މި އަހަރުގެ ޕީކް ދުވަސްވަރަށް ތައްޔާރުވުމުގެ ގޮތުން، ކުރުމުއްދަތެއްގެ ތެރޭގައި ތަރައްގީކުރި ސްޓެލްކޯގެ "ހުޅުމާލެ އެނެކްސް 2 އިންޖީނުގެ" ރޭ ހުޅުވައިފިއެވެ.
އެ އިންޖީނުގެ ހުޅުވުމަށް ރޭ ބޭއްވި ރަސްމިއްޔާތުގައި ސްޓެލްކޯގެ ދިދަ ނަންގަވައިދެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ހުސައިން ފަހުމީއެވެ. އަދި ދިވެހި ދިދަ ނަންގަވައިދެއްވީ އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު އައިޝަތު މުޒްނާއެވެ. މީގެ އިތުރުން އެ އިންޖީނުގޭގައި މިހާރު އިންސްޓޯލްކޮށް ނިމިފައިވާ ޖަނަރޭޓަރުތަކުގެ ތެރެއިން ޖަނަރޭޓަރެއް ފަހުމީ ވަނީ ސްޓާޓްކޮށްދެއްވާފައެވެ.
ސްޓެލްކޯއިން ބުނި ގޮތުގައި ހުޅުމާލޭގައި އަލަށް ހުޅުވި އިންޖީނުގޭގައި 1.6 މެގަވޮޓްގެ 12 ޖަނަރޭޓަރު ސެޓު ބެހެއްޓުމަށް ވަނީ ހަމަޖެހިފައެވެ. މިވަގުތު ހަތް ޖަނަރޭޓަރު ސެޓު ވަނީ ގާއިމު ކުރެވިފައެވެ. އަދި އިތުރު ފަސް ޖަނަރޭޓަރު ސެޓު ގެނެސްފައިވާ ކަމަށާއި، މި ރޯދަމަސް ނިމުމުގެ ކުރިން ކޮމިޝަންކޮށް ނިންމުމަށް ހަމަޖެހިފައިވާ ކަމަށް ސްޓެލްކޯއިން ބުންޏެވެ. އެއާއެކު ހުޅުމާލެ އިންޖީނުގެ އެނެކްސް2 ގެ ކެޕޭސިޓީ 19.2 މެގަވޮޓަށް އަރާނެ ކަމަށް އެ ކުންފުނިން ބުންޏެވެ.
ސްޓެލްކޯއިން ލަފާކުރާ ގޮތުގައި މި ރޯދަމަސް ނިމި، ހޫނު މޫސުމާއެކު ޕީކް ސީޒަން ފެށޭނެއެވެ.

ހޫނު މޫސުމަށް ތައްޔާރުވުމަށް، 19.2 މެގަވޮޓް ކްޕޭސިޓީގެ އައު އިންޖީނުގެއެއް ހުޅުވުމުގެ ރަސްމިއްޔާތުގައި އެމްޑީ ފަހުމީ ވާހަކަދައްކަވަނީ -- ފޮޓޯ/ ސްޓެލްކޯ
ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ފަހުމީ ވިދާޅުވީ، ދިވެހި ރައްޔިތުންނަށް ޚިދުމަތް ދިނުމުގެ މަތިވެރި ރޫހާއެކު، ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ސްޓެލްކޯގެ މުވައްޒަފުން އެ ނިންމާލީ ގައުމީ ބޮޑު މަސައްކަތެއް ކަމަށެވެ.
އެގޮތުން 48،000 އަކަފޫޓޫގެ ބިމެއް ސާފުކޮށް، 200 އެއްހާ ޓަނުގެ ކުނި އެތަނުން ނަގައި، އެ ބިން އެއްވަރުކޮށް، ހުޅުމާލޭގެ އެނެކްސް 1 އިންޖީނުގެއިން ކާނުތަކެއް އެ ބިމާ ހަމަޔަށް ތައްޔާރުކޮށްފައިވާ ކަމަށް ފަހުމީ ވިދާޅުވިއެވެ. އަދި އެ ކާނުތައް މެދުވެރިކޮށް ފިއުލް ލައިން އެޅުމާއި، ހުޅުމާލޭ މައި އިންޖީނުގެއާ ހަމަޔަށް އެ އިންޖީނުތަކުގެ ކޭބަލްތައް ގެންގޮސް، ގްރިޑާ ގުޅައިލުމުގެ ބުރަ މަސައްކަތްކޮށް ނިންމުމަށް ހޭދަވީ އެންމެ ނުވަ ދުވަސް ކަމަށް ފަހުމީ ވިދާޅުވިއެވެ.
