ފައިސާ ޗާޕުކުރުން، މިސައިލް ގަތުން، ފިޔާޒަށް އިންޒާރު ދިނުން: ތިން މިނިސްޓަރުން މަޖިލީހަށް

ގަލޮޅު ދެކުނު ދާއިރާގެ ގަލޮޅި ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހުމަދު ނަސީމް -- ފޮޓޯ/ މަޖިލީސް

ސަރުކާރުން ފައިސާ ޗާޕު ކުރުމާއި މިސައިލް ގަންނަން އުޅޭ ކަމަށް ކުރާ ތުހުމަތުތައް ހިމެނޭ ގޮތަށް ތިން މައްސަލައެއްގައި، ކަމާ ގުޅުންހުރި މިނިސްޓަރުންނާ ސުވާލުކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހުމަދު ނަސީމް މިއަދު ހުށަހަޅުއްވައިފިއެވެ.

މީކާއިލް އެކްސްގައި ކުރެއްވި ޕޯސްޓެއްގައިވާ ގޮތުން، އޭނާ ވަނީ ހޯމް މިނިސްޓަރު އަލީ އިހުސާން މަޖިލީހަށް ހާޒިރުކުރަން އެދިވަޑައިގެންފައެވެ. އެއީ އަދަދު ނޫހުގެ އެޑިޓަރު އަދި ނޫސްވެރިޔާ ހުސެއިން ފިޔާޒު މޫސާއަށް، ރައީސް ޑރ. މުހައްމަދު މުއިއްޒު ފޯނުން ގުޅުއްވައި، އިންޒާރުދެއްވި ކަމަށް ބުނާ މައްސަލައިގައެވެ.

މީކާއިލް އިހުސާނާ ކުރައްވާ ސުވާލުގައި ވަނީ، މިދިޔަ ހުކުރު ދުވަހުގެ 19:04ގައި ރައީސް ފިޔާޒަށް ގުޅުއްވައި ބިރުދެއްކި ކަމަށް ތުހުމަތުކޮށް އޭނާ ފުލުހަށް މައްސަލައެއް ހުށަހަޅައިފައިވާ ކަމަށެވެ. އެހެންވެ، އެ މައްސަލައާ ގުޅިގެން ފިޔާޒަށް އިތުރު ރައްކާތެރިކަން ފޯރުކޮށްދިނުމަށް ފުލުހުންގެ ފަރާތުން އަޅާފައި ވަނީ ކޮން ފިޔަވަޅެއްތޯ އޭނާ އައްސަވައިފައިވެއެވެ.

އަދަދު ނޫހުން ރިޕޯޓުކޮށްފައިވާ ގޮތުގައި ރައީސް، ފިޔާޒަށް އިންޒާރު ދެއްވީ އިދިކޮޅު އެމްޑީޕީގެ މުޒާހަރާއެއްގައި އެ މަނިކުފާނުގެ ދަރިކަލަކާ ގުޅޭ ގޮތުން މީހަކު ދެއްކި ވާހަކައަކާ ގުޅިގެންނެވެ. އެ މައްސަލަ އޭނާ ޖާނަލިސްޓްސް އެސޯސިއޭޝަން (އެމްޖޭއޭ)އަށް ހުށަހަޅައިފައިވާއިރު އެ އެސޯސިއޭޝަނުން ވަނީ އެ މައްސަލަ ކުށްވެރިކޮށްފައެވެ.

https://sun.mv/203746

އެމްޑީޕީގެ މުޒާހަރާއެއްގައި އެކްޓިވިސްޓު މަރިޔަމް ޒުބައިރު (މަންދީ) ވަނީ، ރާއްޖޭގައި ވޭޕް މަނާކުރީ ރައީސްގެ 16 އަހަރުގެ ދަރިކަލުން ވޭޕް ބޭނުންކުރުމުން ކަމަށް ތުހުމަތުކޮށްފައެވެ. އެ މައްސަލައިގައި މަދަނީ ދައުވާ ކުރަން ފަސްޓް ލޭޑީ ސާޖިދާ މުޙައްމަދު ވަނީ ނިންމަވައިފައެވެ.

ފާހަގަކޮށްލެވޭ ގޮތުގައި، މަންދީއަކީ މީކާއީލްގެ މަންމައެވެ.

އެ މައްސަލައިގެ އިތުރުން މީކާއީލް ސުވާލުކުރައްވަނީ، މަރުކަޒީ ބޭންކު، އެމްއެމްއޭއިން 14 ބިލިއަން ރުފިޔާއަށް ހުޅުމާލެއިން ބިމެއް ގަތުމަށް ނިންމާފައިވާ ނިންމުމާ ގުޅޭ ގޮތުންނެވެ. އެގޮތުން އޭނާވަނީ، އެކަމުގެ ސަބަބުން އިގްތިސާދުގައި ދައުރުވަމުންނުދާ އައު ދިވެހި ރުފިޔާ އިގްތިސާދުގައި ދައުރުވާން ފަށާނެ ކަަމަށް ގަބޫލުކުރައްވާތޯ ފިނޭންސް މިނިސްޓަރު މޫސާ ޒަމީރުގެ އަރިހުގައި އައްސަވަން ނޯޓިސް ދެއްވައިފައެވެ.

މީގެ އިތުރުން ޑިފެންސް މިނިސްޓަރު ޣައްސާން މައުމޫނާ ސުވާލުކުރައްވަނީ، ދިވެހި އަސްކަރިއްޔާގެ ބޭނުމަށް އެއްވެސް ބާވަތެއްގެ މިސައިލެއް ގަތުމުގެ އެއްވެސް މަޝްވަރާއެއް އެއްވެސް ފަރާތަކާއެކު ކުރިއަށް ގެންގޮސްފައި ވޭތޯއެވެ.

ސަރުކާރުން މިސައިލް ގަންނަން މަޝްވަރާކުރި ކަމުގެ ތުހުމަތުތަކެއް ފެންމަތިވެފައިވަނީ ސޯޝަލް މީޑިއާގައެވެ. އެ ތުހުމަތުތަކާ ގުޅޭ ގޮތުން ވެސް އަދި އެމްއެމްއޭގެ ނިންމުމާ ގުޅޭ ގޮތުން ވެސް މިހާތަނަށް ސަރުކާރުން ރަސްމީކޮށް ބަހެއް ބުނެފައިނުވެއެވެ.

https://sun.mv/203608

ސަރުކާރަށް ތާއިދު ކުރާ ފަރާތްތަކުން ވަނީ ފައިސާ ޗާޕު ކުރަން ނޫޅޭ ކަމަށް ބުނެފައެވެ. ނަމަވެސް އެމްއެމްއޭއިން އެޗްޑީސީއަށް ފައިސާ ދައްކާ ގޮތަށް ބިން ގަންނަން ނިންމިކަން "ސަން"އަށް ކަށަވަރުވެފައިވާއިރު، އެމްއެމްއޭގައި ހުރި ދައުރު ނުކުރާ ފައިސާ ނެރުން ވާނީ ފައިސާ ޗާޕު ކުރުމަށެވެ.

comment ކޮމެންޓް