ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ)އަށް ޒިޔާރާތް ކުރައްވައި، ޓާމިނަލް ތަރައްގީކުރުމުގެ މަސައްކަތް ކުރިއަށްދާގޮތް ބައްލަވާލައްވައިފިއެވެ.
ރައީސް އޮފީހުން ބުނީ ވީއައިއޭއަށް ރައީސް ވަޑައިގަތުމުން، މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އަދި ޓާމިނަލްގެ މަސައްކަތް ކުރާ ސައުދީ ބިންލާދިން ގްރޫޕުގެ އިސްވެރިން، އައު ޓާމިނަލުގައި ދަތުރުވެރިންނަށް ޚިދުމަތް ދިނުމަށް ޤާއިމުކުރާ އެކިއެކި ގިމަތަތަކާއި އެތަނުގެ ވަޞީލަތްތަކާއި ޚިދުމަތްތަކާބެހޭ އިތުރު މަޢުލޫމާތު ރައީސަށް ދެއްވާފައި ވާކަމަށެވެ.
އެގޮތުން، ބާރު ސްޕީޑުގައި މަސައްކަތް ކުރިއަށްގެންގޮސް ވީއައިއޭގެ އައު ޓާމިނަލުން އަންނަ އޮކްޓޯބަރު މަހުގައި ޚިދުމަތް ދޭން ފެށުމަށް މަސައްކަތް ކުރަމުން އަންނަކަމަށް އެމްއޭސީއެލްއިން ވަނީ ބުނެފައެވެ.
ރައީސްގެ ޒިޔާރަތުގައި އެ މަނިކުފާނުގެ އަރިހުގައި ކެބިނެޓުގެ ވަޒީރުންނާއި ސަރުކާރުގެ އިސްވެރިން ބައިވެރިވެވަޑައިގެންފައި ވެއެވެ. ރައީސް އޮފީހުން ވަނީ އެ ޓާމިނަލަކީ އަހަރަކު ހަތް މިލިއަން ދަތުރުވެރިންނަށް ޚިދުމަތް ދިނުމަށް ޑިޒައިން ކުރެވިފައިވާ ޓާމިނަލެއްކަން ފާހަގަކުރައްވާފައެވެ.

ވެލާނާ އިންޓަނޭޝަންލް އެއާޕޯޓުގެ މަސައްކަތް ކުރިއަށް ދާގޮތް ރައީސް ބައްލަވައިލައްވައިފި --- ފޮޓޯ/ ރައީސް އޮފީސް
އިންތިޚާބީ ރައީސްގެ ގޮތުގައި ރައީސް ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވީ މި ވެރިކަމުގެ ފުރަތަަމަ އަށް މަހުގެ ތެރޭ އާ ޓާމިނަލް ހުޅުވޭތޯ މަސައްކަތްކުރައްވާނެ ކަމަށެވެ. ނަމަވެސް އެ ތާރީޚު ދިޔައިރު ވެސް އާ ޓާމިނަލް ނުނިމޭތީ ބޭނުންކުރަން ނުފަށައެވެ.
އާ ޓާމިނަލްގެ މަސައްކަތް ނިންމޭނެކަމަށް ކޮންޓްރެކްޓަރުން ދީފައިވާ ތާރީޚަކީ މި ފެށޭ 2025ވަނަ އަހަރުގެ ދެވަނަ ކުއާޓަރުގެ ތެރެއެވެ.
މިދިޔަ ޑިސެމްބަރު މަހު ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީންވަނީ، އަމާޒަކީ މިހާރު ދީފައި އޮތް ތާރީޚަށްވުރެ ކުރިން އާ ޓާމިނަލް ހުޅުވުން ކަމަށް ވިދާޅުވެފައެވެ. ނަމަވެސް އެ މަސައްކަތަށް އޭނާ ވަކި ތާރީޚެއް ނުދެއްވައެވެ.
ވީއައިއޭގައި މިހާރު ބޭނުންކުރާ ޓާމިނަލުން ޚިދުމަތް ދިނުމުގެ ކެޕޭސިޓީއަކީ އަހަރަކު 1.5 މިލިއަން މީހުންނަށް ކަމަށްވާއިރު، އާ ޓާމިނަލް ހުޅުވުމުން އެ އަދަދު ހަތް މިލިއަނަށް އިތުރުވާނެ ކަމަށް ސަރުކާރުން ބުނެެއެވެ.

އެ ޓާމިނަލުގައި 72،000 އަކަފޫޓުގެ ބޮޑުމިނެއް ހުންނައިރު 47 ޗެކިން ކައުންޓަރާއި ހަ ސެލްފްސާވިސް ކިއޮސްކްގެ އިތުރުން ޒަމާނީ ބެގެޖް ހޭންޑްލިން ސިސްޓަމެއްގެ އިތުރުން އެޑްވާންސް ސެކިއުރިޓީ ސްކްރީނިން ނިޒާމެއް ގާއިމް ކުރެވޭނެ ކަމަށް އެމްއޭސީއެލްއިން ބުނެއެވެ.
އެއާޕޯޓުގައި މިހާތަނަށް ހިންގާ އެންމެ ބިޔަ މަޝްރޫއުގެ ތެރޭގައި ހިމެނޭ އާ ޓާމިނަލްގެ މަސައްކަތަކީ ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ ސަރުކާރުން ސައުދީގެ ބިންލާދިން ގްރޫޕާ ހަވާލުކުރި މަސައްކަތެކެވެ.
ބިން ލާދިން ގްރޫޕާ އާ ޓާމިނަލްގެ މަސައްކަތް ހަވާލުކުރީ ގާތްގަނޑަކަށް 5.3 ބިލިއަން ދިވެހި ރުފިޔާއަށެވެ.
މި މަޝްރޫއަކީ ރައީސް ޑރ، މުހައްމަދު މުއިއްޒު ވެސް އެންމެ އިސްކަމެއްދެއްވާ އެއް މަޝްރޫއެވެ. އެގޮތުން ޔޫއޭއީ ސަރުކާރު މެދުވެރިކޮށް މި ފަހުން ރައީސް ވަނީ އެ މަޝްރޫއަށް 1.2 ބިލިއަން ރުފިޔާ ހޯއްދަވާފައެވެ.
ރައީސް ވިދާޅުވީ މަސައްކަތް ކުރައްވަނީ މި އަހަރުގެ ޓޫރިޒަމް ސީޒަން ފެށެންވާއިރަށް އެ މަޝްރޫއު އެއްކޮށް ނިންމައިލާ، ޓާމިނަލް އޮޕަރޭޝަނަށް ގެނައުމަށް ކަމަށެވެ.