އެމްބާޕޭގެ 2 ލަނޑުން ވަގުތީ ގޮތުން ރެއާލް އެއްވަނައަށް

ސްޕެނިޝް ލަލީގާގައި އެންމެ ފަހުގެ ޗެމްޕިއަން ރެއާލް މެޑްރިޑުން ވިޔަރެއާލް ބަލިކޮށް، އެއްވަނައަށް ކުރިއަށް ޖެހިލައިފިއެވެ.

ވިޔަރެއާލްގެ ދަނޑުގައި ކުޅުނު މި މެޗު ރެއާލުން ކާމިޔާބުކޮށްފައިވަނީ ފަހަތުން އަރައި 2-1 އިންނެވެ.

މެޗު ފެށިތާ މާ ގިނައިރެއްނުވެ، ހަތްވަނަ މިނެޓުގައި ހުއާން ފޮއިތު ވަނީ ވިޔަރެއާލަށް ލީޑު ނަގައިދީފައެވެ. އޭގެ ކުރިން ވެސް އެ ޓީމަށް ލަނޑު ޖަހާނެ ރަނގަޅު ދެ ފުރުސަތެއް ލިބުނެވެ.

ރެއާލުން ނަތީޖާ ހަމަހަމަކުރީ 17 ވަނަ މިނެޓުގައި ކިލިއަން އެމްބާޕޭ ކާމިޔާބުކޮށްދިން ލަނޑުންނެވެ. އޭގެ ހަ މިނެޓު ފަހުން އެމްބާޕޭ ވަނީ ދެވަނަ ލަނޑެއް ޖަހައި، ލީޑު ނަގައިދީފައެވެ.

މިއީ މި ސީޒަންގައި ލަލީގާގައި އޭނާ ކާމިޔާބު ކުރި 20 ވަނަ ލަނޑެވެ. ސީޒަން ފެށުނުއިރު ކޮންމެ ވެސް ވަރެއްގެ އުނދަގޫތަކަކާ ކުރިމަތިވި އެމްބާޕޭ މިހާރު އުޅެނީ ލަލީގާގެ ލަނޑު ލިސްޓްގެ ދެވަނައިގައެވެ. އޭނާއަށްވުރެ ގިނައިން ލަނޑު ޖަހާފައިވާ އެފްސީ ބާސެލޯނާގެ ފޯވަޑް ރޮބަޓް ލެވަންޑޯސްކީ ކާމިޔާބުކުރީ 21 ލަނޑެވެ.

މި ކާމިޔާބީއާ އެކު ރެއާލް މިހާރު އޮތީ ކުޅުނު 28 މެޗުން ލިބިފައިވާ 60 ޕޮއިންޓާ އެކު އެއްވަނައިގައެވެ. ދެވަނައިގައި ބާސާ އޮތީ 26 މެޗުން ލިބިފައިވާ 57 ޕޮއިންޓާ އެކުއެވެ. އެކަމަކު، ބާސާއިން ދެ މެޗު ނުކުޅެ އޮތުމުން އެ ޓީމަށް އެއްވަނައަށް އެރުމުގެ ފުރުސަތު އެބައޮތެވެ.

މިރޭ ތިންވަނައިގައި އޮތް އެޓްލެޓިކޯ މެޑްރިޑާ ބައްދަލުކުރާ މެޗުން މޮޅުވެވިއްޖެނަމަ ފައިދާ ގޯލުގެ ތަފާތުން ބާސާއަށް އެއްވަނައަށް އެރުމުގެ ފުރުސަތު ލިބޭނެއެވެ. ރޭގެ މެޗުން ބަލިވުމުން ވިޔަރެއާލް މިހާރު އޮތީ 44 ޕޮއިންޓާ އެކު ފަސްވަނައިގައެވެ.

މި މުބާރާތުގައި ރޭ ކުޅުނު އެހެން މެޗުތަކަށް ބަލައިލާއިރު ސެލްޓަވީގޯއާއި ވަޔަޑޮލިޑް ބައްދަލުކުރި މެޗު 1-0 އިން ސެލްޓާ ކާމިޔާބުކޮށްފައިވާއިރު ރެއާލް މަޔޯކާއާއި އެސްޕަންޔޯލް ބައްދަލުކުރި މެޗު 2-1 އިން ކާމިޔާބުކޮށްފައިވަނީ މަޔޯކާއެވެ. ޖިރޯނާއާއި ވެލެންސިއާގެ މެޗު ނިމުނީ އެއް ލަނޑު އެއް ލަނޑުން އެއްވަރުވެގެންނެވެ.

comment ކޮމެންޓް