ރޯދަ ހަދިޔާގެ ގޮތުގައި ސަރުކާރުން ބަހާ މަސްދަޅު ކޭސް މިހާތަނަށް މާލެ ސަރަހައްދުގެ 48،000 ގޭބީސީއަށް ދީފިކަމަށާއި އަންނަ އަންގާރަ ދުވަހުން ފެށިގެން މަސްދަޅު ކޭސް ދޫކުރާނީ ހަމައެކަނި މިފްކޯގެ ފިހާރަތަކުން ކަމަށް ލޯކަލް ގަވަނަންސް މިނިސްޓަރު އާދަމް ޝަރީފް އުމަރު މިއަދު ވިދާޅުވެއްޖެއެވެ.
މިކަމާ ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި މިނިސްޓަރު އާދަމް ޝަރީފް މިއަދު ވިދާޅުވީ، މިރެއާ މާދަމާރޭ މިހާރެކޭ އެއްގޮތަށް 13 މަރުކަޒުން މަސްދަޅު ކޭސް ދޫކުރާނެ ކަމަށެވެ.
މިހާތަނަށް ގިނަ މީހުންނަށް ރޯދަ ހަދިޔާ ދޫކުރެވިފައި ވުމުން، އަންނަ އަންގާރަ ދުވަހުން ފެށިގެން މަސްދަޅު ކޭސް ދޫކުރާނީ ހަމައެކަނި މިފްކޯގެ ފިހާރަތަކުން ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. މާލެ އަދި ހުޅުމާލޭގައި ހުރި މިފްކޯގެ ހަތަރު ފިހާރަ ހުޅުވާފައި ހުންނަ ގަޑި ތަކުގައި މަސްދަޅު ކޭސް ދޫކުރުން ކުރިޔަށްދާނެއެވެ.
މިފްކޯގެ ފިހާރަތަކުން ވެސް މަސްދަޅު ކޭސް ދޫކުރުން ކުރިޔަށްދާނީ މިހާރެކޭ އެއްގޮތަށް، އޮންލައިން ޓޯކަން ނިޒާމުގެ ތެރެއިންކަން މިނިސްޓަރު ވަނީ ފާހަގަކުރައްވާފައެވެ. އަދި ބޭނުންވާ ހުރިހާ ފަރާތްތަކަށް ލިބެންދެން މަސްދަޅު ކޭސް ބެހުން ކުރިޔަށްދާނެކަމަށް މިނިސްޓަރު ލިޔުއްވާފައި ވެއެވެ.
އަންނަ ހަފުތާގެ ހޯމަ ދުވަހުގެ ނިޔަލަށް މާލެ ސަރަހައްދުގައި މަސްދަޅު ކޭސް ބަހައި ނިންމުމަށް މަސައްކަތްކުރަމުން އަންނަ ކަމަށް މިނިސްޓަރު ކުރިން ވަނީ ވިދާޅުވެފައެވެ.
ރޯދަ މަހު މަސްދަޅު ކޭސް ބެހުން ކުރިޔަށް ގެންދަނީ ރޭގަނޑުގެ ވަގުތުތަކުގައެވެ. މިހާރު މަސްދަޅު ކޭސް ބަހަނީ ކޮންމެ ރެއެއްގެ 21:30 އިން ފެށިގެން 23:30އާ ހަމައަށެވެ.
ދިވެހި ކޮންމެ ރައްޔިތަކަށް ރޯދަ ހަދިޔާއެއްގެ ގޮތުގައި މަސްދަޅު ކޭސް ދެއްވުމަށް ރައީސް ނިންމެވީ ސަރުކާރަށް އަހަރެއް ފުރުން ފާހަގަކުރުމަށް މިދިޔަ އަހަރުގެ ނޮވެންބަރު މަހު ސޯޝަލް ސެންޓަރުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ.
މާލޭ ސަރަހައްދަށް މަސްދަޅު ކޭސް ބަހަން ފެށީ މިދިޔަ މަހުގެ 20ވަނަ ދުވަހުއެވެ.
ރޯދަ ހަދިޔާގެ ގޮތުގައި ބަހާ މަސްދަޅު ކޭސްތައް -- ފޮޓޯ/އެސްޓީއޯ
މިދިޔަ ރަމަޟާންމަހު ސަރުކާރުން ވަނީ ކަރަންޓާއި ފެން ބިލުތަކުން ރައްޔިތުންނަށް ޑިސްކައުންޓެއް ދީފައެވެ. އަދި 82،000 ގޭބިސީއަކަށް 1.6 މިލިއަން ކިލޯގެ ކާޑުގެ ބާވަތްތައް ވެސް ސަރުކާރުން މިދިޔަ ރޯދަމަހާ ދިމާކޮށް ވަނީ ހިލޭ ފޯރުކޮށްދީފައެވެ.
މިއަހަރުވެސް ކަރަންޓު ބިލުން ޑިސްކައުންޓް ދެއްވާނެ ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.