ޕްރައިވެޓައިޒޭޝަން ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ)ގެ ރައީސް ހަމްދީ އަގީލް މަގާމުން ވަކިކޮށްފިއެވެ.
ރައީސް އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދު މިއަދުވަނީ 'ސަން'އަށް އެކަން ކަށަވަރުކޮށްދެއްވާފައެވެ. ނަމަވެސް، ހަމްދީ މަގާމުން ވަކި ކުރި ސަބަބު ހާމައެއް ނުކުރައްވައެވެ.
ޕީސީބީގެ ރައީސަކަށް ހަމްދީ އައްޔަނުކުރެއްވީ ނޮވެމްބަރު 22، 2023ގައެވެ.
ހަމްދީއަކީ މީގެ ކުރިން ފިއުލް ސަޕްލައި މޯލްޑިވްސް (އެފްއެސްއެމް)ގެ މެނޭޖިން ޑިރެކްޓަރުކަމާއި މޯލްޑިވްސް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރުކަމުގެ މަގާމު ފުރުއްވާފައިވާ ބޭފުޅެކެވެ.
ހަމްދީ ވަނީ އޮސްޓްރޭލިއާގެ ކާޓިން ޔުނިވަސިޓީ އިން މާސްޓާ އޮފް ކޮމާސް ހާސިލު ކުރައްވައިފައެވެ.
ޕީސީބީގެ މެންބަރުން އައްޔަންކޮށް، ވަކިކުރައްވަނީ ވެސް ރައީސުލްޖުމްހޫރިއްޔާއެވެ.
ޕީސީބީގެ ރައީސް ވަކިކޮށްފައިވަނީ، ސަރުކާރުގެ ކުންފުނިތަކުގައި ޚަރަދު ކުޑަކުރުމަށާއި ރޯދަމަހުގެ އިނާޔަތް ފިޔަވައި އިތުރު އިނާޔާތްތައް ނުދިނުމަށް އަންގައި، އިއްޔެ ސާކިއުލާއެއް ނެރެފައި ވަނިކޮށެވެ.