ޖޭއެސްސީއަށް އަޒްމިރަލްދާ ދެއްވި ބަޔާނުގައި، ނުފޫޒު ފޯރުވިކަމުގެ ތުހުމަތު އުޝާމަށް

ސުޕްރީމްކޯޓުގެ ފަނޑިޔާރު ޑރ. އަޒްމިރަލްޑާ ޒާހިރު: ޖޭއެސްސީއަށް އަޒްމިރަލްދާ ދެއްވި ބަޔާނުގައި، ނުފޫޒު ފޯރުވިކަމުގެ ތުހުމަތު އުޝާމަށް ވަނީ ކުރައްވައިފައި --- ފޮޓޯ/ ރައީސް އޮފީސް

ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ން ތަހުގީގު ކުރަމުންދާ މައްސަލައިގައި ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރު މިއަދު އެ ކޮމިޝަނަށް ހާޒިރުވެ، ބަޔާން ދެއްވައިފިއެވެ.

ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރަކު މި ވަގުތު ހުންނެވީ ޖޭއެސްސީން ސަސްޕެންޑުކޮށްގެން ސަސްޕެންޝަނުގައެވެ. އެއީ ފަނޑިޔާރު މަހާޒު އަލީ ޒާހިރާއި، އަޒްމިރަލްދާއެވެ.

މި ދެ ފަނޑިޔާރުންނަށް ތުހުމަތު ކުރަނީ، އަޒްމިރަލްދާގެ ފިރިކަލުން ޑރ. އިސްމާއީލް ލަތީފް މިދިޔަ ޑިސެމްބަރު މަހުގެ ތެރޭގައި ހައްޔަރުކުރުމުން، އޭނާ ދޫކޮށްލުމަށް އެދި ކްރިމިނަލް ކޯޓަށް ނުފޫޒު ފޯރުވަން މަސައްކަތް ކުރިކަމަށެވެ.

މި މައްސަލައިގައި މިދިޔަ އާދިއްތަ ދުވަހު މަހާޒު ވަނީ ޖޭއެސްސީއަށް ހާޒިރުކޮށްފައެވެ. އެއާއެކު މިއަދު އަޒްމިރަލްދާ ވެސް ޖޭއެސްސީއަށް ހާޒިރުކޮށް އޭނާގެ ބަޔާން ވަނީ ނަގައިފައެވެ.

ޖޭއެސްސީގެ ތަހުގީގަށް މިއަދު ހެނދުނު އަޒްމިރަލްދާ ހާޒިރުވުމާ ގުޅިގެން އޭނާގެ ފަރާތުންވަނީ އެ ބައްދަލުވުމުގައި ކަންހިނގައިދިޔަ ގޮތުގެ މައުލޫމާތު ހިއްސާކޮށްފައެވެ.

https://sun.mv/203559

އަޒްމިރަލްދާގެ ވަކީލުން ހިއްސާކުރި މައުލޫމާތުގައިވަނީ، ސުޕްރީމް ކޯޓުން ބަލަމުންދިޔަ ދުސްތޫރީ މައްސަލައާ ގުޅިގެން އެޓާނީ ޖެނެރަލް (އޭޖީ) އަހުމަދު އުޝާމް، އެހެން ފަރާތެއް މެދުވެރިކޮށް އަޒްމިރަލްދާއަށް މެސެޖެއް ޕާސްކުރި ކަމަށެވެ.

އަދި އެ މައްސަލައިގެ އިޖުރާއީ އިއުތިރާޒާ ގުޅިގެން ރައީސް ޑރ. މުހައްމަދު މުއިއްޒު ވަރަށް ކަންބޮޑުވެ ވަޑައިގެން ހުންނެވިކަމާއި، އިޖުރާއީ އިއުތިރާޒާ ހަމައިން މައްސަލަ ނިމޭނެ ކަމަށް އުންމީދު ކުރައްވައިގެން ހުންނެވި މޭރުމަކުން ވާހަކަ ދެއްކެވި ކަމަށް އަޒްމިރަލްދާ ޖޭއެސްސީގައި ވިދާޅުވިއެވެ.

