ޑީޕްސީކާ ވާދަކުރެވޭވަރުގެ އައު އޭއައި މޮޑެލެއް ބައިޑޫއިން ތަޢާރަފުކޮށްފި

ޗައިނާގެ ޓެކް ކުންފުނި ބައިޑޫ --

ޗައިނާގެ ޑީޕްސީކް އޭއައިއާ އެއްހަމައެއްގައި ވާދަކުރެވޭވަރުގެ އައު އޭއައި މޮޑެލެއް ހަމަ އެ ގައުމުގެ އެންމެބޮޑު އެއް އިންޓަނެޓް ކުންފުނި ބައިޑޫއިން ތަޢާރަފުކޮށްފިއެވެ.

ބައިޑޫއިން ބުނާ ގޮތުގައި ޑީޕްސީކްގެ މޮޑެލްއާ ވާދަކުރެވޭ ފެންވަރުގެ މޮޑެލަކާއެކު އިތުރު އެހެން މޮޑެލެއް ވެސް ވަނީ އެ ކުންފުނިން ނެރެފައެވެ.

ޑީޕްސީކަކީ ޗައިނާގެ އޭއައި ސްޓާޓްއަޕެކެވެ. އެ ކުންފުނިން ވަނީ އެމެރިކާގެ އިންޑަސްޓްރީ ލީޑިން މޮޑެލްތަކާ އެއްފެންވަރުގެ ނުވަތަ އެއަށްވުރެ ރަނގަޅު މޮޑެލްތަކެއް ތަޢާރަފުކޮށްފައެވެ. އަދި މި މޮޑެލްތައް ވަނީ އެމެރިކާގެ މޮޑެލްތަކަށްވުރެ ވަރަށް ބޮޑުތަން އަގުހެޔޮކޮށް ތަޢާރަފުކޮށްފައެވެ.

ބައިޑޫއިން ބުނާގޮތުގައި އެކުންފުނީގެ އާނީ އެކްސް-1 މޮޑެލްގެ ޚިދުމަތް ލިބެނީ ޑީޕްސީކް އާރު-1 އާ އެއްފެންވަރެއްގައި ނަމަވެސް އަގަކީ ޑީޕްސީކްގެ އެންމެ ދެބައިކުޅައެއްބައެވެ. އަދި މި މޮޑެލްއަކީ ވަރަށް ވަރުގަދައަށް ފަހުމްވުމާއި، ޕްލޭންކުރުމާއި، ރިފްލެކްޝަން އަދި އިވޮލިއުޝަން ގާބިލިއްޔަތު ހުރި މޮޑެލްއެއްކަމަށް ބައިޑޫއިން ބުނެފައިވެއެވެ.

ބައިޑޫއިން ނެރުނު އަނެއް މޮޑެލް އަކީ އާނީ 4.5 ގެ ނަމުގައި ނެރުނު އައު ފައުންޑޭޝަން މޮޑެލެކެވެ. މި މޮޑެލްއަކީ ވަރަށް ރަނގަޅު މަލްޓިމޯޑަލް އަންޑަސްޓޭންޑިން ކުޅަދާނަކަން ހުރި މޮޑެލްއެއްކަމަށް ބައިޑޫއިން ބުނެފައިވެއެވެ.

އަދި މި މޮޑެލްގެ ލޭންގުއޭޖް އެބިލިޓީ ވަރަށް ރަނގަޅުކަމަށާއި، އަދި މީގެ އަންޑަސްޓޭންޑިން، ޖެނެރޭޝަން، ލޮޖިކް އަދި މެމޮރީ އެބިލިޓީތައް ވަރަށް ބޮޑަށް ރަނގަޅުކޮށްފައިވާކަމަށް ބައިޑޫއިން ބުނެފައިވެއެވެ.

ބައިޑޫއަކީ ޗައިނާގެ އެންމެ ކުރީ ސަފުގައި ހިމެނޭ ޓެކްނޮލޮޖީ ކުންފުނިތަކުގެ ތެރެއިން ޗެޓްޖީޕީޓީ ފަދަ ޗެޓްބޮޓެއް ތަޢާރަފުކުރި ކުންފުންޏެވެ. ނަމަވެސް އެ ކުންފުނީގެ އާނީ ލާޖް ލޭންގުއޭޖް މޮޑެލްއަށް އެހާ ބޮޑު ބަލައިގަތުމެއް ލިބިފައެއް ނުވެއެވެ.

އެހެންނަމަވެސް އެ ކުންފުނިން ބުނާގޮތުގައި އެ ކުންފުނީގެ މޮޑެލްގެ ޕަފޯމަންސް ހުރީ އޯޕަންއޭއައިގެ ޖީޕީޓީ-4 އާ އެއްފެންވަރެއްގައެވެ.

comment ކޮމެންޓް