ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ން ތަހުގީގު ކުރަމުންދާ މައްސަލައިގައި ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރު އެ ކޮމިޝަނަށް ހާޒިރުކުރިއިރު އެ ކަމަނާގެ ވަކީލަށް ފުރުސަތު ނުދޭތީ، ކުރީގެ ދެ ބަންޑާރަނައިބުން ކަމަށްވާ އާއިޝަތު އާޒިމާ ޝަކޫރާއި ފާތިމަތު ދިޔާނާ ސައީދު ފާޑުވިދާޅުވެއްޖެއެވެ.
ޖޭއެސްސީން އަންނަނީ، މިދިޔަ މަހުގެ 26ގައި އެ ކޮމިޝަނުން ސަސްޕެންޑުކުރި ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރުން ކަމަށްވާ އަޒްމިރަލްދާއާއި މަހާޒް އަލީ ޒާހިރުގެ މައްސަލައެއް ބަލަމުންނެވެ.
އެ މައްސަލައިގައި ތުހުމަތު ކުރަނީ، މިދިޔަ ޑިސެމްބަރު މަހު އަޒްމިރަލްދާގެ ފިރިކަލުން ޑރ. އިސްމާއީލް ލަތީފް ހައްޔަރުކުރުމުން އޭނާ ދޫކޮށްލުމަށް ކްރިމިނަލް ކޯޓަށް ނުފޫޒު ފޯރުވި ކަމަށެވެ.
އެ ތުހުމަތުތަކަށް ޖަވާބުދާރީވުމަށް މިދިޔަ އާދިއްތަ ދުވަހު މަހާޒު ހާޒިރުކުރުމަށްފަހު އިއްޔެ އަޒްމިރަލްދާ ވަނީ ހާޒިރުކޮށްފައެވެ. އަޒްމިރަލްދާއަށް ޖަވާބުދާރީވާން ދިން ފުރުސަތުގައި، އޭނާގެ ގާނޫނީ ވަކީލަށް ވާހަކަ ދެއްކުމުގެ ފުރުސަތު އެއްވެސް ވަރަކަށް ނުދެވޭނެ ކަމަށް ކޮމިޝަނުން ބުނި ކަމުގެ ކަންބޮޑުވުން، އޭނާގެ ގާނޫނީ ވަކީލު އިބްރާހިމް ޝަމީލް ވަނީ ފާޅުކުރައްވައިފައެވެ.
އެ މައްސަލައާ ގުޅިގެން އާޒިމާ ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ޖޭއެސްސީއަކީ އެހެން މުއައްސަސާތަކާ ޚިލާފަށް، "ފަހު މަރުހަލާގެ ތަހުގީގު" ކުރާ މުއައްސަސާއެއް ކަމަށާއި އެ މުއައްސަސާގެ ނިންމުމުގެ މައްޗަށް ބިނާކޮށް ފަނޑިޔާރުން ވަކިކުރަނީ، ދިފާއުވުމަށް ފަނޑިޔާރަށް އިތުރު ފުރުސަތެއް ނުދީ ކަމަށެވެ.
އޭނާ ވިދާޅުވީ ގާނޫނީ ވަކީލެއްގެ އެހީތެރިކަން އެންމެ ފުރިހަމައަށް ލިބިގަތުމަކީ ކޮންމެ މީހެއްގެ ހައްގެއް ކަމަށްވާއިރު، އެއީ ސްޓޭޓް އޮފް އެމަޖެންސީއެއްގައި ވެސް ހަނިނުކުރެވޭނޭ ހައްގެއް ކަމަށެވެ.
"ފަނޑިޔާރާމެދު ކުރެވިފައިވާ ތުހުމަތުތައް ފުރިހަމައަށް ތަހުގީގު ކުރެވެން ޖެހެއެވެ. އެކަމާ ދެބަސްވުމެއް ނެތެވެ. ހަމައެއާއެކު ފަނޑިޔާރުގެ އިޖުރާޢީ އަދި އަސާސީ ހައްގުތައް ކަށަވަރުކުރެވެންޖެހޭނެއެވެ." އާޒިމާ ވިދާޅުވިއެވެ.
އެހެންވެ، އޭނާވަނީ އަޒްމިރަލްދާއަށް ގާނޫނުއަސާސީން ލިބިދީފައިވާ ގާނޫނީ ވަކީލެއްގެ އެހީތެރިކަން ލިބިގަތުމުގެ ހައްގު އެއްވެސް ގޮތަކުން އުނިނުކުރުމަށް ޖޭއެސްސީއަށް ގޮވާލައްވައިފައެވެ.
އެ މައްސަލައިގައި ނުރުހުން ފާޅުކުރައްވައި ދިޔާނާ ތުހުމަތުކުރެއްވީ ސަރުކާރުން ސުޕްރީމް ކޯޓަށް ނުފޫޒު ފޯރުވަމުން ގެންދާ ކަމަށެވެ. އަދި މެންބަރުން ޕާޓީ ބަދަލުކުރުމުން ގޮނޑި ގެއްލޭ އިސްލާހު ބާތިލުކުރުމަށް އެދި ސުޕްރީމް ކޯޓަށް ހުށަހަޅައިފައިވާ މައްސަލައިގައި، ރައީސް އޮފީހުގައި ކޮމިޓީއެއް ހަދައިގެން މައްސަލަ ނިންމަންވީ ކަމަށް ވިދާޅުވެ ފާޑުވިދާޅުވިއެވެ.
"ތިގޮތަށް އަތްޕުޅު ބާނުއްވަން ނަމެއްގަައި ކޯޓެއް ނުބޭއްވުން މާ ރަނގަޅު،" އޭނާ ވިދާޅުވިއެވެ.
