ދިވެހި ރާއްޖޭގެ އެންމެ މަތީ ކޯޓު ސުޕްރީމްކޯޓުގެ ފަނޑިޔާރުކަމަށް ކުރިމަތިލުމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ން މުއްދަތު އިތުރުކޮށް އަލުން ހުޅުވައިލައިފިއެވެ.
އެ ކޯޓުގެ ހަތް ފަނޑިޔާރުންގެ ތެރެއިން ހުސްނުއްސުއޫދު މިދިޔަ އަންގާރަ ދުވަހު ވަނީ އިސްތިއުފާ ދެއްވާފައެވެ.
ޖޭއެސްސީން މިއަދު އަލުން ކުރި އިއުލާނެއްގައި ވަނީ، ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް ކުރިމަތިލާން އެދޭ ފަރާތްތަކަށް އެ ފުރުސަތު ހުޅުވާލައިފައިވާ ކަމަށެވެ.
ނަމަވެސް ހޯމަ ދުވަހު ކުރި އިއުލާނާ ގުޅިގެން ފޯމު ހުށަހެޅި މީހުން، އަލުން ފޯމު ހުށަހަޅަން ނުޖެހޭނެކަމަށް ވަނީ ބުނެފައެވެ.
އަލުން އިއުލާނުކޮށްފައިވާއިރު އަންނަ ހޮނިހިރު ދުވަހުގެ ހެނދުނު 10:00 އާ ހަމައަށް އެޕްލިކޭޝަން ހުށަހެޅުމުގެ ފުރުސަތު އޮންނާނެއެވެ.
އެޕްލިކޭޝަން ހުށަހަޅާނީ ކޮމިޝަނުގެ ފަހިރެސް ޕޯޓަލް މެދުވެރިކޮށެވެ.
ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރަކު މިހާރު ހުންނެވީ ޖޭއެސްސީން ސަސްޕެންޑުކޮށްގެން ސަސްޕެންޝަނުގައެވެ. އެއީ ފަނޑިޔާރު ޑރ. މަހާޒު އަލީ ޒާހިރާއި، ޑރ. އަޒްމިރަލްދާ ޒާހިރެވެ.
ފަނޑިޔާރުކަމުގައި ހުންނަވަނިކޮށް ހުސްނުއްސުއޫދު ވެސް ސްޕެންޑުކުރިއެވެ. އޭނާ އިސްތިއުފާ ދެއްވީ ސަސްޕެންޝަނުގައި ހުންނަވަނިކޮށެވެ.
މީގެ އިތުރުން އިއްޔެ ވަނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ބެންޗު ފަހަކަށް ކުޑަކުރުމުގެ ބިލާމެދު އަލުން ވިސްނުމަށް އެދިވަޑައިގެން ރައީސް ޑރ. މުހައްމަދު މުއިއްޒު، އެ ބިލު އަނބުރާ މަޖިލީހަށް ފޮނުއްވައިފައެވެ.