އެހެން މީހަކު މެދުވެރިކޮށް އޭޖީ ޕާސްކުރެއްވި މެސެޖުގައި، ސުޕްރީމް ކޯޓަށް ނުފޫޒު ފޯރުވަން ބޭނުން ނުވާކަމަށް ވިދާޅުވި ނަމަވެސް، ސުޕްރީމް ކޯޓުގައި ހިނގަމުންދާ ދުސްތޫރީ މައްސަލައާ ގުޅޭ ގޮތުން ވާހަކަތަކެއް ދެއްކެވި ކަމަށް އަޒްމިރަލްދާގެ ފަރާތުންވަނީ ބުނެފައެވެ.

ބަންޑާރަނައިބު އަހުމަދު އުޝާމް، ރައީސް މުއިއްޒާ އެކު: ދެ ބޭފުޅުންނަށް ވެސްވަނީ، ސުޕްރީމް ކޯޓަށް ނުފޫޒު ފޯރުވަން މަސައްކަތް ކުރުމުގެ ތުހުމަތުކޮށްފައި -- ފޮޓޯ/ ސަރުކާރު

ޖޭއެސްސީގެ ކުރީގެ ރައީސް ހިސާން ހުސައިންގެ ދައުރުގައި އަޒްމިރަލްދާގެ ސުލޫކީ މައްސަލައެއް ނުބަލައި، "ޕާކްކޮށްފައި" އެބައޮތްކަމަށާއި، އެ މައްސަލަ ވެސް ސުލޫކީ މައްސަލައެއްގެ ގޮތުގައި ނަގައި އަދި ވެސް ބެލިދާނެ ކަމަށް ވެސް އެ މެސެޖުގައި އޮތް ކަމަށް ބުނެފައިވެއެވެ.

އެއީ ސީދާ ސަރުކާރުގެ ފަރާތުން އައި މެސެޖެއް ނޫން ނަމަވެސް ގަބޫލުކުރެވެނީ އެހެން މީހަކު މެދުވެރިކޮށް މައްސަލައިގައި އަޒްމިރަލްދާއަށް ނުފޫޒެއް ފޯރުވަން މަސައްކަތް ކުރީ ކަމަށް ވިދާޅުވެ ފަނޑިޔާރު މިއަދު ވަނީ ޖޭއެސްސީގައި ވާހަކަ ދައްކަވައިފައެވެ.

މި މައްސަލައިގައި "ސަން"އާ ވާހަކަ ދައްކަވަމުން އަޒްމިރަލްދާގެ ވަކީލު، އިބްރާހިމް ޝަމީލް ވިދާޅުވީ އަޒްމިރަލްދާ ފަނޑިޔާރުންތަކަކަށް ގުޅުއްވައިގެން ނުފޫޒު ފޯރުވިކަމަށް ތުހުމަތުކުރާއިރު، އެ ކަމާ ގުޅޭ ސުވާލެއް ވެސް ޖޭއެސްސީން ކޮށްފައިނުވާ ކަމަށެވެ.

"ފަނޑިޔާރަށް ފޮނުއްވި ނޯޓިސްގައި ވެސް ވިދާޅުވެފައި އޮތީ ކްރިމިނަލް ކޯޓުގެ ފަނޑިޔާރަކަށް ނުވަތަ ފަނޑިޔާރުންތަކަކަށް ގުޅުއްވި ކަމަށް. އެހެން ނަމަވެސް ގުޅުއްވީ ކޮން ފަނޑިޔާރަކަށް ކަމެއް، ކޮން ގަޑިއެއްގައި ކަމެއް، ކިހިނެއް ކަމެއް، މި ކަހަލަ އެއްވެސް ސުވާލެއް ވެސް އެ ބޭފުޅުން ނުއެއް ކުރައްވާ. އެހެންވީމަ އަޅުގަނޑުމެންނަށް ގަބޫލު ކުރެވޭ ގޮތުގައި ހަގީގަތުގައި ތުހުމަތަކަށް ވެސް ނުވާ ކަމެއްގައި ފަނޑިޔާރު ސަސްޕެންޑު ކުރައްވައިގެން ޖޭއެސްސީން ތަހުގީގު ކުރިޔަށް މި ގެންދަވަނީ،" ޝަމީލް ވިދާޅުވިއެވެ.

