އަޑުއެހުމަށް ކުޑަތަންވެފައި އޮއްވައި ސުއޫދާއި، މަހާޒާއި، އަޒްމިރަލްދާ ސަސްޕެންޑުކޮށްފި

ސުޕްރީމް ކޯޓުގެ ފަނޑިޔާރުން: ޖޭއެސްސީން ވަނީ ކުއްލި ގޮތަކަށް ފަނޑިޔާރު ހުސްނުއްސުއޫދާއި، އަޒްމިރަލްދާއާއި، މަހާޒު ސަސްޕެންޑުކުރަން ނިންމައިފައި -- ފޮޓޯ: ރައީސް އޮފީސް

މިއަދު ހެނދުނު 11:00 އަށް ގޮނޑި ގެއްލޭ މައްސަލައިގެ ވަގުތީ އަމުރާ ގުޅޭ އަޑުއެހުމެއް ތާވަލުކޮށްފައި ވަނިކޮށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އިން ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރުން ކަމަށްވާ ހުސްނުއްސުއޫދާއި، މަހާޒު އަލީ ޒާހިރާއި، ޑރ. އަޒްމިރަލްދާ ޒާހިރު ދެންމެ ސަސްޕެންޑުކޮށްފިއެވެ.

ޖޭއެސްސީގެ އިސް އޮފިޝަލަކު "ސަން"އަށް ވަނީ މި ކަން ކަށަވަރުކޮށްދެއްވައިފައެވެ.

ކުއްލި ގޮތަކަށް ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރަކު ސަސްޕެންޑުކުރިއިރު ހެނދުނު 11:00އަށް އޮތީ ގޮނޑި ގެއްލޭ މައްސަލައިގެ ވަގުތީ އަމުރާ ގުޅޭ އަޑުއެހުމެއް ތާވަލުކޮށްފައެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރުން: ޖޭއެސްސީން ވަނީ ކުއްލި ގޮތަކަށް ފަނޑިޔާރު ހުސްނުއްސުއޫދާއި، އަޒްމިރަލްދާއާއި، މަހާޒު ސަސްޕެންޑުކުރަން ނިންމައިފައި -- ފޮޓޯ: ރައީސް އޮފީސް

އޭގެ އިތުރުން މިއަދު ހެނދުނު 10:00 ގައި ވަނީ ސުޕްރީމް ކޯޓުގައި ތިއްބެވި ހަތް ފަނޑިޔާރުންގެ ތެރެއިން ދެ ފަނޑިޔާރުން ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހަށް ވެރިކަން ކުރާ ޕީއެންސީން ހުށަހަޅައިފައިވާ ބިލު މަޖިލީހުގެ ތަޅުމުން ފާސްކޮށްފައެވެ.

ޖުމްލަ 79 މެންބަރުން މަޖިލީހަށް ހާޒިރުވިއެވެ. މި ބިލު ފާސްކުރީ ވޯޓުގައި ބައިވެރިވި 77 މެންބަރުންގެ ތެރެއިން 68 މެންބަރުން ފާސްކުރަން ވޯޓު ދީގެންނެވެ. ބިލާ ދެކޮޅަށް ނުވަ މެންބަރުން ވޯޓު ދިނެވެ.

ސުޕްރީމް ކޯޓުން އަންނަނީ، މަޖިލިސް މެންބަރުން ޕާޓީން ވަކިކުރުމުން ނުވަތަ އަމިއްލައަށް ވަކިވުމުން ގޮނޑި ގެއްލޭ ގޮތަށް ގާނޫނު އަސާސީއަށް ގެނައި އިސްލާހު ބާތިލުކުރުމަށް އެދި ހުށަހަޅައިފައިވާ މައްސަލައެއް ބަލަމުންނެވެ.

އެ މައްސަލަ ކުރިއަށްދަނިކޮށް މި ބިލް ހުށަހެޅުމަކީ ޖުޑިޝަރީއަށް ބާރު ފޯރުވައި، ބިރު ދެއްކުމަށް ކުރާ ކަމެއްގެ ގޮތުގައި އިދިކޮޅުން ވަނީ ސިފަކޮށްފައެވެ.

comment ކޮމެންޓް