسَ لِلَّهِ حَاجَةٌ في أنْ يَدَعَ طَعَامَهُ وشَرَابَهُ.» (صحيح البخاري) މާނައީ: "ރޯދައަށް ހުރެ ވިޔާނުދާ ގޯސް ވާހަކަތަކާއި ވިޔާނުވާ ޢަމަލުކުރުން ދޫކޮށްނުލާ މީހާ، ކެއުމާއިބުއިން ދޫކޮށްލައިގެން ހުރުމުގެ އެއްވެސް ހާއްޖަތެއް ﷲއަކަށް ނެތެވެ."

އަޅުގަނޑުމެން ކެއުމާއި ބުއިން ދޫކޮށްލައިގެން ތިބެ ހިފާ ރޯދައިގެ ބެއެއް އުނިވާ ގޮތަށް އަޅުގަނޑުމެނގެ އަމިއްލަ އަތްތަކުން ޢަމަލުކޮށްގެން ނުވާނެއެވެ. އެއީ ބިނާއެއް ހަދާފައި އެ ބިނާ އަމިއްލައަށް ހަލާކުކުރުން ފަދަ ކަމެކެވެ. މީގެ މާނައަކީ އެފަދައިން ވާހަކަ ދެއްކުނު މީހާ ރޯދަ ދޫކޮށްލުމެއް ނޫނެވެ. އެހެނެއްކަމަކު މި ޙަދީޘްގެ މުރާދަކީ ރޯދައަށް ހުރެ އެފަދަ ޢަމަލުކުރުމުގެ ނުބައިކަން ބޮޑުކަން ބަޔާންކޮށްދެއްވުމެވެ. ތަޤުވާވެރިކަން ހާސިލުކުރަން އޮތް މި މާތް އަޅުކަމުން ބައެއް އުނިވެގެން ހިނގައިދާނެ ކަމުގެ އިންޒާރު ދިނުމެވެ. އުނިވެދާނެ ބަޔަކީ ކޮބައިހެއްޔެވެ؟ އެއްވެސް ޝައްކެއް ނެތް ގޮތުގައި އެއީ ތަޤުވާއަށް ލިބޭ އުނިކަމެކެވެ.

ޣީބަބުނުމާ އާޑަ ފުރައްސާރަ ކުރުމުގައި މީސްތަކުން ޖެހެމުންދަނީ، ކަމުގެ ނުރައްކާތެރިކަން ނޭނގޭތީބާވައޭ ވެސް ހިތަށްއަރައެވެ. އެހެން މީހުންގެ ކުރިމަތީ ހިމޭނުން މަޑުމާތްތިރިކޮށް ތިބޭ މީހުން ވެސް މި ކަން ކުރެއެވެ. އޭނާގެ މަޒުހަރުން މާތްކަން ފެންނަ އެތައް ބަޔަކު قَوْلَ الزُّورِގެ (ވިޔާނުދާ ވާހަކައިގެ) ވަކިތަކުގައި ތާށިވެފައި އެބަ ތިއްބެވެ. ތިމާގެ ޟަމީރު ޤަބޫލު ނުކުރާ މީހުންގެ ގޯސް ވާހަކަ ހިމެނޭ ޕޯސްޓެއް ޝެއަރކުރުން އެކަނި މި ވަބާގައި ޖެހުމުގެ ސަބަބަކަށް ފުދެއެވެ.

މީސްމީޑިއާއިން ފެންނަ ހުރިހާ އެއްޗަކީ ޞައްޙަ މަޢުލޫމާތު ނޫންކަން އަޅުގަނޑުމެންގެ ތެރެއިން ގިނަ މީހުން ދަންނެއެވެ. އެހެނަސް ތިމާގެ ވިސްނުމާ ޚިލާފު ފަލްސަފާއެއް ގެންގުޅޭ މީހާ ނުވަތަ ތިމާ ނުރުހޭ މީހާގެ ވާހަކައެއް ފެނިއްޖެއްޔާ ޚިޔާލެއް ފިކުރެއް ނެތި އެތަންމިތަނަށް ފޮނުވައިލަނީއެވެ. އެއްވެސް ބެލުމެއް ނެތި އޭނާގެ މަސް މުޅަކޮށް ތި ކަނީ ކީއްވެހެއްޔެވެ؟

