ޓެކްސީ ލައިންގެ ޚިދުމަތް އޭޕްރީލް 2ގައި ފަށަނީ، ޚިދުމަތަށް ބޭނުންވާ 60 ކާރު ގެނެސްފި

ސަރުކާރު ޓެކްސީ ލައިންގައި ބޭނުންކުރާ ކާރެއް: ފުރަތަމަ 150 ކާރު ގެނެސްފި -- ފޮޓޯ/ އެމްޓީސީސީ

ދިވެހިރާއްޖޭގެ ސަރުކާރުން މުޅިން އަލަށް ތައާރަފްކުރާ ޓެކްސީ ލައިންގެ ޚިދުމަތް، އަންނަ އޭޕްރީލް މަހުގެ 2 ވަނަ ދުވަހު ރަސްމީކޮށް ފެށުމަށް މިހާރު ވަނީ ތާވަލުކޮށްފައެވެ. މި ޚިދުމަތަކީ ތިމާވެއްޓާ ރައްޓެހި، ސައްތައިން ސައްތަ އިލެކްޓްރިކް އުޅަނދުތައް ބޭނުންކޮށްގެން ދޭނެ ޚިދުމަތަކަށްވާއިރު، މިކަމަށް ބޭނުންވާ 150 ކާރު މިހާރު ރާއްޖެ ގެނެސްފައިވެއެވެ. މިއީ ރާއްޖޭގެ ދަތުރުފަތުރުގެ ނިޒާމު ހަރުދަނާކޮށް، ޒަމާނީ ޓެކްނޮލޮޖީގެ އެހީގައި ރައްޔިތުންނަށް ފަސޭހަ ޚިދުމަތެއް ފޯރުކޮށްދިނުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ މުހިންމު ފިޔަވަޅެކެވެ.

  • ސަރުކާރުގެ ޓެކްސީ ލައިންގެ ޚިދުމަތް އޭޕްރީލް 2 ގައި ރަސްމީކޮށް ފެށޭނެއެވެ
  • ޚިދުމަތަށް ބޭނުންވާ 150 އިލެކްޓްރިކް ކާރު މިހާރު ރާއްޖެ ގެނެސްފައިވެއެވެ
  • ޚިދުމަތް ހޯދުމަށް ޚާއްސަ އެޕްލިކޭޝަނެއް ބޭނުންކުރެވޭނެއެވެ
  • ޚިދުމަތާ ގުޅޭ ކަންކަމުގައި އެހީތެރިކަމަށް 1655 ހޮޓްލައިން ގާއިމުކޮށްފައިވެއެވެ
  • ޕާޓް ޓައިމް ޑްރައިވަރުންގެ ޕޫލަށް ވަނުމަށް މިހާރު ވަނީ ހުޅުވާލާފައެވެ

ސަރުކާރުގެ ޓެކްސީ ލައިންގެ ޚިދުމަތް އަންނަ މަހުގެ ދެވަނަ ދުވަހު ފަށަން ނިންމައި، އެ ޚިދުމަތަށް ބޭނުންވާ ކާރުތަކުގެ ފުރަތަމަ ބެޗު މިއަދު ރާއްޖެ ގެނެސްފިއެވެ.

ޓްރާންސްޕޯޓް މިނިސްޓްރީން 'އެކްސް'ގައި ހިއްސާކުރި ވީޑިއޯއެއްގައި ވަނީ އެ ކާރުތައް ދައްކާލައިފައެވެ.

'ސަން' އަށް މައުލޫތުމާތުދެއްވައި ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން ވިދާޅުވީ މިއަދު ގެނައި ކާރުތަކަކީ ޓެކްސީ ލައިންގެ ފުރަތަމަ ފޭސްގައި ބޭނުންކުރާ ކާރުތަކުގެ ދެބައިކުޅަ އެއްބައި ކަމަށެވެ. އަދި ބާކީ ކާރުތައް ކުރިއަށް އޮތް ހަތަރު ދުވަހުގެ ތެރޭ އަންނާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)އިން މިއަދު ބުނީ، އަންނަ މަހުގެ ދެވަނަ ދުވަހު ޓެކްސީ ލައިންގެ ޚިދުމަތް ފަށާނެ ކަމަށެވެ.

