ދެކުނު އެފްރިކާގެ ސަފީރަށް މަރުހަބާ ނުކިޔާނެކަމަށް އެމެރިކާއިން ބުނެފި

އެމެރިކާއިން ދެކުނު އެފްރިކާއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އިބްރާހީމް ރަސޫލް. ފޮޓޯ/އޭޕީ

ދެކުނު އެފްރިކާއިން އެމެރިކާއަށް ކަނޑައަޅާފައި ހުންނަވާ ސަފީރަށް އެ ގައުމުން މަރުހަބާ ނުކިޔާކަމަށް އެމެރިކާގެ ޚާރިޖީ ވަޒީރު މާކޯ ރޫބިއޯ ވިދާޅުވެއްޖެއެވެ.

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރޫބިއޯވަނީ ސަފީރު އިބްރާހީމް ރަސޫލް، އެމެރިކާ އާއި ރައީސް ޑޮނަލްޑް ޓްރަމްޕަށް ނަފްރަތު ކުރައްވާކަމަށް ތުހުމަތު ކުރައްވާފައެވެ.

ރޫބިއޯ އެގޮތަށް ވިދާޅުވެފައި ވަނީ ދެ ގައުމުގެ ދެމެދުގައި އުފެދިފައިވާ ފިތުނަ އިތުރުވަމުންދާ ދަނޑިވަޅެއްގައެވެ.

ހުކުރު ދުވަހު ރޫބިއޯ ކުރެއްވި އެ ޕޯސްޓު ގުޅުވާފައި ވަނީ ކަނާތުފިޔައިގެ ނޫހެއް ކަމަށްވާ، ބްރެއިޓްބާޓްގެ ލިޔުމަކާއެކު ޓްރަމްޕްގެ ވެރިކަމާ ބެހޭ ގޮތުން އޮންލައިންކޮށް ދެއްވި ލެކްޗަރެއްގައި ދާދި ފަހުން ރަސޫލް ދެއްކެވި ބައެއް ވާހަކަތަކާ ހަވާލާދެއްވާފައެވެ.

އެމެރިކާގެ ވެރިކަމާ ޓްރަމްޕް ހަވާލުވެވަޑައިގަތްފަހުން އެމެރިކާއާއި ދެކުނު އެފްރިކާގެ ގުޅުން ދަނީ ގޯސްވަމުންނެވެ. އެ ގުޅުން އެންމެ ބޮޑަށް ހީނަރުވީ އިސްރާއީލާ ދެކޮޅަށް އިންޓަނޭޝަނަލް ކޯޓު އޮފް ޖަސްޓިސް އަށް މައްސަލަ ހުށަހެޅުމުންނެވެ.

ޓްރަމްޕް ވަނީ ދެކުނު އެފްރިކާއަށް ދޭ އެހީ މެދުކަނޑާލުމަށް އެގްޒެކެޓިވް އަމުރެއްގައި މިދިޔަ މަހު ސޮއިކުރައްވާފައެވެ.

ރަސޫލް އެމެރިކާގައި ހުންނަވާ ދެކުނު އެފްރިކާގެ ސަފީރުގެ މަގާމަށް ވަޑައިގަތީ މިދިޔަ ޖެނުއަރީ މަހުއެވެ. މީގެ ކުރިން އޭނާ ވަނީ 2010 އިން 2015 އަށް، އެމެރިކާގެ ކުރީގެ ރައީސް ބަރަކް އޮބާމާގެ ރިޔާސީ ދައުރުގައި އެ މަގާމުގައި ފުރުއްވާފައެވެ.

ދެކުނު އެފްރިކާގެ ވެރިކަން ކުރަނީ އެފްރިކަން ނޭޝަނަލް ކޮންގްރެސް (އޭއެންސީ) އިންނެވެ. އެ ޕާޓީއަކީ އެ ގައުމުގައި ދޮން މީހުންގެ މައިނޯރިޓީގެ ވެރިކަން ނިމުމަކަށް ގެނައި އެޕާޓްހައިޑާ ދެކޮޅު ހަނގުރާމައިން އުފަންކުރި ޕާޓީއެކެވެ.

comment ކޮމެންޓް