ތިބައާ ހަމައަށް އަންނަ ކޮންމެ ޚަބަރެއް އެހެން މީހަކަށް ފޮނުވުމުގެ ކުރިން އޭގެ ދޮގުތެދު ބަލަންވަނެއެވެ. ވަކީން ޚާއްޞަކޮށް އެ ޚަބަރު ނިސްބަތްވާ މީހާގެ ޢަދާވާތްތެރިއަކު ނުވަތަ އޭނާއަށް ނުރުހޭ މީހަކު ނުވަތަ އެފަދަ ބަޔަކުގެ ފަރާތުން ލިބޭ ކޮންމެ ޚަބަރެއް ޞައްޙަތޯ ބަލައިފައި ނޫނީ އެއްވެސް އެހެން މީހަކަށް ފޮނުވާކަށް ނުވާނެއެވެ. ފަހުން އެ ކަމާ ހިތާމަ ކުރަންޖެހޭ ކަމެއް ކަމުގައި އެކަން ވެދާނެތީއެވެ. ﷲ ވަޙީކުރެއްވިއެވެ. ﴿يَا أَيُّهَا الَّذِينَ آمَنُوا إِن جَاءَكُمْ فَاسِقٌ بِنَبَإٍ فَتَبَيَّنُوا أَن تُصِيبُوا قَوْمًا بِجَهَالَةٍ فَتُصْبِحُوا عَلَىٰ مَا فَعَلْتُمْ نَادِمِينَ﴾ ‎(الحجرات: ٦) މާނައީ: "އޭ އީމާންވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުންގެގާތަށް ފާސިޤަކު ޚަބަރަކައިގެން އަތުވެއްޖެނަމަ، އޭގެ ދޮގުތެދުބަލައި، ޙަޤީޤަތް ހޯދާށެވެ! (އެއީ) ނޭނގިތިބެ، ތިޔަބައިމީހުންނަށް ބަޔަކަށް ގެއްލުންދެވިދާނެތީއެވެ. ފަހެ، އެހެންވެއްޖެނަމަ، ތިޔަބައިމީހުން ކުރިކަންތަކުގެ މައްޗަށް ހިތާމަކުރާ ބަޔަކުކަމުގައި ތިޔަބައިމީހުން ވެދާނެތެވެ."

އިސްލާމްދީން ގޮވައިލަނީ ނަފުސާނީ ދުޅަހެޔޮކަމަށެވެ. މީހުންނާ ދިމާލަށް އެއްޗެތިކިޔާ ހަޅޭލަވައިގެން ލިބޭ ހިތްހަމަނުޖެހުމާއި ހިތް ނުތަނަވަސްކަން ނައްތައިލާށެވެ. އިސްލާމްދީނަކީ އެ ދީނުގެ އަހުލުވެރިންގެ މެދުގައި ޢަދާވާތްތެރިކަން މުޅީން ފިލުވައިލަން ގޮވައިލާ ދީނެވެ. ﷲ ވަޙީކުރެއްވި ބަސްފުޅެއްގައި ވެއެވެ. ﴿إِنَّمَا الْمُؤْمِنُونَ إِخْوَةٌ فَأَصْلِحُوا بَيْنَ أَخَوَيْكُمْ ۚ وَاتَّقُوا اللَّهَ لَعَلَّكُمْ تُرْحَمُونَ‏﴾ ‎(الحجرات: ١٠) މާނައީ: "މުއުމިނުން ވާކަން ކަށަވަރީ، އަޚުންތަކެއް ކަމުގައެވެ. ފަހެ، ތިޔަބައިމީހުންގެ ދެ އަޚުން ދެމެދު ތިޔަބައިމީހުން ޞުލްޙަކުރާށެވެ! އަދި ތިޔަބައިމީހުން اللَّهއަށް ތަޤުވާވެރިވާށެވެ! (އެއީ) ތިޔަބައިމީހުންނަށް ރަޙުމަތްލެއްވުމަށް ޓަކައެވެ."

އެންމެހާ ކިޔުންތެރިންނޭވެ! ޝައިޠާނާގެ މަކަރުވެރި ރޭވުންތަކުން ސަލާމަތްވާށެވެ. ވަގުތީ މި ފާލަމުގައި ތަޤުވާވެރިކަމުގެ ފޭރާން ބޭލިދާނޭ ހުރިހާ ކަމަކާ ދުރުގައި ތިބޭށެވެ. މީހުންގެ މަސް މުޅަކޮށް ނުކާށޭވެ. ނެތިނުމޮށޭށެވެ. ޣީބަ ނުބުނާށެވެ. އާޑަފުރައްސާރަ ނުކިޔާށެވެ. ކަމުގެ ނުރައްކާތެރިކަން އެނގޭނީ ފަތް ހުޅުވާ ދުވަހުއެވެ. އެ ދުވަހުން އޮންނާނީ މާ ލަސްވެފައެވެ. މިއަދު ހުޅުވިފައިހުރި ތައުބާގެ ދޮރުން ވަންނާށެވެ! އެ ދޮރު ބަންދުވުމުގެ ކުރިން އިޞްލާޙުވުމުގެ ތައުފީޤު އަޅަމެން އެންމެންނަށް ދެއްވާންދޭވެ! آمين.

ގުޅޭ ޓެގު
comment ކޮމެންޓް