ނަޔަންތާރާއާއި މެޑީގެ ފިލްމު އަންނަ މަހު ނެޓްފްލިކްސްއަށް

ސައުތު ސިނަމާގެ މަގުބޫލު ބަތަލާ ނަޔަންތާރާ ބަތަލާގެ ރޯލުން ފެންނަ ފިލްމު "ޓެސްޓް" އަންނަ މަހު ނެޓްފްލިކްސްއިން ޕްރީމިއާކުރާނެކަން އިއުލާނުކޮށްފިއެވެ.

އިންޑިއާގެ ޤައުމީ ކުޅިވަރު، ކުރިކެޓުގެ މައިދާނުގައި ތިން ޝަހުސިއްޔަތެއް ދައްކުވައިދޭ މި ފިލްމުން ނަޔަންތާރާގެ އިތުރުން ދެން ފެންނާނީ މަގުބޫލު އެކްޓަރު އާރް މާދަވަން އަދި ސައުތު ސިނަމާގެ އިތުރުން ބޮލީވުޑްގެ ފިލްމުތަކުން ވެސް ފެނިފައިވާ އެކްޓަރު ސިދާތެވެ.

މި ތިން އެކްޓަރުން ވެސް ފުރަތަމަ ފަހަރަށް އެކީގައި މަސައްކަތްކުރާ މި ފިލްމަކީ ނެޓްފްލިކްސްއިން މި އަހަރު ރިލީޒްކުރާ ފުރަތަމަ ތަމަޅަ ފިލްމެވެ. ތަމަޅަ ފިލްމަކަށް ވިޔަސް "ޓެސްޓް" ނެޓްފްލިކްސްއިން ޕްރީމިއާކުރަން ނިންމާފައިވަނީ ހިންދީ، ތެލުގޫ، ކަންނާޑާ އަދި މަޅަޔާލަމް ބަހުންނެވެ.

ފިލްމު "ޓެސްޓް"ގެ ޕޯސްޓަރެއް--ފޮޓޯ/ބޮލީވުޑްހަންގާމާ

ފިލްމު "ޓެސްޓް"އަކީ މީގެ ކުރިން ގިނަ ފިލްމުތަކެއްގައި ޕްރޮޑިއުސަރެއްގެ ގޮތުގައި މަސައްކަތްކޮށްފައިވާ އެސް ސަޝީކާންތު ޑައިރެކްޓަރެއްގެ ގޮނޑި އަލަށް ފުރާނެ ފިލްމެވެ.

ވައިނޮޓް ސްޓޫޑިއޯއިން ގެނެސްދޭ މި ފިލްމަކީ ކުޅިވަރުގެ މައިދާނުގައި އެކި މަގާމުތައް ފުރަމުން އަންނަ މީހުންގެ މެދުގައި ދިމާވާ ޚިޔާލު ތަފާތުވުންތަކުގެ ސަބަބުން އެ ކުޅިވަރަށް ކޮށްފާނެ ނޭދެވޭ އަސަރު ވަރަށް ރަނގަޅަށް ދައްކުވައިދޭނެ ފިލްމެއް ކަމަށް ޑައިރެކްޓަރު އެސް ސަޝީކާންތު ވަނީ ބުނެފައެވެ.

ވައިނޮޓް ސްޓޫޑިއޯއާއި ނެޓްފްލިކްސް ގުޅިގެން ފިލްމު "ޓެސްޓް" ވުޖޫދަށް ގެނެސްދިނީތީ އެ ކަމަށް ޝުކުރު އަދާކުރާ ކަމަށް ޑައިރެކްޓަރު ސަޝީކާންތު ވަނީ ބުނެފައެވެ.

މިއީ ބެލުންތެރިންނަށް ވަރަށް ރަނގަޅު ފިލާވަޅުތަކެއް ގެނެސްދޭނެ ފިލްމެއް ކަމަށާއި އަންނަ މަހުގެ ހަތަރުވަނަ ދުވަހު ފިލްމު ބެލުމަށް ހުރިހާ އެންމެން ވެސް ތައްޔާރަށް ތިބުމަށް ކުރިން ނެޓްފްލިކްސްއަށް ފިލްމު ޕްރޮޑިއުސްކޮށްދީފައިވާ ސަޝީކާންތު ވަނީ ބުނެފައެވެ.

comment ކޮމެންޓް