މި ޓެކްސީ ލައިންގައި ބޭނުންކުރުމަށް މިހާތަނަށް 60 ކާރު ގެނެސްފައިވާއިރު ބާކީ 90 ކާރު އަދި ގެންނާނެއެވެ. އޭގެ ތެރޭގައި ހިމެނެނީ:

  • ޗަންގަން އޮޓޯމޮބައިލް، އެސް.ސުމެއް.ފަހެއް - 60 ކާރު
  • ޗަންގަން އޮޓޯމޮބައިލް، ލުމިން އަދި އެސް.ސުމެއް.ހަތެއް - 90 ކާރު

ސަރުކާރުން ތައާރަފްކުރާ މި ޚިދުމަތުގައި ބޭނުންކުރާނީ ތިމާވެއްޓާއި ރައްޓެހި، ސައްތައިން ސައްތަ އިލެކްޓްރިކް ވެހިކަލް ހިމެނޭ ޓެކްސީތައް ކަމަށެވެ. އެގޮތުން 24 ގަޑިއިރު ޚިދުމަތް ދޭ ގޮތަށް ތައާރަފުކުރެވޭ މި ޓެކްސީ ޚިދުމަތް ދިނުމަށް އެކަމަށް ޚާއްސަ އެޕްލިކޭޝަނެއް އޮންނާނެ ކަމަށާއި އެ އެޕް މެދުވެރިކޮށް ޓެކްސީގެ ޚިދުމަތް ހޯދާ ފަރާތުގެ ލޮކޭޝަނާއި އެންމެ ގާތުގައިވާ ޓެކްސީ އެނގޭނެ ކަމަށް އެމްޓީސީސީން ވަނީ މީގެ ކުރިން ބުނެފައެވެ.

ސަރުކާރު ޓެކްސީ ލައިންގައި ބޭނުންކުރާ ކާރުތައް މިނިސްޓަރު އަމީން ބައްލަވައިލައްވަނީ -- ފޮޓޯ/ އެމްޓީސީސީ

އެމްޓީސީސީން އިތުރަށް ބުނީ ކަސްޓަމަރުންނަށް ދަތުރުކުރުމުގައާއި، އެޕް ބޭނުންކުރުމުގައި އަދި ދިމާވާ އެހެނިހެން ހާލަތްތަކުގައި އެހީތެރިކަން ފޯރުކޮށްދިނުމަށް ޚާއްސަ ހޮޓްލައިން ނަންބަރު، 1655 ގާއިމުކޮށްފައިވާނެ ކަމަށެވެ.

ޓެކްސީ ލައިނަށް ބޭނުންވާ ކާރުތަކުގެ ފުރަތަމަ ބެޗު ގެނައިއިރު އެމްޓީސީސީއިން މިއަދު ވަނީ ޓެކްސީ ލައިނުގެ ޚިދުމަތަށް ބޭނުންވާ ޕާޓް ޓައިމް ޑްރައިވަރުންގެ ޕޫލުގައި ދަފުތަރުވުމަށް ވެސް ހުޅުވާލައިފައެވެ.

ފާހަގަކޮށްލެވޭ ގޮތުގައި ސަރުކާރުގެ ޓެކްސީ ލައިންގެ ޚިދުމަތް ފެށޭނެ ކަމަށް ވިދާޅުވެ ޓްރާންސްޕޯޓް މިނިސްޓަރު މުޙައްމަދު އަމީން އެންމެ ފުރަތަމަ ދެއްވި ތާރީޚަކީ ނިމިދިޔަ އަހަރުގެ ޖުލައި މަހުގެ ފުރަތަމަ ހަފުތާއެވެ. އެއަށްފަހު، މިނިސްޓަރު ވަނީ އެ އަހަރުގެ ޖޫން މަހު، ޓެކްސީ ލައިންގެ ޚިދުމަތް ފެށޭނީ އޮގަސްޓު މަހު ކަމަށް ވިދާޅުވެފައެވެ.

https://sun.mv/219615

ނަމަވެސް، މިނިސްޓަރު ދެއްވި ދެ މުއްދަތުގައި ވެސް ޓެކްސީ ލައިންގެ ޚިދުމަތް ފެށިފައެއް ނުވެއެވެ.

މި މަހުގެ ހަތަރެއްގައި މިނިސްޓަރު ވަނީ އިތުރު ތާރީޚެއް ދެއްވައިފައެވެ. މިގޮތުން، ފިޠުރު ޢީދުގައި ޓެކްސީ ލައިންގެ ޚިދުމަތް ފަށަން މަސައްކަތް ކުރައްވާ ކަމަށް އޭރު މިނިސްޓަރު ވިދާޅުވިއެވެ.

އެކަމަކު، ޓްރާންސްޕޯޓް މިނިސްޓްރީން 'ސަން'އަށް ބުނީ، އީދަށް ޓެކްސީ ލައިންގެ ޚިދުމަތް ނުފެށޭނެ ކަމަށެވެ. ނަމަވެސް، މި މަހު ޓެކްސީ ލައިންގެ ޚިދުމަތް ފެށޭނެ ކަމަށް އެ މިނިސްޓްރީން ބުންޏެވެ.

comment ކޮމެންޓް