އިންޑިއާގެ ކުރީގެ ބަތަލާ ސްރީދޭވީގެ އެންމެ ފަހު ފިލްމު ކަމަށްވާ "މަމް"ގެ ސީކުއަލްއެއް އުފައްދަން ރާވަމުން އަންނަ ކަމަށް ޕްރޮޑިއުސަރު އަދި ސްރީދޭވީގެ ފިރިމީހާ ބޮނީ ކަޕޫރު ބުނެފިއެވެ.
ފިލްމު އިންޑަސްޓްރީގެ ގިނަ ބަޔަކު ބައިވެރިވާ އައިފާ އެވޯޑަށް 25 އަހަރު ފުރުން ފާހަގަކުރުމަށް ބޭއްވި ހަފުލާގައި ވާހަކަދައްކަމުން ބޮނީ ބުނެފައިވަނީ "މަމް"ގެ ސީކުއަލް އުފައްދަން ރާވާފައިވަނީ ހަގު ދަރިފުޅު ޚުޝީ ކަޕޫރާ އެކު ކަމަށެވެ.
މިދިޔަ ހުކުރު ދުވަހު ނެޓްފްލިކްސްގައި ޕްރީމިއާކުރި ފިލްމު "ނާދާނިޔާން"ގެ ބަތަލާ މިހާތަނަށް ކުޅެފައިވާ ދެ ފިލްމު ވެސް ބޮނީ ބަލާފައިވާ ކަމަށާއި ޚުޝީގެ އެކްޓިންގް ހުނަރާ މެދު ފަޚުރުވެރިވާ ކަމަށް ބޮނީ މި ހަފުލާގައި ބުނެފައިވެއެވެ.
ޚުޝީ ބޭނުންވަނީ މަންމަ ސްރީދޭވީގެ ލެގަސީ ދިރުވަން ކަމަށާއި ސްރީގެ ދެ ކުދިންގެ އަޒުމަކީ ވެސް މަންމަގެ ފިޔަވަޅު މަތިން ކުރިއަށްދިއުން ކަމަށް ކާމިޔާބު ޕްރޮޑިއުސަރު ވަނީ ބުނެފައެވެ. ފިލްމު "މަމް"ގެ ސީކުއަލްގެ މަސައްކަތް ބޮނީ ފަށާނީ މިހާރު ފަށަން ތައްޔާރުވަމުން އަންނަ ފިލްމު "ނޯ އެންޓްރީ"އަށް ފަހު ކަމަށް ބޮނީ ވަނީ ބުނެފައެވެ.

ޚުޝީ އަދި ޖާންވީ މަންމަ ސްރީދޭވީއާ އެކު--ފޮޓޯ/ޓެލެގްރާފްއިންޑިއާ
ފިލްމު "ނޯ އެންޓްރީ"ގެ މަސައްކަތް މި އަހަރުގެ ޖުލައި ނުވަތަ އޮގަސްޓް މަހު ފެށޭވަރު ވާނެ ކަމަށާއި ފިލްމުގެ ކާސްޓުންނާ ބެހޭ މައުލޫމާތު ވެސް ވަރަށް އަވަހަށް އިއުލާނުކުރާނެ ކަމަށް ބޮނީ ވަނީ ބުނެފައެވެ.
ބޮނީ ކަޕޫރު ދެ ކައިވެންޏެއް ކޮށްފައިވާއިރު ފުރަތަމަ ކައިވެންޏަށް ވަނީ ދެ ކުދިން ލިބިފައެވެ. އެއީ، އެކްޓަރު އަރުޖުން ކަޕޫރު އަދި އަންޝުލާ ކަޕޫރެވެ. ސްރީދޭވީއާ ކައިވެނި ކުރުމަށް ފަހު ބޮނީއަށް ދެ އަންހެން ކުދިން ލިބިފައިވާއިރު ދެ ކުދިންގެ ތެރެއިން ޚުޝީ ކަޕޫރަކީ ބޮނީގެ އެންމެ 'ފެވަރިޓް' ކުއްޖާ ކަމަށް ވަރަށް ގިނަ ފަހަރު މަތިން ދައްތަ ޖާންވީ ކަޕޫރު ބުނެފައިވެއެވެ.
ޚުޝީގެ ފިލްމީ ކެރިއަރު ބައްޓަންވަމުން އަންނަގޮތާ މެދު ބޮނީ ވަރަށް އުފާވާ ކަމަށް ބުނެފައިވާއިރު ދެ ކުދިންގެ ފިލްމީ ކެރިއަރު ވެސް ފެންނަނީ ވަރަށް އުޖާލާކޮށް ކަމަށް ބޮނީ ވަނީ ބުނެފައެވެ.