'ރޭސް 4'އަށް ހާޝްވަރުދަން ގެންނާކަށް ނޫޅޭ

ބޮލީވުޑް އެކްޓަރު ހާޝްވަރުދަން--ފޮޓޯ/ބޮލީވުޑްހަންގާމާ

ބޮލީވުޑްގެ ކާމިޔާބު ފްރެންޗައިސް "ރޭސް 4"ގެ ވިލެންގެ ރޯލް އެކްޓަރު ހާޝްވަރުދަންއަށް ހުށަހަޅާފައިވާ ކަމަށް އިންޑިއާގެ މީޑިއާތަކުން ބުނުމާ ގުޅިގެން ފިލްމުގެ ޕްރޮޑިއުސަރު އެކަން ދޮގުކޮށްފިއެވެ.

މި ޚަބަރުތަކާ ގުޅިގެން ފިލްމު "ރޭސް 4"ގެ ޕްރޮޑިއުސަރު ރަމޭޝް ތައުރާނީ ބުނެފައިވަނީ އެ ފިލްމުގެ ވިލެންގެ ރޯލަށް ގެންނާނެ އެކްޓަރަކާ މެދު ބަހުސް ކުރެވެމުންދާ ކަމަށާއި ނަމަވެސް މިހާތަނަށް އެއްވެސް މީހަކަށް އެ ރޯލް ހުށަހަޅާފައިނުވާ ކަމަށެވެ.

ފިލްމުގައި ވިލެންގެ ރޯލު ގެންނާނީ ކިހިނެއް ކަމާމެދު ވެސް ވަކި ގޮތެއް ނުނިންމާ ކަމަށް ރަމޭޝް ވަނީ ބުނެފައެވެ.
ރަމޭޝް ތައުރާނީ ވަނީ އެކްޓަރު ސައިފް އަލީ ޚާނާ އެކު ފިލްމު "ރޭސް 4" އުފައްދަން ނިންމާފައިކަން އިއުލާނުކޮށްފައެވެ.

ފިލްމު "ރޭސް"ގެ އެންމެ ފަހު ފިލްމުގެ ޕޯސްޓަރެއް--ފޮޓޯ/ބޮލީވުޑްހަންގާމާ

މިދިޔަ އަހަރުގެ އޮކްޓޯބަރު މަހު "ރޭސް 4" އިއުލާނުކުރި ނަމަވެސް މިހާތަނަށް ފިލްމުގައި ސައިފާ އެކު ދެން ފެންނާނީ ކޮން ފިލްމީ ތަރިންނެއްކަން އަދި ފައިނަލްނުވާ ކަމަށް ރަމޭޝް ތައުރާނީ ވަނީ ބުނެފައެވެ.

ފިލްމަށް ހާޝް ވަރުދަން ސޮއިކުރި ކަމުގެ ވާހަކަތައް ފެތުރިފައިވާއިރު 2016 ވަނަ އަހަރު ހާޝް ލީޑް ރޯލު ކުޅުނު ފިލްމު "ސަނަމް ތޭރީ ކަސަމް" އަލުން ސިނަމާތަކުގައި ރިލީޒްކުރުމާ އެކު ފިލްމަށް ވަނީ ވަރަށް ބޮޑު ކާމިޔާބީއެއް ލިބިފައެވެ.

މި ފިލްމަށް ބޮކްސް އޮފީހުގައި ލިބުނު ކާމިޔާބީއާ އެކު ހާޝްއަށް ފިލްމީ ދާއިރާއިން އިތުރު ފުރުސަތުތަކެއް ލިބެމުން އަންނަ ކަމަށް ރިޕޯޓުތައް ބުނެއެވެ. ފިލްމު "ރޭސް 4"ގެ ވާހަކަ ވެސް މީޑިއާގައި ދެކެވެންފެށީ ހާޝްއަށް ފިލްމު ޕްރޮޑިއުސަރުންގެ ފަރާތުން ލިބެން ފެށި ސަމާލުކަމާ ގުޅިގެންނެވެ.

މި އަހަރުގެ ފަހުކޮޅު މަސައްކަތް ފަށާނެކަން އިއުލާނުކޮށްފައިވާ "ރޭސް 4"ގެ ފުރަތަމަ ދެ ފިލްމު ގެނެސްދީފައިވަނީ ޔޫޓީވީ މޯޝަން ޕިކްޗަސްއިންނެވެ. ނަމަވެސް، ފިލްމުގެ އެންމެ ފަހު ބައި ގެނެސްދިނީ އެކްޓަރު ސަލްމާން ޚާންގެ ފިލްމު ކުންފުނިންނެވެ.

comment ކޮމެންޓް