އެއްބަސްވުމާ ޚިލާފުވިކަމަށް ބުނެ އިސްރާއީލުން ޣައްޒާއަށް ވަރުގަދަ ވައިގެ ހަމަލާތަކެއް ދޭން ފަށައިފި

އިސްރާއީލުން ޣައްޒާއަށް މިއަދު ދިން ވައިގެ ހަމަލާތަކުގައި ޝަހީދުކޮށްލާފައިވާ ބައެއްގެ ހަށިތައް. ފޮޓޯ/ރޮއިޓާސް

ހަމާސްއިން ރަހީނުކޮށްފައިވާ އިސްރާއީލުގެ ރަހީނުން ދޫކޮށްލުމަށް ހަމާސްއިން އެއްބަސްނުވާ ކަމަށާއި، ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމާ އެ ޖަމާއަތުން ޚިލާފުވެފައިވާ ކަމަށް ބުނެ އިސްރާއީލުން ފަލަސްތީނުގެ ޣައްޒާއަށް ވަރުގަދަ ވައިގެ ހަމަލާތަކެއް ދޭން ފަށައިފިއެވެ.

މިއަދު ފަތިހުގެ ވަގުތެއްގައި ދޭންފެށި އެ ހަމަލާތަކުގައި މިހާތަނަށް 100 އަށްވުރެ ގިނަ މީހުން ވަނީ ޝަހީދުކޮށްލާފައެވެ. އޭގެތެރޭގައި ގިނަ އަދަދެއްގެ ކުޑަކުދިން ހިމެނޭ ކަމަށް ރޮއިޓާސްއިން ރިޕޯޓުކޮށްފައިވެއެވެ.

ހަމަލާތައް ދޭން ފަށާފައި ވަނީ އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫގެ އަމުރަށެވެ.

"އިސްރާއީލުން، މިހާރުން ފެށިގެން ހަމާސްއާ ދެކޮޅަށް އަމަލުކުރާނީ އަސްކަރީ ބާރު އިތުރުކުރުމާއެކު،" ބޮޑުވަޒީރުގެ އޮފީހުން ނެރުނު ބަޔާނުގައިވެއެވެ. އަދި އެއްގަމުން މަގުން ހަމަލާތައް ދޭން ފަށާނެ ކަމުގެ އިޝާރާތެއް ވެސް އަސްކަރިއްޔާއިން ވަނީ ދީފައެވެ.

ޣައްޒާގެ ދެކުނުގައި އޮންނަ ޚާން ޔޫނިސް އަށް އިސްރާއީލުން ދިން ހަމަލާތަކާ ގުޅިގެން ޒަޚްމި މީހަކު ނާސިރު ހޮސްޕިޓަލަށް ގެންދަނީ..ފޮޓޮ/ރޮއިޓާސް

ޣައްޒާގައި ހިންގަމުންދާ ހަނގުރާމަ ނިމުމަކަށް ގެނައުމަށް ނަތަންޔާހޫ ޝައުގުވެރިނުވާ ކަމަށް ހަމާސްއިން މީގެކުރިން ވެސް ވަނީ ތުހުމަތުކޮށްފައެވެ.

އިސްރާއީލުގެ މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި އެ ގައުމުގެ ދިފާއީ ވަޒީރު އިސްރާއީލް ކަޓްޒް ވަނީ ފަލަސްތީނު ސަރަހައްދުގައި ބަންދުކޮށްފައި ތިބި އަސީރުން ހަމާސްއިން ދޫކޮށްނުލައިފިނަމަ ޣައްޒާއަށް ''ނަރަކައިގެ'' ދޮރުތައް ހުޅުވާލާނެ ވިދާޅުވެފައެވެ.

ހަމަލާތަކާ ގުޅިގެން ހަމާސްގެ އިސް އޮފިޝަލަކު ރޮއިޓާސް ނިއުސް އަށް ވިދާޅުވި ގޮތުގައި އިސްރާއީލުން ހަމަލާ ދޭން ފެށުމުގެ މާނައަކީ ޖެނުއަރީ 19 ވަނަ ދުވަހު ޣައްޒާގައި ފެށި ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުން އިސްރާއީލުން ނިންމާލުން ކަމުގައެވެ.

ހަމަލާތައް ފެށުމުގެ ކުރިން އިސްރާއީލުން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާ މަޝްވަރާ ކުރި ކަމަށް ވެސް ރޮއިޓާސްއިން ރިޕޯޓުކުރެއެވެ.

ދެހާސް ތޭވީސް ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ ހަތްވަނަ ދުވަހު އިސްރާއީލުން ޣައްޒާގައި ކުރި ހަނގުރާމަ ނިމުމަކަށް ގެނައީ މިދިޔަ ޖެނުއަރީ މަހު 19 ވަނަ ދުވަހެވެ.

ހަ މަރުހަލާއަކަށް ބަހާލައިގެން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ހަނގުރާމަ ނިމުމުގެ އެއްބަސްވުން އެކުލަވާނީ އެމެރިކާއާއި މިސްރު އަދި ޤަތަރު މެދުވެރިވެގެން ކުރި މަޝްވަރާތަކަށްފަހުއެވެ.

comment ކޮމެންޓް