ރައީސަށް ވީޑިއޯ މެދުވެރިކޮށް ސުވާލުތައް ފޮނުވަން ޕޯޓަލްއެއް ތައާރަފުކޮށްފި

ރައީސް ހއ. ވަށަފަރުގައި: ކޮންމެ މީހަކަށް ވެސް، ވީޑިއޯ މެދުވެރިކޮށް ރައީސަށް ސުވާލު ފޮނުވޭނެ ޕޯޓަލެއް ވަނީ ތައާރަފުކޮށްފައި -- ސަން ފޮޓޯ/ މޫސާ ނަދީމް

ރައީސް ޑރ. މުޙައްމަދު މުއިއްޒަށް ވީޑިއޯ މެދުވެރިކޮށް ކޮންމެ މީހަކަށް ވެސް ސުވާލު ފޮނުވޭ ގޮތަށް، ރައީސް އޮފީހުން "ރައްޔިތުންގެ އަޑު"ގެ ނަމުގައި މިއަދު ޕޯޓަލްއެއް ތައާރަފުކޮށްފިއެވެ.

ރައީސް އާންމު ރައްޔިތުން ވީޑިއޯ މެދުވެރިކޮށް ކުރާ ސުވާލުތަކަށް ޖަވާބު ދެއްވާ "ރައީސްގެ ޖަވާބު" ސިލްސިލާއެއް މިދިޔަ އަހަރު ކުރިއަށްގެންދިޔައެވެ. އެ ސިލްސިލާ މެދުކެނޑިފައި އޮތުމަށް ފަހު އަލުން ފަށަން ތައްޔާރުވެފައިވާ ކަމަށް ރައީސް އޮފީހުން މިއަދު ބުންޏެވެ.

އެ އޮފީހުން ބުނީ ވީޑިއޯ މެދުވެރިކޮށް ރައީސާ ސުވާލުކުރަން ބޭނުންފުޅުވާ ރައްޔިތުން، ސުވާލު ރެކޯޑްކުރުމަށް ފަހު ހުށަހަޅާނީ، ރައީސް އޮފީހުގެ "ރައްޔިތުންގެ އަޑު" ޕޯޓަލްއަށް ކަމަށެވެ. އެ ޕޯޓަލް އެކަމަށް ޚާއްސަ ވެބްސައިޓުންނާއި ރައީސް އޮފީހުގެ ރަސްމީ ވެބްސައިޓުން ވެސް ބޭނުން ކުރެވޭނެ ކަމަށް އެ އޮފީހުން ބުންޏެވެ.

އެ ސުވާލުތަކަށް "ރައީސްގެ ޖަވާބު" ސިލްސިލާގައި އެ މަނިކުފާނު ޖަވާބު ދެއްވާނެ ކަމަށް ރައީސް އޮފީހުން ބުންޏެވެ.

އެ ސިލްސިލާ ފެށީ މިދިޔަ އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައެވެ. ރައީސް އޮފީހުން ބުނީ އޭރު އެ ސިލްސިލާގައި ސުވާލުކުރަމުން ދިޔައީ، ރައީސް އޮފީހުގެ މީޑިއާ ޓީމަކުން ރައްޔިތުންނާ ބައްދަލުކޮށް، ވީޑިއޯ ސުވާލު ހުށަހެޅުމަށް ފުރުސަތު ދީގެން ކަމަށެވެ. ނަމަވެސް، އެގޮތަށް މިކަން ކުރިއަށް ގެންދިއުމުން، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އެކި ކަންކަމާ ގުޅިގެން ރަައީސާ ސުވާލުކުރުމަށް ބޭނުންވާ ހުރިހާ ރައްޔިތުންނަށް ހަމަހަމަ ގޮތެއްގައި ފުރުސަތު ނުދެވޭކަން އެ އޮފީހުން ފާހަގަކުރިއެވެ.

އެހެންވެ، ކޮންމެ ރައްޔިތަކަށްވެސް ވީޑިއޯ ސުވާލު ހުށަހެޅޭނެ ޕޯޓަލްއެއް އުފައްދައި ބޭނުންކުރެވެން ފެށެންދެން "ރައީސްގެ ޖަވާބު" ސިލްސިލާ ވަގުތީގޮތުން މެދުކަނޑާލީ ކަމަށް ރައީސް އޮފީހުން ބުންޏެވެ.

އެ ސިލްސިލާގައި ތަފާތު އެކި މައްސަލަތަކުގައި ސަރުކާރުން ގެންގުޅޭ ސިޔާސަތުތަކާއި ކުރަން ނިންމައިފައިވާ މަސައްކަތްތަކުގެ ތަފުސީލު ރައީސް ހާމަކުރައްވާފައިވެއެވެ. ނަމަވެސް ސުވާލުތައް ހުށަހެޅުމުގެ ފުރުސަތު ދެނީ ވަކި ބަޔަކަށް ކަމަށް ބުނެ އޭރު ވެސް ބައެއް މީހުން ކަންބޮޑުވުން ފާޅުކޮށްފައިވެއެވެ.

comment ކޮމެންޓް