މައިކު ހިފައިގެން ނަލަ ހެދިލައިގެން ފުރަތަމަ ލަވަ މުބާރާތަކަށް ނުކުތްއިރު އޭނާގެ އުމުރުން ގާތްގަނޑަކަށް ވާނީ ފަސްވަރަކަށް އަހަރެވެ. ތުއްތުއިރު ތުއްތު އަޑުން ލަވަކިޔަން ނުކުތްއިރު އޭނާގެ ވިސްނުމުގައިވާ ތަސްވީރު މީހާއަށް ވުރެ މާބޮޑެވެ. އޭރު ބޭނުންވީ ބޮޑު ބޭންޑެއްގެ މޮޅު ލަވަކިޔުންތެރިއަކަށް ވާށެވެ. އެއީ ސްޓޭޖުމަތީހުރެ ލަވަކިޔަމުން ދިޔައިރު އޭނާ ބަލަމުންދިޔަ ހުވަފެންތަކެވެ.
މިއަދު އެ އަޑު މުޅި ރާއްޖެއަށް ފަތުރައިފިއެވެ. މަގުމަތީ ހިނގާލައިފައި ދާއިރު ބައެއް ކަންމަތިތަކުން ވެސް އިވެނީ އެ އަޑެވެ. މިހާރު އެއީ "ސްކައި ރޮކް"ގެ އިންޝާއެވެ.
އިންޝާ ބުނާގޮތުންނަމަ އޭނާ މިހާރު ކުރާ މަަސައްކަތަކީ އޭނާގެ "ޑްރީމް ވޯކް"އެވެ.
މަންމައާއި ބައްޕަގެ ފަރާތުން ވެސް ލަވައަށް ޖެހުނީ ލޯބި
އެންމެ ކުޑައިރު ވެސް އޭނާގެ ހިތް ވަނީ ލަވަކިޔުމަށް ހިބައިން ދެވިފައެވެ.
އޭނާގެ މަންމައާއި ބައްޕައަކީ ވެސް އެކި ފެންވަރުގައި ލަވަ ކިޔައި އުޅުނު މީހުންކަމުން އެ ޝައުގު އުފެދިގެން އައީ އެ މީހުންގެ ކިބައިންނެވެ. އެ ހިސާބުން ދެން ވާން ބޭނުންވީ ހަމަ މޮޅު ލަވަކިޔުންތެރިއަކަށެވެ.

ޗަނާޗާ 2023ގައި އިންޝާ ލަވަކިޔަނީ -- ފޮޓޯ/ ޒަޔާން އިބްރާހީމް ހުސައިން
އެ އުންމީދުތައް ހާސިލްކުރަން ބޭނުންވާ ތަމްރީނު ވެސް އޭނާ އައީ ކުޑައިރުން ފެށިގެން ހޯދަމުންނެވެ. އެންމެ ފުރަތަމަ މަޝްހޫރު އިންސްޓްރަކްޓަރު "ޝަފީގް ސާ" ކައިރިން ތަމްރީނު ހޯދާ އެއަށްފަހު ސްކޫލުގައި ވެސް އެތައް ގޮތަކުން އެ ފުރުސަތުތައް އޭނާ ހޯދިއެވެ.
"ބޮޑުވާންފެށީމަ ވަރަށް ގިނަ މީހުން ބުނި އަސްލު ލަވަކިޔުން އެއީ އެހާ ރިއަލިސްޓިކް ކަމެއް ނޫނޭ މިތާ ކުރާކަށް،"
ހުވަފެންތަކުގައި ކުލަ ޖެއްސުމަށް ހިތްވަރު ނުލިބުމުން، އެންމެ ފަހުން އެހެން ކަންކަމަށް ޝައުގުވެރިކަން ހޯދަން ފެށިއެވެ. އެއާއެކު ދެން އޭނާ ބޭނުންވީ ތާރީޚީ ކަންކަން ދިރާސާކުރާ އާކިއޮލޮޖިސްޓަކަށް ވާށެވެ. އެއީ ސްކޫލުގައި ޖިއޮގްރަފީއަށް އުފެދުނު ޝައުގާއެކުގައެވެ.
ނަމަވެސް، މީ ވެސް ރާއްޖޭގައި ހަމަޖެހޭ ދިރިއުޅުމެއް އުޅުމަށް ކުރެވިދާނެކަމެއް ކަމަށް ގަބޫލު ނުކުރެވުމުން އެ ޚިޔާލު ވެސް ދޫކޮށްލީއެވެ. އޭރު ވެސް އޭނާ ލަވަކިޔުމާ އެއްކޮށް ދުރަކަށް ނުދެއެވެ. އިވެންޓެއްގައި ހިލޭ ލަވަކިޔައިލުމުގެ ފުރުސަތު ލިބުނަށް އޭނާ އެ ފުރުސަތުގެ ބޭނުން ހިފައި ލަވައެއް ކިޔައިލައެވެ.

