ހުޅުމާލެ ދެވަނަ ފިޔަވަހީގައި މިހާރު ކަރަންޓާއި ފެން ނެޓްވޯކު ނޭޅި، ގޯތި ދީފައި އޮތް ސަރަހައްދުގައި މި އަހަރު ނިމޭއިރު ފެނާއި ކަރަންޓު އެޅޭނެކަމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)އިން ބުނެފިއެވެ.
ފޭސް ދޭއްގެ ބޮޑު ސަރަހައްދަކުން ވަނީ ބިންވެރިޔާ ސްކީމުގެ ދަށުން ގޯތި ދޫކޮށްފައެވެ. އެ ސަރަހައްދުގައި ކަރަންޓާއި ފެން ނެޓްވޯކު އަދި އަޅައިފައެއް ނުވެއެވެ. މީގެ އިތުރުން މައި މަގުތައް ތާރު އަޅައިގެން ކުރިން ތަރައްގީކުރި ނަމަވެސް އެތެރޭގެ މަގުތަކާއި، ދުވާރުފަދަ ތަންތަން ހުރީ ނުހަދައެވެ. އެހެންވެ އާންމުންނަށް އެ ސަރަހައްދު އޮތީ ބަންދުކޮށްފައެވެ.
އެއާއެކު އެ ތަނުގައި ފެނާއި ކަރަންޓު ނެޓްވޯކް އެޅޭނެ ތާރީޚަކާ ގުޅޭގޮތުން އެޗްޑީސީއަށް އާރްޓީއައިއެއް ހުށަަހަޅައިގެން "ސަން"އިން ސުވާލުކުރުމުން މިއަދު ލިބުނު ޖަވާބުގައި ވަނީ އެ މަސައްކަތް މި އަހަރު ނިމެންވާއިރަށް ނިންމައިލެވޭނެކަމަށް ބުނެފައެވެ.
އެގޮތުން ފެން ނެޓްވޯކް އެޅުމުގެ މަސައްކަތް މިހާރު އެމްޑަބްލިއުއެސްސީއާ ގުޅިގެން ކުރަމުން އަންނަކަމަށް ވަނީ ބުނެފައެވެ.
"މި އަަހަރުގެ ނިޔަލަށް އެ މަސައްކަތް ނިންމުމަށް މި ކުންފުނިން އެމްޑަބްލިއުއެސްސީއާއި ގުޅިގެން އަންނަނީ މަސައްކަތް ކުރަމުންނެވެ،" ޖަވާބުގައިވެއެވެ.
އެޗްޑީސީން ބުނީ ފެން ނެޓްވޯކު އެޅުމުގެ މަޝްރޫއަކީ އެމްޑަބްލިއުއެސްސީން ފައިނޭންސްކޮށްގެން ހިންގާ ޕްރޮޖެކްޓެއް ކަމަށެވެ.
މީގެ ކުރިން އެޗްޑީސީގެ އިސް އޮފިޝަލަކު "ސަން" އަށް ވިދާޅުވި ގޮތުގައި ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ބަންދުކޮށްފައި އޮތް ސަރަހައްދުގައި ކަރަންޓު ނެޓްވޯކް އެޅުމުގެ މަސައްކަތް ކުރުމުގެ މަސައްކަތް އޮތީ ސްޓެލްކޯއާ ހަވާލުކޮށްފައެވެ.
ނަމަވެސް އެއިރު، އެކަމާ ގުޅިގެން ސްޓެލްކޯގެ ފަރާތުން ބުނެފައިވަނީ ކަރަންޓު ނެޓްވޯކް އަޅާނީ އެޗްޑީސީން ކަމަށާއި، ސްޓެލްކޯގެ މަސައްކަތަކީ ކަރަންޓު ގްރިޑާ ނެޓްވޯކް ގުޅައިލުން ކަމަށެެވެ.
ބިންވެރިޔާ ސްކީމުގެ ދަށުން ގިނަ ބަޔަކަށް ފޭސް ދެއަކުން ގޯތި ލިބުނުއިރު، ކަރަންޓާއި ފެން ނެޓްވޯކު އެޅިފައި ނެތުމުގެ ސަބަބުން އެ ތަންތަނުގައި ގެދޮރު އިމާރާތް ނުކުރެވި ތިބެންޖެހުމުގެ ކަންބޮޑުވުން ގިނަ ބަޔަކު އަންނަނީ ފާޅުކުރަމުންނެވެ.