މާވެލްގެ އެންމެ މަގުބޫލު ފްރެންޗައިޒް ކަމަށްވާ "ސްޕައިޑާމޭން"ގެ ހަތަރުވަނަ ބަޔަށް، ނެޓްފްލިކްސްގެ "ސްޓްރޭންޖާ ތިންގްސް"ގެ އެކްޓަރު ސޭޑީ ސިންކް ކާސްޓުކޮށްފިއެވެ.
ޓޮމް ހޮލެންޑް ލީޑުން ފެންނަ ސްޕައިޑާމޭން ފްރެންޗައިޒްގެ ހަތަރު ވަނަ ބަޔަކީ ގިނަ ބަޔަކު އިންތިޒާރު ކުރަމުން އަންނަ ފިލްމެކެވެ.
ފިލްމު ރިލީޒް ކުރާ ތާރީޚާ ގުޅޭގޮތުން ތަފާތު ވާހަކަތަކެއް ދެކެވިފައިވި ނަމަވެސް ފިލްމާ ގުޅޭގޮތުން މާ ގިނަ މައުލޫމާތުތަކެއް ހާމަކޮށްފައެއް ނުވެއެވެ. ނަމަވެސް ޕްރޮޑަކްޝަން ކުންފުނި ސޮނީއިން ވަނީ ދާދިފަހުން ފިލްމުގެ ކާސްޓާ ގުޅޭގޮތުން އާ މައުލޫމާތު ހިއްސާކޮށްފައެވެ.
ފިލްމުގެ މުހިއްމު ރޯލަކަށް ސޭޑީ ކާސްޓުކޮށްފައިވާކަން ހާމަކޮށްފައިވާއިރު މިއީ އާ ފިލްމުގެ ޕްލޮޓަށް ކޮންމެހެންވެސް ބޭނުންވާނެ ކެރެކްޓަރެއް ކުޅޭނެ އެކްޓަރެއް ކަމުގައި ސޮނީއިން ބުނެއެވެ. ނަމަވެސް ސޭޑީ ކުޅޭނެ ސީދާ ރޯލެއް ސޮނީއިން ހާމަކޮށްފައެއް ނުވެއެވެ.
ފިލްމު ރިލީޒް ކުރުން މިހާރު ވަނީ ދެ ފަހަރެއްގެ މަތީން ފަސްކޮށްފައެވެ.
ސޮނީ އިން ދާދި ފަހުން އާންމުކޮށްފައިވާ ގޮތުގައި ފިލްމު ނެރުމަށް ހަމަޖެހިފައިވަނީ އަންނަ އަހަރުގެ ޖުލައި މަހުގެ ތެރޭގައެވެ.
ސޮނީ އިން ބުނެފައިވަނީ އަންނަ އަހަރުގެ ޖުލައި 31ގައި ފިލްމު ޕްރިމިއާ ކުރާނެ ކަމަށެވެ. އަދި އެއާއެކު ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ފިލްމު އަޅުވާނެ ކަމަށްވެސް ސޮނީ އިން ވަނީ ބުނެފައެވެ.
މިއީ ސްޕައިޑާމޭން ފިލްމު ރިލީޒް ކުރުން ފަސްކުރި ތިންވަނަ ފަހަރެވެ. އެންމެ ފުރަތަމަ ފިލްމު އެޅުވުމަށް ހަމަޖެހިފައި އޮތީ މިއަހަރުގެ ފަހުކޮޅެވެ. ނަމަވެސް އެއަށްފަހު ފިލްމު އެޅުވުމަށް ހަމަޖެހިފައިވަނީ އަންނަ އަހަރުގެ ޖުލައި މަހުގެ 21ގައެވެ. އެންމެފަހުން ފިލްމު އަނެއްކާވެސް ޑިލޭ ކޮށްފައިވަނީ ފިލްމު ރިލީޒް ކުރުމަށް ބުނެފައިވާ އެންމެ ފަހުގެ ތާރީޚަށްވުރެ ހަފުތާއެއް ފަހަށެވެ.
ޓޮމް ހޮލެންޑްގެ އިތުރުން ޒެންޑެޔާ މުހިއްމު ރޯލުން ފެންނަ މި ފިލްމުގެ އިތުރަށް، އެ ދެ އެކްޓަރުން އެކުގައި ދަނީ އެހެން ފިލްމެއްގެ މަސައްކަތް ވެސް ކުރަމުންނެވެ. އެގޮތުން ދެ މީހުން އެކުގައި މިވަގުތު މަސައްކަތް ކުރަމުން އަންނަނީ މަޝްހޫރު ޑައިރެކްޓަރު ކްރިސްޓޮފާ ނޯލަންގެ އާ ފިލްމު "އޮޑެސީ"ގައެވެ. މި ފިލްމުގައި ދެމީހުން ވެސް މުހިއްމު ރޯލަކުން ފެނިގެންދާނެއެވެ. މި ފިލްމަކީ ގްރީކް މިތޯލޮޖީއަށް ބިނާކޮށް ތައްޔާރު ކުރާ ފިލްމެކެވެ.