އިންޝާ --
އެންމެ ފަހުން ކުރިއަށް ދާނެ ދާއިރާއެއް ޚިޔާރުކޮށް އޭނާ މެލޭޝިޔާއިން އިވެންޓް މެނޭޖްމަންޓް ކިޔަވައި ޑިގްރީ ހާސިލްކުރީ އެހެން ކަންކަމުން އަލިމަގެއް ނުފެނުމުންނެވެ. ޑިގްރީ ހެދިއިރު އޭނާ ވަނީ މައިނާ އިން އާޓްސް ވެސް ކިޔަވާފައެވެ.
ރާގުން ފެށި ދަތުރުގައި މިއުޒިކްގެ ދާއިރާއަށް
ލަވަކިޔުމުގެ ޝައުގުން ހިތް ފުރި ބަންޑުންވެ ދާއިރާއަށް ނުކުމެލަން ފުރުސަތަކަށް ބަލަބަލައި ހުއްޓާ އޭނާއަށް ފުރަތަމަ އެ ފުރުސަތު ލިބުނީ ޓީވީއެމްއިން ގެނެސްދިން ރާގު ޝޯގެ ތެރެއިންނެވެ. 2017ވަނަ އަހަރު ލިބުނު އެ ފުރުސަތުގައި އޭނާ އެތައް ބައެއްގެ ޝައުގުވެރިކަން ހޯދިއެވެ.
"އޭގެ ފަހުން ކޮންމެވެސް ވަރަކަށް ނޯޓިސްވާން ފެށީ. ފުރުސަތުތައް ލިބެންފެށީ އޭގެ ފަހުން. އެގޮތަށް ލިބުނީ ރިޒޯޓު ގިގްއަކަށް ދާން ފުރުސަތެއް. އެ ގިގްއަށް ގޮސް ހުއްޓައި ފެނުނީ އެހެން ބޭންޑެއްގެ މެނޭޖަރަކަށް،" ލިބުނު ހަނި ފުރުސަތުން ދެމިލައި އެ ހިސާބުން އޭނާ ދާއިރާގައި ފައިހަމަކުރަން މަސައްކަތް ފެށިއެވެ.

ދިރާގު އީދު ޝޯ 2024ގައި އިންޝާ ލަވަކިޔަނީ -- ފޮޓޯ/ ޒަޔާން އިބްރާހީމް
އެ ބޭންޑާއެކު އާ އަހަރުގެ ޝޯތައް ކުޅެން އިންޝާ ދިޔައެވެ. މިއުޒިކް ކުޅުމަކީ ރާއްޖޭގައި ކުރެވޭނެ ކަމެއް ކަމަށާއި ރިޒޯޓް މިއުޒިކް ކުޅެގެން ވެސް ފައިސާ ލިބޭނެކަން އޭނާއަށް ވިސްނުނީ އެ ދަތުރުގައެވެ. އެހިސާބުން ފަހަތް ބެލުމެއް ނެތެވެ. ހުއްޓުމެއް ނެތެވެ.
އެންމެ އުހުން "ސްކައި ރޮކް"އަށް، މިއީ ހުވަފެނުގައި ކުލަ ޖެހުން
މިހާރު އޭނާގެ ކާމިޔާބީގެ ވާހަކަދައްކާނަމަ އެންމެ ފާހަގަކޮށްލެވޭ އެއް ކާމިޔާބީއަކަށް ވާނީ، ރާއްޖޭގެ އެންމެ މަޝްހޫރު އެއް ބޭންޑު، "ސްކައި ރޮކް"ގެ ލީޑް ފީމޭލް ވޯކަލިސްޓަށް ވުމެވެ. މިއީ އެންމެ ކުޑަ އިރު، ސްޓޭޖުގައި ލަވަކިޔަން ހުރެ އޭނާ ދުށް ހުވަފެނެވެ.
"އެމީހުން އެދުނީ "ސްކައި ރޮކް"އަށް ޖޮއިން ކުރަން،"
މި ފުރުސަތު 2022ވަނަ އަހަރުގެ މާޗު މަހު "ސްކައި ރޮކް"އިން ދިނީ އިންޝާ އާއި އޭނާގެ ފިރިމީހާ އިނާން އާދިލަށެވެ. އިނާނައަކީ ގިޓަރިސްޓެކެވެ.
"ސްކައި ރޮކް"އަށް ވަނުމާއެކު ކޮންމެވެސް ވަރަކަށް ފާޑުކިޔުންތަކާ އޭނާއަށް ކުރިމަތިވިއެވެ. އެއް ކަމަކަށް ކުރިމަތިވީ "ސްކައި ރޮކް"ގެ ކުރީގެ އަންހެން ލަވަކިޔުންތެރިޔައާ އަޅައިބެލުމެވެ.

