ސްޓެލްކޯއިން އިލެކްޓްރިކް އުޅަނދުތައް ޗާޖު ކުރެވޭނެ ނިޒާމެއް ގާއިމުކުރުމަށްފަހު، އިލެކްޓްރިކް ސައިކަލުތަކެއް ވެސް ގެންނަން އުޅޭ ކަމަށް އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ހުސައިން ފަހުމީ މިއަދު ވިދާޅުވެއްޖެއެވެ.
ފަހުމީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ރައީސް ޑރ. މުޙައްމަދު މުއިއްޒު ހަކަތައިގެ ސިނާއަތަށް ކަނޑައަޅުއްވާފައިވާ ތިމާވެއްޓާ ރައްޓެހި ހަރުދަނާ ސިޔާސަތުތައް، އޭގެ އެންމެ ފުރިހަމަ ގޮތުގައި ތަންފީޒުކުރުމަށް އެހީތެރިވެދިނުމަށް، އެނާޖީ މެނޭޖްމަންޓް ސިސްޓަމް ރާއްޖެއަށް ތައާރަފުކޮށް، އިލެކްޓްރިކް އުޅަނދު ޗާޖު ކުރެވޭނެ ނިޒާމެއް މިހާރު ވަނީ ގާއިމްކޮށްދެއްވާފައިވާ ކަމަށެވެ.
ފަހުމީ ވިދާޅުވީ ރާއްޖެއަށް ގެނެސްފައިވާ އެޑްވާންސްޑް ބެޓްރީ މެނޭޖްމަންޓް ސިސްޓަމަކީ ޓައިވާނުގެ މަޝްހޫރު ގޮގޯ ބްރޭންޑްގެ ނިޒާމެއް ކަމަށެވެ. އަދި އެ ނިޒާމު ފަސޭހައިން ރައްޔިތުންނަށް ލިބޭނެ އިންތިޒާމުތައް ހަމަޖެއްސުމަށް މަސައްކަތް ކުރަމުންދާކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ރާއްޖޭގައި އިލެކްޓްރިކް އުޅަނދު ޗާޖު ކުރެވޭނެ ނިޒާމު ސްޓެލްކޯއިން ވަނީ ގާއިމްކޮށްފައި ---ޕޮޓޯ/ހުސައިން ފަހުމީ
ފަހުމީ ވިދާޅުވީ، އެ ނިޒާމުގެ ބެޓެރި ސިސްޓަމްތައް މާލޭގެ އެކި ސަރަހައްދުތަކުގައި ގާއިމްކުރުމާއެކު، އޭގެ ބެޓްރިތަކާ ކޮމްޕެޓިބަލް ސައިކަލު ރާއްޖެ އެތެރެ ކުރުމުގެ ފުރުސަތު އެ ވިޔަފާރި ކުރަން ބޭނުންވާ ފަރާތްތަކަށް ހުޅުވައިލާނެ ކަމަށެވެ.
"މި ބެޓްރީ ސިސްޓަމްތަކާއި، ކާރު ޗާޖްކުރުމަށް ގާއިމް ކުރެވިފައިވާ އީވީ ޗާޖިން ސްޓޭޝަނާއެކު، އިލެކްޓްރިކް އުޅަނދުތަކަށް ލޯބި ކުރާ ފަރާތްތަކުން އެ ފަދަ އުޅަނދު ގެންގުޅުމަށް ދެކެމުންއައި ޒަމާނީ ހުވަފެންތަކުގައި ކުލަޖެހި، ތިމާވެއްޓާއި ރައްޓެހި އަދި ދެމެހެއްޓެނިވި ނިޒާމެއް އެކަށައެޅުމަށް ސަރުކާރުން ކުރަމުންގެންދާ ހަރުދަނާ މަސައްކަތްތަކަށް އިތުރު ފަސޭހަތަކެއް ލިބިގެންދާނެ،" އޭނާ ވިދާޅުވިއެވެ.
ފަހުމީ އިތުރަށް ވިދާޅުވީ، އެފަދަ ސައިކަލުތަކުގެ ޓެސްޓް ރައިޑްކޮށް، އަޖުމަ ބަލަން ބޭނުންވާ މީހުންނަށް އެ ފުރުސަތު ހޯދައިދިނުމަށްޓަކައި އޭގެ ސައިކަލުތަކެއް ރާއްޖެ ގެނެސް އެ ޓެސްޓް ކުރުމުގެ އިންތިޒާމްތަކެއް ހަމަޖެއްސުމަށް ވެސް ސްޓެލްކޯއިން މަސައްކަތް ކުރަމުންދާކަމަށެވެ.

ރާއްޖޭގައި އިލެކްޓްރިކް އުޅަނދު ޗާޖު ކުރެވޭނެ ނިޒާމު ޤާއިމްކޮށްފި:---ޕޮޓޯ/ހުސައިން ފަހުމީ
އޭނާ ވިދާޅުވީ، އެނާޖީ މެނޭޖްމަންޓް ސިސްޓަމާއި، އީވީ ޗާޖިން ސްޓޭޝަނަށް ބޭނުންވާ ހަކަތަ ފޯރުކޮށްދިނުމަށް ހަމަޖެހިފައިވަނީ ވެސް ތިމާވެއްޓާ ރައްޓެހި ނިޒާމުތަކުގެ ތެރެއިން ކަމަށެވެ. އެއީ، އިޔާދަކުރަނިވި ހަކަތަ ބޭނުންކުރާ މިންވަރު 33 އިންސައްތައަށް އެރުވުމަށް ސަރުކާރުން ކަނޑައަޅައިފައިވާ އަމާޒަށް ވާސިލުވުމަށް އަޅާ ފިޔަވަޅެއްގެ ގޮތުގައި ފަހުމީ ސިފަކުރެއްވިއެވެ.
އޭނާ ވިދާޅުވީ އެފަދަ ތިމާވެއްޓާއި ރައްޓެހި، ރައްޔިތުންނަށް ފައިދާ ކުރަނިވި ބަދަލުތަކަށް ދިވެހިންނަކީ އަބަދުވެސް މަރުހަބާ ކިޔާނެ ކަމަށާއި އޭގެ ސަބަބުން މާލެތެރޭގެ ވައި ތަޣައްޔަރުވުން ކުޑަކުރެވި، ފަރުދުންގެ ސިއްހަތަށް ވެސް ފައިދާތަކެއް ކުރާނެ ކަމަށެވެ.
އިލެކްޓްރިކް ވެހިކަލް ޗާޖުކުރާ ސްޓޭޝަނެއް ސްޓެލްކޯއިން ތަރައްގީކުރުމަށް ނިންމާފައިވާކަން ފަހުމީ ހާމަ ކުރެއްވީ މިދިޔަ އަހަރުގެ އޮގަސްޓުމަހުގެ 25ވަނަ ދުވަހެވެ.