މިއަދު ހެނދުނު ޖޭއެސްސީއަށް ދެއްވި ބަޔާނުގައި ސޮއިކުރުމަށް މެންދުރުފަހު 13:00ގައި އަނެއްކާ ވެސް ވަޑައިގެން، ބަޔާނުގައި އިސްލާހުކުރަންޖެހޭ ގިނަ ކަންކަން ފާހަގަވާން ހުރުމުން، އެ ކަންކަން އިސްލާހުކޮށް ބަޔާން ފޮނުވައިދިނުމަށް އަޒްމިރަލްދާވަނީ ޖޭއެސްސީގައި އެދިވަޑައިގެންފައެވެ.

މި މައްސަލައިގައި އިއްޔެ އަޒްމިރަލްދާ ވަނީ އޭނާގެ މައްޗަށް ޖިނާއީ ތަހުގީގެއް ހިންގާ ކަމަށް ބުނެ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ން ޖޭއެސްސީއަށް ސިޓީއެއް ފޮނުވީ އެފަދަ ތަހުގީގެއް ނުފަށަނީސް، އޭސީސީގެ ރައީސް އާދަމް ޝާމިލްގެ މަގާމު ދިފާއު ކުރުމުގެ ބޭނުމުގައި ކަމަށް ވިދާޅުވެ ތުހުމަތެއް ވެސް ކުރައްވައިފައެވެ. އެހެންވެ، އެ މައްސަލަ ބަލައި ދިނުމަށް ވެސް އޭސީސީގައި އޭނާ ވަނީ އެދިވަޑައިގެންފައެވެ.

ސުޕްރީމް ކޯޓުން ބަލަމުންދާ ދުސްތޫރީ މައްސަލައަކީ، މަޖިލިސް މެންބަރުން ޕާޓީން ވަކިކުރުމުންނާއި ވަކިވުމުން ގޮނޑި ގެއްލޭ ގޮތަށް، ވެރިކަން ކުރާ ޕީއެންސީގެ އަޣުލަބިއްޔަތު އޮންނަ މަޖިލީހުން ފާސްކުރި އިސްލާހު ބާތިލުކުރުމުގެ މައްސަލައެވެ.

އެ މައްސަލައިގެ ވަގުތީ އަމުރެއް ނެރެން އެދުމުން، އެކަމާ ގުޅޭ އަޑުއެހުމެއް މިދިޔަ މަހުގެ 26ގައި ބާއްވަން ތާވަލުކޮށްފައި ވަނިކޮށް ފަނޑިޔާރު އަޒްމިރަލްދާއާއި މަހާޒުގެ އިތުރު އެއިރު ބެންޗުގައި ހިމެނިވަޑައިގެންނެވި ހުސްނުއްސުއޫދު ވެސް ސަސްޕެންޑުކުރީއެވެ.

https://sun.mv/203289

އެ މައްސަލައިގައި ސުއޫދު ވަނީ މިމަހުގެ ހަތަރު ވަނަ ދުވަހު މަގާމުން އިސްތިއުފާ ދެއްވައިފައެވެ. އިސްތިއުފާގެ ސިޓީގައި އޭނާވަނީ ރައީސާއި އުޝާމާއި އޭސީސީއާއި ޖޭއެސްސީން ސުޕްރީމް ކޯޓަށް ނުފޫޒު ފޯރުވަން މަސައްކަތް ކުރާ ކަމަށް ތުހުމަތު ކުރައްވައިފައެވެ.

comment ކޮމެންޓް