މި އަހަރުގެ ޖަނަވަރީ މަހު ސިނަމާތަކުގައި ރިލީޒްކުރި ބަތަލާ ކަންގަނާ ރަނާވަތުގެ ފިލްމު "އިމަޖެންސީ"އަށް އޮސްކާ އެވޯޑު މުހިއްމު ނޫން ކަމަށާއި ފިލްމަށް މުހިއްމީ އިންޑިއާގެ ޤައުމީ އެވޯޑު ލިބުން ކަމަށް ބަތަލާ ބުނެފިއެވެ.
ކަންގަނާ އަލަށް ފިލްމު ޑައިރެކްޝަނަށް ނުކުތް "އިމަޖެންސީ"އާ ގުޅޭގޮތުން ބަތަލާ ވާހަކަ ދައްކާފައި ވަނީ މިދިޔަ ހަފްތާގައި ފިލްމު ނެޓްފްލިކްސްގައި ސްޓްރީމްކުރަން ފެށުމާ ގުޅިގެން ބެލުންތެރިންގެ ފަރާތުން ލިބެމުން އަންނަ ފާޑުކިޔުންތަކަށް ރައްދު ދިނުމުގެ ގޮތުން ކަމަށެވެ.
ނެޓްފްލިކްސް މެދުވެރިކޮށް ފިލްމު ބެލުމަށްފަހު ބެލުންތެރިއަކު ވަނީ ކަންގަނާ ފިލްމުގައި ދައްކުވައިދިން އެކްޓިންގްއަށް ތައުރީފުކޮށް މި ފިލްމަށް އޮސްކާ އެވޯޑެއް ލިބުން ހައްގު ކަމަށް ބުނެފައެވެ.
އެކްސް އެކައުންޓުގައި ފާޑުކިޔުންތަކަށް ރައްދު ދެމުން ކަންގަނާ ބުނެފައި ވަނީ ފިލްމަށް އޮސްކާ އެވޯޑު ހައްގުވި ނަމަވެސް އެމެރިކާއިން އެ ޤައުމުގެ ހަގީގަތް އާއްމުންނަށް އެނގެން ބޭނުންނުވާނެ ކަމަށާއި ފިލްމު "އިމަޖެންސީ"އިން އެކަން ބެލުންތެރިންނަށް ދައްކުވައިދީފައިވާ ކަމަށެވެ.

ކަންގަނާ ފިލްމު "އިމަޖެންސީ"ގެ މަންޒަރެއްގައި--ފޮޓޯ/ކޮއިމޮއި
އެހެންކަމުން އޮސްކާ އެވޯޑެއް އެ ފިލްމަށް ދިނުމާމެދު އެ ޤައުމުން ދެކޮޅުވެރިވާނެ ކަމަށް ގަބޫލުކުރާ ކަމަށާއި އެހެންނޫނަސް ކަންގަނާއަށް އޮސްކާ އެވޯޑަށްވުރެ އަމިއްލަ ޤައުމުންދޭ ނެޝަނަލް އެވޯޑު މާ މުހިއްމު ކަމަށް ބަތަލާ ވަނީ ބުނެފައެވެ.
މަޝްހޫރު ފިލްމު "ޝޫޓްއައުޓް އެޓް ލޯކަންޑްވާލާ"ގެ ޑައިރެކްޓަރު ސަންޖޭ ގުޕްތާ ވެސް ވަނީ ކަންގަނާގެ ފިލްމު "އިމަޖެންސީ" ބެލުމަށްފަހު އެ ފިލްމަށް ވަރަށް ބޮޑަށް ތައުރީފުކޮށްފައެވެ.
އެ ފިލްމު ބެލުމަށް ސަންޖޭ ކުރިން ޕްލޭން ނުކުރާ ކަމަށާއި ނަމަވެސް ފިލްމު ބެލުނީތީ ވަރަށް ބޮޑަށް އުފާވި ކަމަށާއި ކަންގަނާގެ އެކްޓިންގްއާ އެއްވަރަށް ފިލްމުގެ ޑައިރެކްޝަން މަސައްކަތަށް ވެސް ސަންޖޭ ވަނީ ތައުރީފުކޮށްފައެވެ.
ކަންގަނާ ޕްރޮޑިއުސަރެއްގެ ރޯލް ވެސް އަދާކުރި "އިމަޖެންސީ" އަކީ 1975ވަނަ އަހަރު އިންޑިއާގެ ސިޔާސީ މަސްރަހު ގޯސްވެ އިއުލާނުކުރެވުނު ކުއްލި ހާލަތުގެ މައްޗަށް ބިނާކޮށް އުފެއްދި ފިލްމެކެވެ. ފިލްމުގައި ކަންގަނާ ކުޅެފައި ވަނީ އޭރު އިންޑިއާގެ ބޮޑުވަޒީރު ކަމުގެ މަގާމުގައި ހުންނެވި އިންދިރާގާނދީގެ ރޯލެވެ.