ޖޭއެސްސީން ބަލަމުންދާ މައްސަލައިގައި މަހާޒާއި އަޒްމިރަލްދާ ވެސް ވަނީ ތުހުމަތުތަކަށް އިންކާރު ކުރައްވައިފައެވެ. އެ މައްސަލައިގެ އަޑުއެހުން ހުޅުވާލައިގެން ކުރިއަށްގެންދިޔުމަށް އަޒްމިރަލްދާ އެދިވަޑައިގަތް ނަމަވެސް، އެކަމަށް ޖޭއެސްސީން އިޖާބަދީފައިނުވެއެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުން މިމަހުގެ ހަތަރު ވަނަ ދުވަހު އިސްތިއުފާ ދެއްވި ހުސްނުއްސުއޫދާއެކު މަހާޒާއި އަޒްމިރަލްދާ ސަސްޕެންޑުކުރީ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ން ބަލަމުންދާ ޖިނާއީ މައްސަލައެއް އޮތް ކަމަށް ބުނެއެވެ.
އެ ބޭފުޅުން ސަސްޕެންޑުކުރީ، މެންބަރުންގެ ގޮނޑި ގެއްލުމުގެ އިސްލާހު ބާތިލުކުރުމަށް ހުށަހަޅައިފައިވާ މައްސަލައިގައި ވަގުތީ އަމުރެއް ނެރުމާ ގުޅޭ ގޮތުން އަޑުއެހުމެއް ބޭއްވުމަށް ކުޑަތަން ވެފައި ވަނިކޮށް ކަމަށްވާއިރު، އަޒްމިރަލްދާއާއި ސުއޫދު ވެސް ވަނީ އެ މައްސަލައަށް ސަރުކާރުން ނުފޫޒު ފޯރުވަން މަސައްކަތް ކުރާ ކަމަށް ތުހުމަތު ކުރައްވައިފައެވެ.
comment ވޯލް
1 month 4 day ago
ދައުލަތުގެ އެންމެ މަތީ ކޯޓުގެ ފަންޑިޔާރެއްގެ މައްސަލަ ބެލުމުގައި މިފަދަ ނުރަގަޅު ކަމެއް ހިންގާގެން ދާއިރު ކުރިން ބަންޑާރަ ނައިބުކަން ކުރި މީހުން އެކަމާ ކަންބޮޑުވުން ފާޅުކުރާއިރު. މިއަދުގެ ބަންޑާރަ ނައިބުގެ ކަންބޮޑުވުން މިކަމުގައި އޮތް ތަނެއް ނުފެނުމަކީ ވަރަށް ހިތާމަވެރިކަމ،ެއް.
comment އަހްމަދުު
1 month 4 day ago
ކަމަނާ މޭޔަރު ކަމަށް ހޮވުނުނަމަ ތިގޮތަށް ފާޑު ކިޔާނަންތޯ؟
comment ވޯލް
1 month 4 day ago
ދައުލަތުގެ ބަނޑަރަ ނައިބު އިންނަވާ ކޮމިޝަންއެއްގެ ތަހުޤީޤް ކޮމިޓީގައި މިފަދަ ކަމެއް ހިނގިކަން ނޫސްތަކުންނާ ސޯޝަލް މީޑިއާއިން ފެންނާނެ އަދި އެކަން އެނގުމުން ވަގުތުން އެކަން ރަގަޅު ކުރަން ބަންޑަރަ ނައިބު އިސްވެ މަސައްކަތް ކުރަންޖަހޭނެ ސަބަބަކީ ޤާނޫނޫ އަސާސީގައި "ހުރިހާ" ރައްޔިތުންނަށް ދީފައިވާ ހަޢްޤަކަށް ހުރަސް އެޅި އަމަލު ހިންގު ތަނަކަށް ބަންޑަރަ ނައިބުވެސް ނިސްބަތްވާތީ. އަދި އޭނާގެ އެންމެ ބޮޑު މަސްއޫލިއްޔަތަކީ ޤާނޫނު އަސާސީ އިން ކަށަވަރުކޮށްދޭ ހަޢްޤުތައް "ހުރިހާ" ރައޔިތުންނަށް ހަމަހަމަކަމާއެެކު ކަށަވަރުކޮށް ދިނުން.
comment ޤާނޫނީ ވަކީލެއް
1 month 4 day ago
ޖުޑީޝަލް ސަރވިސް ކޮމިޝަނުން ކުރަމުންދާ ތަޙުޤީޤެއްގައި، ޤާނޫނު އަސާސީން ކަށަވަރުކޮށްދީފައިވާ އަސާސީ ޙައްޤެއް ކަމުގައިވާ ޤާނޫނީ ވަކީލެއްގެ އެހީތެރިކަން ލިބުމުގެ ފުރުޞަތު ދީފައި ނުވާކަމަށް ބުނުމުން، މިޤައުމުގައި ދެން އިންސާފު ލިބުމެއް ނެތްކަން މިހާރު ގަބޫލުކުރަން ޖެހިއްޖެއެވެ. އެންމެ ރަނގަޅުވާނެ ކަމަށް ގިނަ ރައްޔިތުން އުންމީދުކުރި ވެރިކަމުގައި މިގޮތަށް އެތައް ކަމެއް މިދަނީ ބިލާހަކަށް ވަމުންނެވެ. ހިތާމައިގެ ކޮޅެއްނެތެވެ. އިތުބާރު ކުރާނެ ވެރިޔަކުވެސް ނެތެވެ.