އޮފީސް އިމާރާތަށް ފެން ފައިބައިގެން ފޫ ޖަހާފައިވާތީ، މުވައްޒަފުން މަސައްކަތް ކުރުމަށް ގިނަ ދަތިތަކެއް ދިމާވާ ކަމަށް އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީސް (އައިކޮމް)އިން މިއަދު ބުނެފިއެވެ.
އައިކޮމްއިން މިއަދު ނެރުނު މިދިޔަ އަހަރުގެ އަހަރީ ރިޕޯޓުގައި ވަނީ، އެ އޮފީސް ހިންގަމުންދާ ގ. ބިއްލޫރިޖެހިގޭ އިމާރާތުގެ ހާލަތު ތަފުސީލުކޮށް ކިޔައިދީފައެވެ.
ދެހާސް ފަނަރަ ވަނަ އަހަރު އެ އިމާރާތަށް ބަދަލުވީ ގިނަ މަރާމާތުތަކެއް ކޮށްގެން ކަމަށް އެ ރިޕޯޓުގައި ބުނެފައިވެއެވެ. ނަމަވެސް، ގިނަ ދުވަސްތަކެއް ނުވެ، ފާހާނާއާއި ސައިކޮޓަރީގެ އެކި ހިސާބުތަކަށް ފެން ފޭބުމާއި އިމާރާތުގައި ފޫ ޖެހުމުގެ އުނދަގޫތަކާ ކުރިމަތިވާން ފެށިއެވެ. އެތައް ފަހަރަކު މަރާމާތު ކުރި ނަމަވެސް ދެތިން މަހުގެ ތެރޭގައި ކުރީގެ ހާލަތަށް ބަދަލުވާ ކަމަށް އައިކޮމްއިން ބުނެފައިވެއެވެ.
އޭގެއިތުރުން، މިހާރު ވެސް އޮފީހުގެ އެކި ތަންތަނުގައި ފޫ ޖަހައި، އެކި ދަތިތައް ކުރިމަތިވަމުން އަންނަ ކަމަށް އެ އޮފީހުން ވަނީ ބުނެފައެވެ.
މިހާރުގެ ހާލަތަށް ބަލާއިރު، ފާހަނާއާއި ސައިކޮޓަރީގެ އިތުރުން، ބައްދަލުވުންތަކާއި އަޑުއެހުންތައް ބޭއްވުމަށް އޮފީހުގައި ހުރި ހަމައެކަނި މީޓިން ރޫމް ތެރެއަށް ވެސް ފެނުގެ އަސަރުކޮށް، ހުޅަނގު ފަރާތު ފާރާއި ކާޕެޓު ހަލާކުވަމުން ދިޔުމާއި ނުސާފު ފެނުގެ ސަބަބުން ދުވާ ވަހުން މީޓިން ރޫމް ވެސް ބޭނުންކުރަން ވަނީ ދަތިވެފައެވެ.އައިކޮމްގެ އަހަރީ ރިޕޯޓު
އެހެންވެ، ޖަނަވަރީ، 2017 އިން ފެށިގެން ކަމާ ބެހޭ އިދާރާތަކުގައި އެކަމަށް ހައްލެއް ހޯދައިދިނުމަށް އެދި ތަކުރާރުކޮށް އެދެމުން އަންނަ ކަމަށް އައިކޮމްގެ އަހަރީ ރިޕޯޓުގައިވެއެވެ.

އައިކޮމްގެ އޮފީސް އިމާރާތް ---- ފޮޓޯ/ އައިކޮމްގެ އަހަރީ ރިޕޯޓު
އޮކްޓޫބަރު 2024ގައި، އޮފީސް އިމާރާތެއް ކުއްޔަށް ހިފުމުގެ ހުއްދައެއް ފިނޭންސް މިނިސްޓްރީން އެ އޮފީހަށް ދިނުމާ ގުޅިގެން ތަނެއް ހޯދަން ގިނަ މަސައްކަތްތަކެއް ކުރި ކަމަށާއި އިއުލާނުކޮށްގެން ތަނެއްގެ އަގު ބެލި ކަމަށް ބުނެެފައިވެއެވެ.
އެކަމަކު، ބިޑުގެ އަގު 7.6 މިލިއަނަށް ވުރެ ބޮޑުވާތީ، ދައުލަތުގެ މާލިއްޔަތުގެ ގަވައިދުގައިވާ ގޮތުގެ މަތީން ބިޑާ މެދު ގޮތެއް ނިންނަން ނޮވެންބަރު 19، 2024ގައި ފިނޭންސް މިނިސްޓްރީއަށް އައިކޮމްއިން ފޮނުވިއެވެ.
އޭގެފަހުން، ބައެއް މައުލޫމާތު އިތުރަށް ސާފުކުރުމަށް ފަހުގައި، އޮފީސް ޖާގައެއް ހޯދަން އިއުލާނު ކުރާނީ ޓެންޑާ ބޯޑުން ކަމަށް ނިންމާފައިވީ ނަމަވެސް، މިހާތަނަށް އައިކޮމް ހިންގާނެ އިމާރާތެއް ހޯދަން ޓެންޑާ ބޯޑުން ނިންމާފައިނުވާ ކަމަށް އަހަރީ ރިޕޯޓުގައި ވަނީ ފާހަގަކޮށްފައެވެ.

އައިކޮމްގެ އިމާރާތް: އެތަނުގައި ފޫޖަހައި، ނުބައި ވަސްދުވާތީ މުވައްޒަފުންނަށް ގިނަ ދަތިތަކެއް ކުރިމަތިވޭ ---- ފޮޓޯ/ އައިކޮމްގެ އަހަރީ ރިޕޯޓު
އައިކޮމްއިން އިތުރަށް ބުނީ، އޮފީހަށް ކުރިމަތިވެފައިވާ ހާލަތާ ގުޅިގެން އެ މާހައުލަކީ ސިއްހީ ގޮތުން އެންމެ އެކަށީގެންވާ މާހައުލަކަށް ނުވާތީއާއި ފާހަނާއާއި ސައިކޮޓަރި ބޭނުންކުރުމުގައި ބޮޑެތި ދަތިތަކެއް ހުރުމުން އޮފީހުގެ މަސައްކަތްތައް ރަސްމީ ގަޑީގައި މިހާރު ކުރަނީ ދެ ދަންފަޅިއަކަށް ބަހާލައިގެން ކަމަށެވެ.
"އެއްބަޔަކު އޮފީހަށް ނުކުންނަނީ އަށަކުން އެގާރައަށް. އަނެއް ބަޔަކު އެގާރައިން ދެއަކަށް. އޮފީހަކަށް ނުނިކުންނަ މުވައްޒަފުން މަސައްކަތް ކުރަމުން ގެންދަނީ ގޭގައި ތިބެގެންނެވެ." އައިކޮމްއިން ބުނެފައިވެއެވެ.
އެގޮތަށް މަސައްކަތް ކުރަން ޖެހުމުން އޮފީހުގެ މަސައްކަތްތައް އެންމެ އެދެވޭ ގޮތުގައި ކުރިއަށް ގެންދަން އައިކޮމްއަށް ގިނަ ދަތިތަކެއް ކުރިމަތިވާއިރު، އޮފީހުގެ ޖާގައިގެ ސަބަބުން ބައެއް މުވައްޒަފުން މަސައްކަތް ކުރަމުން ދަނީ މީޓިން ރޫމުގައި ކަމަށް އެ އޮފީހުން ބުނެފައިވެއެވެ.