ފަހަތުން އަރައި މިލާންއިން ކޯމޯ ބަލިކޮށްފި

ފަހަތުން އަރައި މިލާންއިން ކޯމޯ ބަލިކޮށްފި

އިޓާލިއަން ސެރީއާގައި އޭސީ މިލާން އާއި ކޯމޯ ބައްދަލުކުރި މެޗު މިލާން އިން ކާމިޔާބު ކޮށްފިއެވެ.

މިލާންގެ ދަނޑުގައި ކުޅުނު މިމެޗު އެޓީމުން ކާމިޔާބު ކޮށްފައިވަނީ ފަހަތުން އަރާ ދެ ލަނޑު އެއް ލަނޑުންނެވެ. ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗުގައި ގިނައިރު ބޯޅަ ގެންގުޅެ ގިނަ ހަމަލާ އުފައްދާފައި ވަނީ ކޯމޯއިންނެވެ. އަދި މިމެޗުގެ ފުރަތަމަ ހާފުގައި ރަނގަޅަށް ކުޅެފައިވަނީ ވެސް ކޯމޯއިންނެވެ.

މިމެޗުގެ ފުރަތަމަ ލަނޑު ޖަހާ މެޗުގެ ލީޑު މެޗުގެ 33ވަނަ މިނެޓުގައި ނެގީ ކޯމޯއެވެ. މިލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ ލޫކަސް ޑަ ކޫންޔާއެވެ. ފުރަތަމަ ހާފުގައި އިތުރު ލަނޑެއް ނުފެނުން ނަމަވެސް ލަނޑު ޖަހާނެ ފުރުސަތު ދެޓީމަށް ވެސް ލިބުންކަން ފާހަގަ ވިއެވެ. މިމެޗުގެ ދެވަނަ ހާފުގައި މިލާންއިން ވަނީ އެޓީމުގެ ކުޅުން ރަނގަޅުކޮށް ހަމަލާތައް ވަރުގަދަ ކޮށްފައެވެ. ނަތީޖާ އަކަށްވީ މެޗުގެ 53ވަނަ މިނެޓުގައި ކްރިސްޓިއަން ޕުލިސިޗް ކާމިޔާބު ކޮށްދިން ލަނޑުން މެޗުގެ ނަތީޖާ މިލާން އިން ހަމަހަމަ ކުރުމެވެ. މިމެޗުން މިލާން މޮޅުވި ލަނޑު މެޗުގެ 75ވަނަ މިނެޓުގައި ކާމިޔާބު ކޮށްދިނީ ޓިޖާނީ ރެއިންޑާސްއެވެ. މިމެޗުގެ އިތުރު ވަގުތުގެ އެއްވަނަ މިނެޓުގައި ވަނީ ކޯމޯގެ ބަދަލު ކުޅުންތެރިޔާ ޑެލޭ އަލީއަށް ރަތް ކާޑު ދައްކާފައެވެ. މިއީ އޭނާ ދެ އަހަރުގެ ތެރޭގައި ކުޅުނު ވާދަވެރި ފުރަތަމަ މެޗެވެ. މީގެއިތުރުން ކޯމޯގެ ކޯޗު ސެސްކް ފެބްރިގާސްވެސް ވަނީ މެޗު ނިމެނިކޮށް ބެންޗުން ފޮނުވާލައިފައެވެ.

މިކާމިޔާބީއާއެކު މިލާން މިހާރު އުޅެނީ 47 ޕޮއިންޓާއެކު ތާވަލްގެ ހަތްވަނައިގައެވެ. އަދި ކޯމޯ އުޅެނީ 29 ޕޮއިންޓާއެކު ތާވަލްގެ 13ވަނައިގައެވެ. މިމުބާރާތުގައި ރޭ ކުޅުނު އެހެން މެޗުތަކަށް ބާލާލައިރު މޮންޒާ އާއި ޕާމާ ބައްދަލުކުރި މެޗު އެއްލަނޑު އެއްލަނޑުންވީ އެއްވަރެވެ.

އަދި ހެލަސް ވެރޯނާ އާއި އުދިނޭސީ ބައްދަލުކުރި މެޗު އެއް ލަނޑު ސުންލަނޑުން ވެރޯނާ ކާމިޔާބު ކުރިއިރު ޓޮރީނޯ އާއި އެމްޕޯލީ ބައްދަލުކުރި މެޗު އެއް ލަނޑު ސުން ލަނޑުން ކާމިޔާބު ކޮށްފައިވަނީ ޓޮރީނޯއެވެ.

comment ކޮމެންޓް