ދުނިޔޭގެ އެންމެ މުއްސަނދި މީހާ އަދި ސޯޝަލް މީޑިއާ އެކްސްގެ ވެރިޔާ އީލޯން މަސްކްގެ ސަބަބުން މަގުބޫލު ޒުވާން ތަރިއަކަށް ގިނަ ބައެއްގެ ފަރާތުން މަރުގެ އިންޒާރުތަކެއް ރައްދުވެއްޖެއެވެ.
މަސްކު މީގެ ކުރީން ކޮށްފައިވާ ޓްވީޓެއްގެ ސަބަބުން އިނގިރޭސިވިލާތުގެ މަގުބޫލު އެކްޓަރު އަޔޯ އެޑެބިރީއަށް ވަނީ، މަސްކްއަށް ތާއިދު ކުރާ މީހުންގެ ފަރާތުން މަރުގެ އިންޒާރުތަކެއް ރައްދުވެފައެވެ.
އޭއެމްސީގެ "ބެއާ" ފަދަ މަގުބޫލު ޝޯތަކާއި "އިންސައިޑް އައުޓް" ފަދަ އުފެއްދުންތަކުގައި މުހިއްމު ރޯލުތަކެއް ކުޅެފައިވާ އަޔޯ ވަނީ އެވޯޑުތަކެއް ވެސް އޭނާގެ އެކްޓިންއަށް ހޯދާފައެވެ.
ނަމަވެސް މަސްކުގެ އަމަލުތަކާ ގުޅިގެން އަޔޯއަށް ވަނީ ސޯޝަލް މީޑިއާ ބޭނުން ކުރަން ހުއްޓާލަން ޖެހިފައެވެ. މި ހުރިހާ ކަމެއް ފެށިފައިވަނީ ބަޔަކު އުފެއްދި ދޮގު ޚަބަރަކާ އެކުގައެވެ.
އެކްސްގައި މަސްކަށް ސަޕޯޓު ކުރާ ކުޑަ އެކައުންޓަކުން ވަނީ އަޔޯ އާ ގުޅޭގޮތުން ދޮގު ޚަބަރެއް ފަތުރަން މަސައްކަތް ކޮށްފައެވެ. އެގޮތުން އެކައުންޓުގެ ޕޯސްޓުގައި ބުނަނީ ކުރިއަށް އޮތް "ޕައިރޭޓްސް އޮފް ކެރިބިއަން" ފްރެންޗައިޒްގެ ލީޑުން، ޖޮނީ ޑެޕްގެ ބަދަލުގައި ފެންނާނީ އަޔޯ ކަމަށެވެ. މި ޕޯސްޓު މާ ގިނަ މީހުންނަކަށް ފެނިފައެއް ވެސް ނުވެއެވެ.
ނަމަވެސް އެކްސްގެ އެންމެ ގިނަ ފޮލޮވަރުން ހުރި މަސްކްގެ އެކައުންޓުން ވަނީ މި ޕޯސްޓު ރީޓުވީޓްކޮށްފައެވެ. މީގެ ތެދު ދޮގު ބެލުމެއް ނެތި މަސްކު ޓްވީޓު ކުރީ މިއީ ވަރަށް "ކަމު ނުދާ" ކަމެއް ކަމަށް ބުނެއެވެ. އެއާކު މަސްކަށް ސަޕޯޓުކުރާ އެތައް ހާސް ފޭނުންތަކެއް އަޔޯއަށް ބިރު ދައްކައި އެތައް ހުތުރު ވާހަކަތަކެއް ދައްކަން ފެށިއެވެ. އަދި ބައެއް މީހުން އޭނާއަށް މަރުގެ އިންޒާރުތައް ވެސް ފޮނުވަން ފެށިއެވެ.
މަސްކް އަކީ އޭނާއަށް ތާއިދު ކުރާ މީހުންގެ ހިޔާލުތަކަށް ބާރުދިނުމަށްޓަކައި އެކި ފަހަރު މަތީން މިފަދަ ދޮގު މައުލޫމާތުތައް ފަތުރާފައިވާ މީހެކެވެ. އަދި އެކްސް ގަތުމަށްފަހު މިފަދަ އަމަލުތައް އޭނާގެ ސޯޝަލް މީޑިއާގައި ކުރިއަށް ވުރެ ގިނައިން ހިންގާފައިވެއެވެ.
މިކަމާ ގުޅިގެން އަޔޯ ބުނެފައިވަނީ މިހާތަނަށް ދިމާވި އެންމެ ބިރުވެރި ކަންތައްތަކުގެ ލިސްޓަށް މި ހާދިސާ ވެސް ފެތޭނެ ކަމަށެވެ. އަދި މިކަމާ ގުޅިގެން ބައެއް ސޯޝަލް މީޑިއާތައް އޭނާ ޑިލީޓްވެސް ކޮށްލި ކަމަށް އަޔޯ ބުންޏެވެ.