ފަހުމީ ވިދާޅުވީ އެ މަސައްކަތް ފެށި ހިސާބުން، އިންޖީނުތައް ގެނައުމާއި، އެ ހުރިހާ މަސައްކަތެއް ކުރިއަށްދިޔަ ގޮތް ރައިސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވަރަށް ގާތުން ބެއްލެވިކަމަށެވެ. އަދި އެމަނިކުފާނުގެ އެ މަސައްކަތުގައި ދިމާވެދާނެ ހުރަސްތައް ބައްލަވައި، އެ ހުރަސްތައް ނައްތާލުމަށް ކުރެވިދާނެ ކަންކަމާ މެދު ލަފަޔާއި އިރުޝާދު ދެއްވަމުން ގެންދެވި ކަމަށް ވެސް ފަހުމީ ވިދާޅުވިއެވެ. ހަމައެއާއެކު އިންޖީނުގޭގެ ބިން ހޯދުމަށް ބޭއްވި ބައެއް ބައްދަލުވުންތަކުގައި ރައީސް ބައިވެރިވެވަޑައިގެންނެވި ކަމަށް އޭނާ ވިދާޅުވިއެވެ.
"ރޯދަ މަހުގައި އަތްވާއި ވާރެއަށް ބެލުމެއްނެތި، އަދި އެއްވެސް ފަސްޖެހުމެއްނެތި ސްޓެލްކޯގެ މުވައްޒަފުން މަސައްކަތްކޮށްފައި ވަނީ ރައްޔިތުންގެ ހައްގުގައި. އެކަމަށް ޓަކައި މުވައްޒަފުންނަށް ވެސް ވަރަށް ޚާއްސަ ޝުކުރެއް ދަންނަވަން،" ފަހުމީ ވިދާޅުވިއެވެ.

ހޫނު މޫސުމަށް ތައްޔާރުވުމަށް، 19.2 މެގަވޮޓް ކްޕޭސިޓީގެ އައު އިންޖީނުގެއެއް ހުޅުވުމުގެ ރަސްމިއްޔާތު -- ފޮޓޯ/ ސްޓެލްކޯ
ފަހުމީ ވިދާޅުވި ގޮތުގައި ރައްޔިތުންނަށް އަބަދުވެސް ދޭން ބޭނުންވާ ޔަގީންކަމަކީ ސްޓެލްކޯ އަބަދުވެސް އޮންނާނީ ދުރު މުސްތަގުބަލަށް ވިސްނައި، ދުރާލާ ތައްޔާރަށް ކަމަށެވެ. އެގޮތުން މި އަހަރުގެ ޕީކް ސީޒަންގައި ޖެނެރޭޝަން ކެޕޭސިޓީ ނެތިގެން ކަރަންޓު ނުކެނޑޭނެ ކަމުގެ ފުރިހަމަ ޔަގީންކަން ފަހުމީ ވަނީ ދެއްވައިފައެވެ.
ނަމަވެސް ސްޓެލްކޯއިން ފޯރުކޮށްދޭ ޚިދުމަތަކީ ޓެކްނިކަލް ޚިދުމަތަކަށްވުމުން، އިންޖީނަކަށް ދިމާވާ މައްސަލައެއްގެ ސަބަބުން ކަރަންޓު ކެނޑުމުގެ ފުރުސަތު އޮންނާނެ ކަމަށް ފަހުމީ ވިދާޅުވިއެވެ. އެހެން ނަމަވެސް އެފަދަ ހާލަތެއްގައި ވެސް ވީ އެންމެ އަވަހަކަށް އަލުން ޚިދުމަތްދޭން ސްޓެލްކޯގެ މުވައްޒަފުން ތިބޭނީ ތައްޔާރަށް ކަމަށް ވިދާޅުވިއެވެ.
ސްޓެލްކޯއިން އަތޮޅުތެރޭގައި ޚިދުމަތްދޭ 33 ރަށުގައި ވެސް ރޯދަމަހާއި ޕީކް ސީޒަނަށް ތައްޔާރުވުމަށް ވަރަށް ގިނަ މަސައްކަތްތަކެއް މުވައްޒަފުން ކޮށްފައިވާކަމަށް ފަހުމީ ވިދާޅުވިއެވެ.
ރޭ ބޭއްވި ރަސްމިއްޔާތުގައި ގިނަ އަދަދެއްގެ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނާއި ސްޓެލްކޯގެ އިސްވެރިން ވަނީ ބައިވެރިވެވަޑައިގެންފައެވެ.