އެމެރިކާގެ މަޝްހޫރު ރެޕް ލަވަކިޔުންތެރިޔާ އަދި މިއުޒިކް ޕްރޮޑިއުސަރު ޝޯން ލަވް ކޯމްބްސް ނުވަތަ ސްޓޭޖް ނަމުން ނަމަ "ޑިޑީ"އާ ދެކޮޅަށް ކުރާ ގިނަ ތުހުމަތުތަކުގެ މައްސަލަތައް ބަލަން ފެށިފަހުން ފުރަތަމަ ފަހަރަށް ކޯޓަށް ހާޒިރުކޮށްފިއެވެ.
އިންސާނީ ވަގުފާރިއާއި ރޭޕް އަދި އެ ނޫން ވެސް ސީރިއަސް އެކި ކަހަލަ ތުހުމަތުތަކެއްގެ ވާހަކަ ޑިޑީއާ ދެކޮޅަށް ދެކެވެން ފެށީ މިދިޔަ އަހަރުގެ ކުރީ ކޮޅެވެ. އެއަށް ފަހު އެ މައްސަލަތައް ތަހުގީގުކުރުމަށްޓަކައި އޭނާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވަނީ މިދިޔަ އަހަރުގެ މާޗު މަހުގެ ފަހުކޮޅެވެ.
ޑިޑީގެ މައްޗަށް ގިނަ ތުހުމަތުތަކެއް ކޮށްފައިވާއިރު އިއްޔެ އޭނާ ވަނީ ފުރަތަމަ ފަހަރަށް ކޯޓަށް ހާޒިރުކޮށްފައެވެ. އެމެރިކާގެ މެންހެޓަންގައި ހުންނަ ފެޑެރަލް ކޯޓަށް ހާޒިރުކޮށްފައިވާއިރު ތިން މައްސަލައަކާ ގުޅޭގޮތުން ކޯޓު އަޑުއެހުމުގައި ތުހުމަތުތަކެއް ވަނީ އުފުލާފައެވެ. އޭގެތެރޭގައި ޓްރެފިކިންގެ މައްސަލަތައް ހިމެނެއެވެ.
މި ހުރިހާ ތުހުމަތުތައް އޭނާ ވަނީ ދޮގު ކޮށްފައެވެ. ނަމަވެސް އެއިން އެއްވެސް ހެއްކެއް އަދި ހިއްސާކޮށްފައެއް ނުވެއެވެ. އެއީ އޭނާގެ މައްސަލައިގެ އަޑުއެހުންތައް ރަސްމީކޮށް އަދި ފަށާފައި ނުވާތީއެވެ. މިފަހަރު ކޯޓަށް ހާޒިރުކޮށްފައިވަނީ އޭނާގެ މައްޗަށް ތުހުމަތުތަކެއް ކޮށްފައިވާތީ އެކަމުގެ ދައުވާ އިއްވުމަށެވެ.
މިވަގުތު އޭނާ ހުރީ ނިއުޔޯކްގައި ހުންނަ ޑިޓެންޝަން ސެންޓަރުގައެވެ. އަދި ކޯޓުން ބުނާގޮތުގައި އޭނާގެ މައްސަލައިގެ އަޑުއެހުންތައް އަންނަ މެއި މަހުގެ 13ގައި ފަށާނެއެވެ. އަޑުއެހުންތައް ފެށެންދެން އޭނާ ހުންނާނީ މި ސެންޓަރުގައި ކަމަށް ވަކީލުން ހާމަކޮށްފައިވެއެވެ.
ތަފާތު އެކި މައްސަލަތައް އެއްވެ, މިހާރު ވެސް ޑިޑީއާ ދެކޮޅަށް ހުށަހަޅާފައިވާ މައްސަލަތަކުގެ އަދަދު 40އާ ގާތް ކުރެއެވެ.
ޑިޑީއާ ދެކޮޅަށް ފެންމަތިވަމުންދާ އެކި މައްސަލަތަކުގައި ހޮލީވުޑްގެ ބޮޑެތި ތަރީންނާއި ދުނިޔޭގެ މަހުޖަނުން ބައިވެރިވާ ކަމަށް ތަފާތު އެކި ވާހަކަތައް ދެކެވެއެވެ. މި ހުރިހާ ވާހަކައެއް ތަހުގީގުކުރުމުގެ މަސައްކަތް ކުރިއަށްދާއިރު އޭނާ ހުރީ ނިއުޔޯކްގެ ބްރުކްލިންގައި ހުންނަ މެޓްރޯޕޮލިޓަން ޑިޓެންޝަން ސެންޓަރުގައެވެ. އަދި, ކަފާލާތުގެ ދަށުން ދޫކޮށްލުމަށް އެދި އެތައް ފަހަރެއްގެ މަތީން ޑިޑީގެ ވަކީލުންގެ ޓީމުން ވަނީ ކޯޓަށް ހުށަހަޅާފައެވެ. އެންމެ ފަހުން ހުށަހެޅީ މިދިޔަ މަހުގެ ކުރީކޮޅުގައެވެ. ނަމަވެސް އެ ހުށަހެޅުން ވެސް ވަނީ ކޯޓުން ބާތިލުކޮށްފައެވެ.