ސައިކަލު ދުއްވާ މީހަކު މިއަހަރުގެ ހައްޖުގެ އަޅުކަން އަދާކުރުމަށް ސައިކަލުގައި ޖަރުމަނުވިލާތުން ސައުދީ އަރަބިއްޔާއަށް ދިއުމަށް ދަތުރު ފަށައިފިއެވެ.
ތުރުކީވިލާތަށް ނިސްބަތްވާ އުމުރުން 26 އަހަރުގެ ބުރަކް އޮޒްޓޫކް އެ ދަތުރު ފަށާފައި ވަނީ ޖަރުމަނުގެ ސްޓޫޓްގާޓުންނެވެ. އެ ދަތުރު އެޑްވެންޗާ ސޯޝަލް މީޑިއާގައި އޭނާ ދަނީ ޑޮކިއުމެންޓް ކުރަމުން ކަމަށް ސައުދީ ނިއުސް ވެބްސައިޓް ސަބްކްއިން ރިޕޯޓްކޮށްފައިވެއެވެ.
ސައުދީއަށް ދެވޭނެ ވަކި ތާރީޚެއް ނޭގޭ ނަމަވެސް ހައްޖު މޫސުން ފެށުމުގެ ކުރިން މައްކާއަށް ދެވޭނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށް އޭނާ ވަނީ ބުނެފައެވެ.
ސައުދީއަށް ދިއުމުގެ ކުރިން 6،000 ކިލޯމީޓަރުގެ މި ދަތުރު އޮސްޓްރިއާ، ސްލޮވޭނިއާ، ކްރޮއޭޝިއާ، ސާބިއާ، ކޮސޯވޯ، ނޯތު މެސެޑޯނިއާ، ގްރީސް، ތުރުކީވިލާތް، ސޫރިއާ، އަދި އުރުދުން ފަދަ ބައެއް ގައުމުތަކަށް ދާނެއެވެ.
އޮޒްޓޫކް ހައްޖު ދަތުރު ފުރަތަމަ ރާވާފައި އޮތީ މީގެ ދެ އަހަރު ކުރިންނެވެ. ނަމަވެސް އާއިލީ މައްސަލައެއް ދިމާވުމުން ދަތުރު ލަސް ކުރީ ކަމަށް އޭނާއާ ހަވާލާދީ ގަލްފް ނޫހުން ރިޕޯޓުކޮށްފައިވެއެވެ.
ސައުދީ އަރަބިއާއިން ބޭރުން 1.6 މިލިއަން މުސްލިމުން ހިމެނޭ ގޮތަށް ގާތްގަނޑަކަށް 1.8 މިލިއަން މުސްލިމުން ވަނީ މިދިޔަ އަހަރުގެ ހައްޖުގެ އަޅުކަން އަދާކޮށްފައެވެ.