އިންޝާ އިނާންއާއެކު -- ފޮޓޯ/ ޒަޔާން އިބްރާހީމް
ކޮންމެވެސް ވަރަކަށް "ނެގެޓިވް" ފާޑުކިޔުންތަކާ އޭނާއަށް ވެސް ކުރިމަތިލާން ޖެހެއެވެ. އެއްގޮތަކަށް ވެސް އޭނާގެ ހުނަރު ކަމުނުދާތީކީ ނޫނެވެ. ގިނަ މީހުން މިކަން ކުރަނީ ފޭކު އެކައުންޓުތަކުގެ ފަހަތުގައި ފޮރުވިގެން ތިބެއެވެ.
"އާންމުކޮށް އެކަހަލަ ކޮމެންޓުތައް އިގްނޯ ކޮށްލަނީ. ބައެއްފަހަރު އެނގޭ ކާކުކަން އެ ކަހަލަ ހާލަތެއްގައި ވެއްޖެއްޔާ ހަމަ ކޮންފްރަންޓް ކުރަނީ،" ފާޑުކިޔުންތަކުގެ ސަބަބުން ހިތްވަރަށް ކުޑަވެސް ބަދަލެއް ނާންނަކަން ފާހަގަކޮށް އޭނާ ބުންޏެވެ.
އޭނާގެ އާއިލާއާއި އެކުގައި އުޅޭ އެންމެންނަކީ ވެސް ވަރަށް އެހީތެރިވެދޭ ބައެކެވެ. ނުދަންނަ އެތައް ބައެއްގެ ލޯބި ލިބެއެވެ. އޭނާގެ ލަވަކިޔުމަށް ތައުރީފު ކުރެއެވެ. އެހެންކަމުން އެފަދަ ފާޑުކިޔުންތަކުގެ އަސަރު އޭނާއަށް ނުކުރަނީ ކަމުގައި އިންޝާ ބުންޏެވެ.

އިންޝާ --
މީގެ އިތުރުން، ބޭރު ގައުމުތަކުގައި ލަވަކިޔުމުގެ ފުރުސަތު ލިބި، އެ މީހުންގެ ފަރާތުން ލިބޭ ތަރުހީބު ވެސް އިންޝާ ފާހަގަކުރިއެވެ.
ހިތް ފުރިފައި، އެކަމަކު އަދި ނިންމައެއް ނުލާނަން
އޭނާ އެންމެ ބޭނުންވި ކާމިޔާބީ ހާސިލްކުރެވިއްޖެއެވެ. ނަމަވެސް، މި ހިސާބުން އަދި ނިންމާލާކަށް އޭނާ ގަސްދެއް ނުކުރެއެވެ. އިންޝާގެ އަމިއްލަ ރާގުގެ ލަވައެއް ނެރުމުގެ ހުވަފެން އޭނާ ދެކެއެވެ.
"އަދި ބޭނުންވަނީ ބޭންޑާއެއްކޮށް ކުރިއަށްދާން. "ސްކައި ރޮކް"އާ ދޭތެރޭ ވަރަށް ހިތްހަމަ ޖެހޭ،"
އޭނާގެ ހިތަށް އެންމެ ބޮޑު އުފާވެރިކަމެއް ގެނުވަނީ "ސްކައި ރޮކް"ގެ އަލްބަމްގެ ކްރެޑިޓްސްގައި އޭނާގެ ނަން ފެނުމެވެ. މިއީ އެ ލަވަތައް ތައްޔާރު ކުރުމަށް ކުރާ ބުރަ މަސައްކަތުގެ ފޮނިކަން އިހުސާސްވާ ކަމެއްކަމަށް އިންޝާ ބުންޏެވެ.
އަމިއްލަ ރާގު ހެދޭ ވަރަކަށް ރާއްޖޭގެ މިއުޒިކް ކުރިއަރުވަން މަސައްކަތް ކުރެވޭކަމުގެ ފޮނި އިހުސާސް އޭނާއަށް ކުރެއެވެ. މިއީ ދުވަހަކު ވެސް އުންމީދު ކަނޑައިނުލައި ކުރިއަށް ދެވުމުގެ އަސްލެވެ.

ސްކައި ރޮކް އަލްބަމް ރިލީޒްކުރި ޝޯގައި އިންޝާ -- ފޮޓޯ/ އޮކްނޯ
"ސްޓެގްނެންޓް ވެފައި އިނީ ވަރަށް ފަހަކާ ޖެހެންދެން. މިފަހުން ވަރަށް ގިނަ އާ މިއުޒިކްތައް ފެނިއްޖެ. އައި ލައިކް ދަ ފެކްޓް ދެޓް ވީއާ ހެލްޕިން ދަ އިންޑަސްޓްރީ ގްރޯ،"
އުންމީދު ކަނޑައިލުން ނުވަތަ ލަވަކިޔުން ހުއްޓާލުމުގެ ވިސްނުމެއް ސިކުނޑީގެ ކަނެއްގައި ވެސް އޭނާ ނުގެންގުޅެއެވެ. އޭނާގެ ރީތި އަޑުން ލަވައެއް ކިޔައި މިހާރު އެ ހުރީ އެންމެ އުހުގައެވެ. ހުވަފެންތައް ކުލަވެ އުފަލުން ހިތް ފުރިފައެވެ.