ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް ޝަހީދުގެ ނަން ރައީސް ފޮނުއްވައިފި

ރައީސާއި ހައި ކޯޓުގެ އިސް ފަނޑިޔާރު ޝަހީދު: ސުޕްރީމް ކޯޓުގެ ފަނޑިޔާރަކަށް ޝަހީދު އައްޔަންކުރަން ރައީސް ވަނީ އޭނާގެ ނަން ފޮނުއްވައިފައި -- ފޮޓޯ/ ރައީސް އޮފީސް

ސުޕްރީމް ކޯޓުގެ ފަނޑިޔާރަކަށް ހައި ކޯޓުގެ އިސް ފަނޑިޔާރު ހުސައިން ޝަހީދު އައްޔަން ކުރުމަށް، ރައީސް ޑރ. މުޙައްމަދު މުއިއްޒު ރައްޔިތުންގެ މަޖިލީހަށް ނަން ފޮނުއްވައިފިއެވެ.

ރާއްޖޭގެ އެންމެ މަތީ ކޯޓުގެ ހަތް ފަނޑިޔާރުންގެ ބެންޗުން ގޮނޑިއެއް ހުސްވީ މިމަހުގެ ހަތަރު ވަނަ ދުވަހު ހުސްނުއްސުއޫދު މަގާމުން އިސްތިއުފާ ދެއްވުމުންނެވެ.

އެ މަގާމަށް ކުރިމަތިލާން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ން ހުޅުވައިލީ މިދިޔަ ހޯމަ ދުވަހެވެ. އެއިރު ކުރިމަތިލުމަށް ދިން ދެ ދުވަހުގެ މުއްދަތުގައި ކުރިމަތިލެއްވީ ކުރީގެ ޑެޕިއުޓީ ޕްރޮސެކިއުޓާ ޖެނެރަލް މަރިޔަމް ނިހާޔަތު އެކަންޏެވެ.

އެއަށްފަހު މުއްދަތު އިތުރުމުން ޝަހީދާއި ގާނޫނީ ވަކީލު ރުސްދުﷲ އިބްރާހީމް ވެސް ކުރިމަތިލެއްވިއެވެ.

"ސަން"އަށް މިއަދު އެނގިފައިވާ ގޮތުގައި އޭގެ ތެރެއިން ޝަހީދުގެ ނަން މިއަދު ރައީސް ވަނީ މަޖިލީހަށް ފޮނުއްވައިފައެވެ.

މަޖިލީހުގެ މާދަމާގެ ޖަލްސާގެ އެޖެންޑާގައި ވަނީ ސުޕްރީމް ކޯޓަށް އައްޔަންކުރަން ރައީސް ފޮނުއްވާފައިވާ ނަން ދިރާސާކޮށް ގޮތް ނިންމުމަށް ކަމާ ގުޅުންހުރި ދާއިމީ ކޮމިޓީއަށް ފޮނުވުމަށް ހިމަނައިފައެވެ.

ޝަހީދު ވަނީ މިސްރުގެ އަލްއަޒުހަރު ޔުނިވާސިޓީއާއި ކުއްލިޔަތުއް ދިރާސާތިލް އިސްލާމިއްޔާއިން ޝަރީއަތާއި ގާނޫނުގެ ރޮނގުން މަތީ ތައުލީމު ހާސިލު ކުރައްވައިފައެވެ. އަދި ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވާސިޓީން މާސްޓާ އޮފް އިސްލާމިކް ޖުޑީޝަލް ސައިންސް އެންޑް ޝަރީއާ ޕޮލިސީ ވެސް އޭނާ ހާސިލް ކުރައްވައިފައިވެއެވެ.

މީގެ ކުރިން ޝަހީދު ފުރުއްވާފައިވާ މަގާމުތަކުގެ ތެރޭގައި:

  • އައްޑު އަތޮޅު ފޭދޫ މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓްކަން
  • ނ. ހޮޅުދޫ މެޖިސްޓްރޭޓް ކޯޓުގެ ކޯޓު އިސް މެޖިސްޓްރޭޓްގެ މަގާމު
  • ކްރިމިނަލް ކޯޓުގެ ގާޒީކަން
  • ކްރިމިނަލް ކޯޓުގެ އެސިސްޓެންޓް ލީގަލް އޮފިސަރުގެ މަގާމު

ޝަހީދު ހައިކޯޓުގެ ފަނޑިޔާރުކަމުގެ ހުވާކުރެއްވީ، 2018 ވަނަ އަހަރުގެ ޖުލައި މަހުގެ 24 ވަނަ ދުވަހެވެ. އަދި ހައިކޯޓުގެ އިސް ފަނޑިޔާރުގަކަމުގެ މަގާމަށް ޝަހީދު އައްޔަން ކުރައްވާފައިވަނީ އޮކްޓޫބަރު 30، 2023ގައެވެ.

ސުޕްރީމް ކޯޓަށް އައު ފަނޑިޔާރަކު އައްޔަންކުރުމުގެ މަސައްކަތް، ވެރިކަން ކުރާ ޕީއެންސީގެ ސުޕަމެޖޯރިޓީ އޮންނަ މަޖިލީހުން ފަށަން އުޅެނީ، ސަރުކާރުން އެ ކޯޓަށް ނުފޫޒު ފޯރުވާ ކަމުގެ ތުހުމަތުތައް އިތުރުވެފައިވާ ދަނޑިވަޅެއްގައެވެ.

ހުސްނުއްސުއޫދު އިސްތިއުފާ ދެއްވިއިރު އޭނާ ވަނީ ރައީސް ޑރ. މުޙައްމަދު މުއިއްޒާއި ބަންޑާރަނައިބު އަހުމަދު އުޝާމް ވެސް ސުޕްރީމް ކޯޓަށް ނުފޫޒު ފޯރުވަން މަސައްކަތް ކުރާ ކަމަށް ތުހުމަތު ކުރައްވައިފައެވެ. އެ ނުފޫޒު ފޯރުވަނީ އެ ކޯޓުން ބަލަމުން އަންނަ ދުސްތޫރީ މައްސަލަ ހުއްޓުވަން ކަމަށް އޭނާ ތުހުމަތު ކުރައްވައިފައިވެއެވެ.

އެއީ، މެންބަރުން ޕާޓީން ވަކިވުމުންނާއި ވަކިކުރުމުން ގޮނޑި ގެއްލޭ ގޮތަށް މި މަޖިލީހުން ގާނޫނުއަސާސީއަށް ގެނައި އިސްލާހު ބާތިލުކުރުމަށް އެދި ސުޕްރީމް ކޯޓަށް ހުށަހަޅައިފައިވާ މައްސަލައެކެވެ.

އެ މައްސަލަ ކޯޓުގެ ފުލް ބެންޗުން ބަލަމުން ދަނިކޮށް ޖޭއެސްސީން ސުއޫދާއި ފަނޑިޔާރުން ޑރ. އަޒްމިރަލްދާ ޒާހިރާއި މަހާޒު އަލީ ޒާހިރު ސަސްޕެންޑުކުރީއެވެ. އޭގެ ފަހުން ދުސްތޫރީ މައްސަލަ ކުރިއަށް ނުގޮސް އޮތީ ހުއްޓިފައެވެ.

މީގެ އިތުރުން މިހާރު މަޖިލީހުން އަންނަނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު ހަތަކުން ފަހަކަށް މަދުކުރުމަށް ހުށަހަޅައިފައިވާ ބިލެއްގެ މަސައްކަތް ވެސް ކުރަމުންނެވެ.

comment ކޮމެންޓް